Roadha Mihaaru
ތަލްއަތުގެ ކެމެރާއިން ރާއްޖޭގެ އުޑުމަތީގެ ރީތިކަން

ތަލްއަތުގެ ކެމެރާއިން ރާއްޖޭގެ އުޑުމަތީގެ ރީތިކަން

29 ޖުލައި 2017

ތަރިތަކާއި ޕްލެނެޓްތަކާއި ޖައްވީ ދުނިޔެއާ މެދު މުހައްމަދު ތަލްއަތުގެ ޝައުގުވެރިކަން އުފެދުނީ 1998ގައި ނިކުތް ފިލްމު، "އާމަގަޑަން" އިންނެވެ. ދުނިޔެއަށް ވެއްޓެން އަންނަ ގިނިހިލައަކުން ސަލާމަތްވާން މަސައްކަތް ކުރާ ތަން ދައްކާ މި ފިލްމަށް ފަހު، ގިނިހިލަ އާއި ތަރިތަކާ މެދު އުފެދުނު ސުވާލުތައް ހޯދަން ދެން އޭނާ ކިޔަން ފެށީ އެކަމާ ގުޅޭ ފޮތްތަކެވެ. މިހާރު ތަލްއަތު އަންނަނީ ރޭގަނޑު އުޑުމަތީގެ ހިތްގައިމުކަން ފޮޓޯއިން ދައްކަމުންނެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެކަމަކު ޖައްވީ މި މަންޒަރުތައް ފޮޓޯ ނެގުމުގެ ހިޔާލު އޭނާއަށް އައީ ވަރަށް ފަހުންނެވެ. އެންމެ ފުރަތަމަ އެއީ ކުޅަދާނަ ކުރެހުންތެރިއެކެވެ. ފުރަތަމަ ކެމެރާއެއް ގަތީ ވެސް މީހުންގެ ފޮޓޯ ކުރެހުމަށް، ފޮޓޯ ނެގުމަށެވެ.

ތަލްއަތު ނަގާފައިވާ އުޑުމަތީގެ މަންޒަރެއް

ތަލްއަތު ނަގާފައިވާ އުޑުމަތީގެ މަންޒަރެއް

"ގެލެކްސީއަށް އޮންނަ ޝައުގުވެރިކަމުން، އަޅުގަނޑު އަބަދުވެސް ރޭގަނޑު އަނދިރީގައި ތަރިތަކަށް ބަލަން އިންނަން. އެއް ރެއަކު ރިސޯޓުގައި ޑިއުޓީ ނިންމާލާފައި، ތަރިތަކަށް ބަލަން އިންދައި ހިތަށްއެރީ ގެންގުޅޭ ޑީއެސްއެލްއާރު (ކެމެރާ)އިން އެ މަންޒަރު ފޮޓޯ ނަގަން. ހިޔެއް ނުކުރަން އެކަން ކުރެވޭނެ ކަމަކަށް. އެކަމަކު އެންމެ ފުރަތަމަ ނެގި އެ ފޮޓޯ ވަރަށް ކަމުދިޔަ،" އެސްޓްރޮފޮޓޮގްރަފީ ފެށުނު ގޮތް ތަލްއަތު، 27، ކިޔައިދިނެވެ.

ފުރަތަމަ ނެގި ފޮޓޯ ރީތިވުމުން، އެކަން ފެށީ ވަރަށް ބޮޑު ޝައުގުވެރިކަމަކާ އެކު އެވެ. ވަޒީފާގައި އުޅެމުން، ރޭގަނޑު ލިބޭ ހުސް ވަގުތުތައް އެކަމަށް ހުސްކުރި އެވެ. އުޑުމަތިން ތަރިތައް އެންމެ ރީތިކޮށް ފެންނަ ހިސާބު ފާހަގަކޮށް، އޭނާގެ އެ ހުނަރު ކުރިއެރުވޭތޯ މަސައްކަތް ކުރަން ފެށި އެވެ. ފޮޓޯ ނެގުމާ އެކު އޭނާ ދިޔައީ، އެސްޓްރޮފޮޓޯގްރަފީގެ މައުލޫމާތު އެކި ގޮތްގޮތުން ހޯދާ ދަސްކުރަމުންނެވެ.

