Roadha Mihaaru
30 އަހަރަށް ފަހު ވިސާކާ މިސް ރާއްޖެއަށް އަލްވަދާއު

30 އަހަރަށް ފަހު ވިސާކާ މިސް ރާއްޖެއަށް އަލްވަދާއު ކިޔަނީ

25 ޖުލައި 2017

ގިނަ ދަރިވަރުންތަކެއްގެ ލޯބި ހޯއްދަވާފައިވާ އަދި ލަވަކިޔުމުން އިސްކަންދަރު ސްކޫލަށް ލިބިފައިވާ ކާމިޔާބީތަކުފެ ފަހަތުގައި ހުންނެވި އެ ސްކޫލުގެ މިއުޒިކް ޓީޗަރު ވިސާކާ ޕަހަތުކުބުރާ (ވިސާކާ މިސް) ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަތުމަށް ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގިނަ ދަރިވަރުންތަކެއްގެ ލޯބި ހޯއްދަވާފައިވާ އަދި ލަވަކިޔުމުން އިސްކަންދަރު ސްކޫލަށް ލިބިފައިވާ ކާމިޔާބީތަކުފެ ފަހަތުގައި ހުންނެވި އެ ސްކޫލުގެ މިއުޒިކް ޓީޗަރު ވިސާކާ ޕަހަތުކުބުރާ (ވިސާކާ މިސް) ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަތުމަށް ނިންމައިފި އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާއަށް 30 އަހަރު ހިދުމަތް ކުރައްވާފައިވާ، ސްރީލަންކާގެ ކެންޑީއަށް އުފަން މި ޓީޗަރަށް އަލްވަދާއު ކިޔުމަށް އިސްކަންދަރު ސްކޫލުގައި މިއަދު ވަނީ ދުވަހަކު ނުބާއްވާވަރުގެ އަލްވަދާއުގެ ހަރަކާތެއް ބާއްވާފަ އެވެ.

ކެންސަރުގެ ބައްޔާ ވަރަށް ގިނަ ދުވަހު ހަނގުރާމަކުރެއްވުމަށް ފަހު ވިސްކާ މިސް އަދިވެސް މުޅިން ރަނގަޅެއް ނުވެ އެވެ. ދިހަވަރަކަށް ދުވަހުގެ ތެރޭގައި އޭނާ އެނބުރި ގައުމަށް ވަޑައިގަންނަވަނީ ގިނައިރު ކޮޅަށް ހުންނެވުމަށާއި ހިނގާބިނގާވެ އުޅުއްވުމަށް އުނދަގޫވާތީ އެވެ.

ވިސާކާ މިސްއަށް އަލްވަދާއު ކިޔުމަށް ބޭއްވި އެސެމްބްލީގައި ސްކޫލުގެ ދަރިވަރުންތަކެއް އޭނާއަށް ހަދިޔާ ދެނީ-- ފޮޓޯ/ އިސްކަންދަރު

ވިސާކާ މިސްއަށް އަލްވަދާއު ކިޔުމަށް ބޭއްވި އެސެމްބްލީގައި ސްކޫލުގެ ދަރިވަރުންތަކެއް އޭނާއަށް ހަދިޔާ ދެނީ-- ފޮޓޯ/ އިސްކަންދަރު

"މިހާރު"އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެ ދޫކޮށްލެއްވުމަކީ "ހިތްހަލާކުވާ ވަރުގެ" ކަމެއް ކަމަށެވެ. އަދި ލަންކާއަށް ވަޑައިގެންނެވި ނަމަވެސް އަބަދު ވެސް ދަރިވަރުންނާއި އިސްކަންދަރު ސްކޫލާ ވެސް ގުޅުން ބާއްވަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ކިޔަވައިދިން ކުދިންގެ އަދަދު ގުނާ އަދަދު ނުކުރެވޭ. އެއިން ކޮންމެ ކުއްޖެއް ދެކެ ވެސް ވަރަށް ލޯބިވޭ. ދުވަހަކު ވެސް އެއިން ކުއްޖަކާ ދިމާއަށް ބާރަށް އެއްޗެކޭ ނުބުނަން،" ވިސާކާ މިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 1987 ވަނަ އަހަރު މާލެ ވަޑައިގެންނެވި އިރު ދަރިވަރުންނަކަށް މިއުޒިކާ ބެހޭ މާ ބޮޑު މައުލޫމާތެއް ނޭނގެ އެވެ. އެކަމަކު އެ އަހަރު އޭނާ ސްކޫލުގައި ފުރަތަމަ ފަހަރަށް ބޭންޑެއް އުފައްދަވައި، އެ ދާއިރާއިން ކިޔަވައިދެއްވަން ފެއްޓެވި އެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި އަހަރުތަކުގައި ބޭއްވި ލަވަ މުބާރާތްތަކުން އެ ސްކޫލު ވަނީ ރަން ވަނަތަކެއް ހޯދައިފަ އެވެ.

