Roadha Mihaaru
ގަވާއިދާހިލާފަށް ކުނި އުކާ މީހުންގެ ޖޫރިމަނާ ފަސްކޮށްފި

ގަވާއިދާ ހިލާފަށް ކުނި އުކާ މީހުން ޖޫރިމަނާކުރުން 10 ވަނަ ދުވަހަށް ފަސްކޮށްފި

02 އޯގަސްޓް 2017

ރަޖިސްޓްރީ ނުކޮށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އެޅުން މި މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރަޖިސްޓްރީ ނުކޮށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އެޅުން މި މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.

ފިޔަވަޅު އަޅަން ފެށުން ލަސް މިކުރީ އިއްޔެ އިން ފެށިގެން އަމަލްކުރަން ފެށި ގަވާއިދުގެ ދަށުން ވެމްކޯ މެދުވެރިކޮށް ކުނި އުކާލުމުގައި އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވަނިކޮށެވެ.

މާލޭގައި މީގެ ކުރިން އާންމުކޮށް ކުނި އުކަނީ ބަންގްލަދޭޝް މީހުން ލައްވާ ކަމަށް ވިޔަސް އިއްޔެ އަމަލްކުރަން ފެށި ގަވާއިދުގެ ދަށުން އެ މީހުންނަށް އެކަން ކުރުން މަނަ އެވެ. މާލޭގައި އުފެދޭ ކުނި ނައްތާލުމުގެ ޒިންމާ މިހާރު ނަގަމުން އަންނަނީ ވެމްކޯ އިންނެވެ. އެކަމަކު އެތަނުގައި ރަޖިސްޓްރީކުރަން އާންމުންނަށް ދިން މުއްދަތުގައި ރަޖިސްޓްރީކުރަން ގިނަ މީހުން ތެޅިގަތީ އެންމެ ފަހު ވަގުތުގައި ކަމުން ކުނި އުކާލުމުގައި ވަނީ ދަތިތައް ކުރިމަތިވެފަ އެވެ.

އެއް ފަހަރާ އެތައް ހާސް ބަޔަކު ރަޖިސްޓްރީކުރުމުން ގޭގެއަށް ގޮސްގެން ކުނި އުކާލަން އުނދަގޫތައް ދިމާވުމުން، ބައެއް މީހުންނަށް ވެމްކޯ އިން އަންގާފައި ވަނީ ކުރިން ވެސް ކުނި އުކި ގޮތަށް ކުރިއަށް ގެންދިއުމަށެވެ. އެކަމަކު ޖޫރިމަނާކޮށްފާނެކަމުގެ ބިރުގައި ބަންގްލަދޭޝްގެ ގިނަ މީހުން ވަނީ އެ ހިދުމަތް ދިނުން ހުއްޓާލައިފަ އެވެ.

"ގަވާއިދާ ހިލާފަށް ކުނި އުކާ މީހުންނަށް ފުރަތަމަ ނަސޭހަތް ދޭނީ. ޖޫރިމަނާކުރާ ކުރާނީ 10 ގެ ފަހުން،" ވެމްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމިއްލަ އަށް ކުނި އުކަން ރެޖިސްޓްރީ ކުރާ މީހުންނަށް މިހާރު ވަގުތުން ކާޑެއް ދެމުން އަންނަ ކަމަށެވެ. ނަމަވެސް ވަގުތީ އެ ކާޑު ވީހާވެސް އަވަހަށް ދާއިމީ ކާޑަށް ބަދަލުކުރަން ޖެހެ އެވެ.