ހަނދު އެންމެ ރީތިވާނެ އިރުވަރާއި "ގިނިހިލައިގެ ވާރޭ" ދުނިޔެ އަށް ކުރިމަތިވާނެ ފަދަ ދަނޑިވަޅުތައް ހޯދަމުން އައީ އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އާންމުކޮށް ފޯރުކޮށްދޭ މައުލޫމާތުތަކުގެ އެހީގަ އެވެ. އެފަދަ ހާލަތެއް އަންނަ ދުވަސްތަކަށް އިންތިޒާރުކޮށްގެން، އޭނާ އެ ފޮޓޯތައް ނެގޭތޯ ބަލަ އެވެ. އެކަމަކު އޭގެ ރީތި ފޮޓޯއެއް ނެގެނީ ހާލަކުން ފަހަރަކު އެވެ.

ތަލްއަތުގެ ހިތްގައިމު ފޮޓޯއެއް

ތަލްއަތުގެ ހިތްގައިމު ފޮޓޯއެއް

ތަލްއަތު ބުނިގޮތުގައި ފޮޓޯ ނެގުމަށް ވުރެ އެންމެ ގިނަ ވަގުތު ހޭދަވަނީ ސަރާސަރު އުޑުމަތިން، ތަރިތަކުގެ ރީތި މަންޒަރެއް ހޯދާށެވެ. ކިތަންމެ މޮޅު އަދި އާދައިގެ ކެމެރާއަކުން ވެސް އުޑުމަތީގެ ފޮޓޯއެއް ނެގިދާނެ އެވެ. އެކަމަކު އެ ފަދަ ހިތްގައިމު މަންޒަރެއް އަތުލެވޭނީ އާޓިސްޓިކް ލޮލަކުން ބަލައިގެން ކަމަށް އޭނާ ބުންޏެވެ.

"ގޭ ފުރާޅުމަތީގައި އިނދެގެން ވެސް އެސްޓްރޯފޮޓޯއެއް ނެގިދާނެ. އެކަމަކު ހަމަ އެންމެ ރީތި މަންޒަރު ފެންނާނީ ކަޅުފޮއެ ރެއެއްގައި، އުޑުމަތި ބަލައިގެން އެ ފަދަ މަންޒަރެއް ހޯދީމައި،" އައްޑުއަށް އުފަން އެ ޒުވާނާ ބުންޏެވެ.

ޓައިމްލެޕްސްގެ ބޭނުންކޮށްގެން ބައި ގަޑިއިރުން ވެސް އެސްޓްރޮފޮޓޯ ނެގޭއިރު، އެކި ރޭރޭ ނަގާ އެތައް ސަތޭކަ ފޮޓޯއެއް ވެސް އެއް ފޮޓޯއަކަށް ހަދަ އެވެ. ތަލްއަތު ބުނިގޮތުގައި ރީތި އެންމެ ފޮޓޯއެއް ހަދަން ވެސް އެތައް ވަގުތެއް އެކަމަށް ހުސް ކުރަން ޖެހެ އެވެ.

ރާއްޖޭގެ ރަށެއްގެ މަތިން އެތައް މިލިޔަން ތަރިތަކުން ޖަރީކޮށްފައި: ތަލްއަތު ހާއްސަ ވެފައިވަނީ މި ފަދަ ފޮޓޯ ނެގުމަށް-- ފޮޓޯ/ ތަލްއަތު މުހައްމަދު

ރާއްޖޭގެ ރަށެއްގެ މަތިން އެތައް މިލިޔަން ތަރިތަކުން ޖަރީކޮށްފައި: ތަލްއަތު ހާއްސަ ވެފައިވަނީ މި ފަދަ ފޮޓޯ ނެގުމަށް-- ފޮޓޯ/ ތަލްއަތު މުހައްމަދު

މިހާތަނަށް އައިރު އޭނާ ވަނީ އުޑުމަތީގެ ހިތްގައިމު އެތައް ފޮޓޯއެއް ނަގާފަ އެވެ. އެކަމަކު މީގެ ތެރެއިން އެއް ފޮޓޯ ވަރަށް ހާއްސަ އެވެ.

ރާއްޖެއަށް 360 ފޮޓޯގްރަފީ ތައާރަފް ވެގެން އައި ދުވަސްވަރު އޭނާ އެންމެ ފުރަތަމަ ނެގި މި ފޮޓޯ ވަނީ ފޭސްބުކްގައި ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ. މިދިޔަ އަހަރު ނެގި މި ފޮޓޯ މިހާތަނަށް ތިން ލައްކަ މީހުން ޝެއާކޮށްފައިވާއިރު 31 މިލިޔަން މީހުން ބަލައިފި އެވެ.