ވިސާކާ މިސް އަށް ދަރިވަރަކު މިއަދު އެހީވަނީ: އޭނާ ލަންކާއަށް އެނބުރި ވަޑައިގަންނަވަނީ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން-- ފޮޓޯ/ އިސްކަންދަރު ސްކޫލު

ވިސާކާ މިސް އަށް ދަރިވަރަކު މިއަދު އެހީވަނީ: އޭނާ ލަންކާއަށް އެނބުރި ވަޑައިގަންނަވަނީ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން-- ފޮޓޯ/ އިސްކަންދަރު ސްކޫލު

އޭރު ލަވަ މުބާރާތްތަކުގައި އެންމެ އާއްމުކޮށް އިވޭ ބަހަކީ ވެސް "ވިސާކާ މިސްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" އެވެ. ރާފިޔަތު ރަމީޒާ އާއި މަރިޔަމް އުނޫޝާ ފަދަ ކުޅަދާނަ ލަވަކިޔުންތެރިން ވެސް އެންމެ ފުރަތަމަ އެދުރުވީ އެ ޓީޗަރުގެ ފަރާތުންނެވެ.

"ފުރުމުގެ ކުރިން ހުރިހާ އެންމެންނަށް ހުރިހާ ކުދިންނަށް އަޅުގަނޑު ޝުކުރިއްޔާ ބުނެލަން ބޭނުން. އެހާ ރަނގަޅަށް ކަންތައް ކޮށްދިނީތީ. ސްކޫލުން ވެސް އަޅުގަނޑު ކަމަކު ބުނެފިއްޔާ ނޫނެކޭ ނުބުނޭ ދުވަހަކު ވެސް،" އޭނާ ވިދާޅުވި އެވެ.

ވިސާކާ މިސް ވިދާޅުވި ގޮތުގައި އޭނާ 1987 ވަނަ އަހަރު މާލެ ވަޑައިގެން، 2014 ވަނަ އަހަރާ ޖެހެންދެން ދިރިއުޅުއްވީ އެއް ގެއެއްގަ އެވެ. ސްކޫލަށް އޭނާ ވަޑައިގަތީ އެއް މަގަކުންނެވެ. ގ. ހިމިތީގޭގެ ކޮޓަރިއެއްގައި އޭނާ ދިރިއުޅުއްވި އިރު، އެ އާއިލާގެ އެންމެން ވެސް އޭނާއާ ވަރަށް ގާތް ކަމަށް ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެން ސައީދު ވިދާޅުވީ ވިސާކާ މިސްއަށް އަލްވަދާއު ކިޔުމަށް އެ ސްކޫލު ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. ކޮންމެ ކްލާހަކުން ވެސް ޓީޗަރަށް މާބޮނޑިއެއް ހަދިޔާ ކުރިއިރު، ދަރިވަރުން ވަކިވަކިން އެ ކުދިންގެ ޝުއޫރު ފާޅުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ވިސާކާ މިސް ކޮށްދެއްވި ހިދުމަތް ފާހަގަކޮށް އިސްކަންދަރު ސްކޫލުގެ ބައެއް އިސްވެރިން އޭނާއަށް ހަދިޔާއެއް ދެއްވަނީ-- ފޮޓޯ: އިސްކަންދަރު ސްކޫލު

ވިސާކާ މިސް ކޮށްދެއްވި ހިދުމަތް ފާހަގަކޮށް އިސްކަންދަރު ސްކޫލުގެ ބައެއް އިސްވެރިން އޭނާއަށް ހަދިޔާއެއް ދެއްވަނީ-- ފޮޓޯ: އިސްކަންދަރު ސްކޫލު

"ސްކޫލުގައި އެކަމަށް ބޭއްވި އެސެމްބްލީގައި ވެސް ދަރިވަރުން ޝުއޫރު ފާޅުކުރި. ކުދިން ވަރަށް އިހްތިރާމް ކުރާ ޓީޗަރެއް އެއީ،" ހުސެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިސާކާ މިސް ކިޔަވައިދެއްވާ ކްލާހެއްގައި ދަރިވަރުން ހީވެސް ލާ އަޑު ނީވޭނެ ކަމަށާއި މިވީ 30 އަހަރުގެ ތެރޭގައި ދަރިވަރެއްގެ އެއްވެސް މައްސަލައެއް އޭނާގެ ކްލާހަކުން ފެނިފައި ނުވާ ކަމަށެވެ.

އަދި ބަލިވެ ލަންކާއަށް ގިނަގިނައިން ދަތުރު ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، އެކޮޅުގައި މާގިނަ ދުވަހު މަޑުނުކުރައްވައި އަބަދު ވެސް މާލެ ވަޑައިގަންނަވާނެ ކަމަށާއި ސްކޫލުން ބޭނުންވެ ކޮންމެ ހިނދެއްގައި އޭނާ އެތަނުގައި ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

"ބައިވަރު ދަރިވަރުންތަކެއްގެ މަންމައެއް އެ ދަނީ. އެހެންވެ، ހުރިހާ ކުދިން ވެސް ތިބީ ވަރަށް ދެރަވެފައި،" ހުސެން ވިދާޅުވި އެވެ.

ވިސްކާ މިސް އަށް، ދަރިވަރުންގެ ހިތުގައި އޮތް ލޯބި، އޭނާ ކެންސަރަށް ފަރުވާ ހޯއްދެވުމަށް ސްކޫލުގެ ފަރާތުން ކުރި ކެމްޕޭނަށް ލިބުނު ފައިސާއިން އެނގެ އެވެ. އެ ފަހަރު ދަރިވަރުންނާއި ބެލެނިވެރިން ވަނީ އޭނާއަށް 1.6 މިލިޔަން ސްރީލަންކަން ރުޕީސް (160،000ރ.) އަށް ވުރެ ގިނައިން ހަދިޔާކޮށްފަ އެވެ.