"މިއީ އަޅުގަނޑު އެއް ގަޑިއިރުގެ ތެރޭގައި ވަރަށް އުނދަގުލުން ނެގި ފޮޓޯއެއް. އެކަމަކު ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް މި ފޮޓޯއަށް އަންނަނީ ލިބެމުން. ބޭރުގެ އެތައް ބަޔަކު މި ފޮޓޯއަށް ޝައުގުވެރިވެ، އެ ފޮޓޯ ނެގި ގޮތާ މެދު ސުވާލު ކުރަމުން ދޭ،" ތަލްއަތު ބުންޏެވެ.

ތަލްއަތު އެންމެ ފުރަތަމަ ނެގި 360 ފޮޓޯގެ މަންޒަރުން ބައެއްގެ ސްކްރީން ޝޮޓެއް: އޭނާގެ ފޭސްބުކް ޕޭޖްގައި ޖެހި މި ފޮޓޯ ވަނީ ތިން ލައްކައަށް ވުރެ ގިނަ މީހުން ޝެއާކޮށްފައި

ތަލްއަތު އެންމެ ފުރަތަމަ ނެގި 360 ފޮޓޯގެ މަންޒަރުން ބައެއްގެ ސްކްރީން ޝޮޓެއް: އޭނާގެ ފޭސްބުކް ޕޭޖްގައި ޖެހި މި ފޮޓޯ ވަނީ ތިން ލައްކައަށް ވުރެ ގިނަ މީހުން ޝެއާކޮށްފައި

އޭނާގެ އެހެން ފޮޓޯއެއް ބީބީސީ އާތުގައި ވެސް ވަނީ ޝާއިއުކޮށްފަ އެވެ. މިއީ ވެސް އޭނާއަށް ލިބުނު ބޮޑު ޝަރަފެކެވެ.

އެސްޓްރޮފޮޓޯގްރަފީ ނެގޭނީ އުޑުމައްޗަށް ފެތުރޭ މަސްނޫއީ އަލި ވަރަށް މަޑު ތަންތަނުގަ އެވެ. ބޭރު ގައުމުތަކުގައި ބައެއް މީހުން، އެ ފަދަ ފޮޓޯ ނަގަން ދިގުދަތުރުތައް ކުރަން ޖެހެ އެވެ. އެކަމަކު ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި ރޭގަނޑު އަނދިރިކަން ފެތުރިފައި އޮންނާނެތީ ރާއްޖެ އަކީ އެ ފަދަ ފޮޓޯގްރަފީއަށް ވަރަށް އެކަށޭނެ ތަނެއް ކަމަށް ތަލްއަތު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ހިތްގައިމު އެސްޓްރޮފޮޓޯ ނެގޭނެ އެވެ. މިހާތަނަށް އޭނާ ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް، އުޑުމަތީގެ ރީތި ފޮޓޯތައް ގިނަ ބަޔަކާ ހިއްސާކޮށްފަ އެވެ.

އެތައް ބިލިޔަން ތަރިތަކުން އުޑުމަތި ޖަރީކޮށްފައިވަނިކޮށް ތަލްއަތު ނަގާފައިވާ ފޮޓޯއެއް

އެތައް ބިލިޔަން ތަރިތަކުން އުޑުމަތި ޖަރީކޮށްފައިވަނިކޮށް ތަލްއަތު ނަގާފައިވާ ފޮޓޯއެއް

މި ދާއިރާގައި އޭނާގެ ހުވަފެންތައް އަދިވެސް ގިނަ އެވެ. އުއްމީދަކީ އެސްޓްރޮފޮޓޯގްރަފީއަށް ހާއްސަ ކެމެރާއެއް ހޯދައިގެން ވީހާ ވެސް ބޮޑަކަށް އެ ދާއިރާއިން ކުރިއަށް ދިއުމެވެ. އަދި ޖައްވުގެ އަޖައިބުތައް ފޮޓޯއިން ދައްކައި، އެކަން ދަސްކުރަން ބޭނުންވާ މީހުންނަށް ކިޔައިދޭށެވެ.

މިހާތަނަށް އުޑުމަތީގެ ގުދުރަތީ ރީތިކަމުގެ މަންޒަރުތަކާ އެކު ރާއްޖޭގެ ރަށްރަށް ފެންނަ ފޮޓޯތަކެއް، ތަލްހަތުގެ ހުނަރުން ކުރަހާލަދިން މިންވަރަށް އާންމުންނާ ހަމައަށް އެހެން މީހަކު ގެނެސްދީފައެއް ނުވެ އެވެ. އެހެންކަމުން މި ޒުވާނާ ހަގީގަތުގައި ވެސް ކުރަމުން އެ އަންނަނީ އާދައިގެ މަސައްކަތެއް ނޫނެވެ.