13 ޖެނުއަރީ 2019
ތައުލީމީ ދާއިރާގައި ބިދޭސީން މަދުކޮށް އެ ދާއިރާގައި ދިވެހިން އިތުރު ކުރުމަކީ އާ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ތައުލީމީ ދާއިރާގައި ބިދޭސީން މަދުކޮށް އެ ދާއިރާގައި ދިވެހިން އިތުރު ކުރުމަކީ އާ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާތަނަށް އިމާރާތްކުރި އެންމެ ބޮޑު ސްކޫލް، ހުޅުމާލޭގެ ހުރަވީ ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރު ތައުލީމީ ދާއިރާގައި މަަސައްކަތް ކުރި ބިދޭސީންގެ އަދަދު ދެ ޕަސެންޓު ދަށްވެފައިވާ ކަމަށެވެ. އަދި މި އަހަރު 9،800 މުވައްޒަފުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާއިރު ބިދޭސީންގެ އަދަދު މިދިޔަ އަހަރަށް ވުރެ ވެސް ދަށްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބޭނުންވާ ޖަޒީރާ ސްކޫލުގެ ނިޒާމަށް މުޅިން ބަދަލު ކުރުމަށްޓަކައި މި ދާއިރާގައި ބިދޭސީން މަދުކޮށް ދިވެހިން އިތުރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް،" ރައީސް ވިދާޅުވި އެވެ.
ހުރަވީ ސްކޫލް: ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ސްކޫލް
އެމަނިކުފާނު ވިދާޅުވީ ދޮންބަންޑާރައިންގެ ޝަރަފުގައި ބިނާކޮށްފައިވާ 1400 ދަރިވަރުންގެ ޖާގައިގެ ހުރަވީ ސްކޫލަކީ ހުޅުމާލޭގެ މުސްތަގްބަލަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މިއީ ހުޅުމާލޭގެ މުސްތަގްބަލު ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް. އަދި ހުޅުމާލެއަށް ހިޖުރަކުރަން ބޭނުންވާ އާއިލާތަކަށް ލިބޭ އަގުހުރި ވަސީލަތެއް ވެސް މެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ހުރަވީ ސްކޫލް އެ ރަސްކަލަކަށް ނިސްބަތްވާ ދޮންބަންޑާރަ އިން ފަދައިން ގައުމަށް މުހިންމު ހިދުމަތްތަކެއް ކުރާނެ ޒުވާން ޖީލެއް އުފައްދައިދޭނެ މުއައްސަސާއަކަށް މި ސްކޫލް ވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން."
ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ މީހުން ބިނާ ކުރުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ތަރައްގީއަށް މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ މީހުން ބިނާ ކުރުން. އިންސާނީ ވަސީލަތްތައް ތަރައްގީކޮށް އިތުރު ކުރުން. މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރާނެ އެންމެ މުހިންމު، އެންމެ ބޮޑު މަސައްކަތަކީ ވެސް މިއީ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމާލެއްވީ އިންސާފަށް ލޯބި ކުރުމަށް ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު އެވެ.
"ތިޔަ ކުދިން އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ ތިޔަ ކުދިންނަކީ މި ގައުމުގެ ކުރިމަގުގެ ލީޑަރުންކަން. ތިޔައީ މި ގައުމުގެ އެންމެ އަގުބޮޑު ރައުސުލްމާލު ވެސް މެ. ގައުމުގެ މިސްރާބު ސީދާ ކުރާނެ ލީޑަރުން ކަމުގައި ތިޔަ ކުދިންނަށް ވެވޭނީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ނުރަނގަޅު ގޮތް ދޫކޮށްލައި ރަނގަޅު ގޮތުގައި ހިފައިގެން،" ރައީސް ވިދާޅުވި އެވެ.
"ސްކޫލް މަރުހަލާގައި ވެސް އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް އާންމު މަސްލަހަތަށް އިސްކަން ދީގެން. ހަމަ އާއި އިންސާފަށް ލޯބިކޮށް ތަފާތު ވިސްނުމުގެ ކުދިންނާ އެކު އުޅެން ދަސްކޮށްގެން. ދިމާވާ ކޮންމެ ކަމެއް ވެސް ހައްލު ކުރަންވާނީ ސުލްހަވެރިކޮށް ކަމަށާއި އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިހްތިރާމް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން އަޅުގަނޑު ފާހަގަކުރަން."
ރައީސް ވިދާޅުވީ، އުނގެނުމަކީ އެންމެން އެކުގައި ކުރާ ކަމަކަށް ހަދަން ވާނެ ކަމަށެވެ.
"އެއީ ވަކި އުމުރެއްގެ، ވަކި ޖިންސެއްގެ، ވަކި މިންތިއެއްގެ މެދުގައި ހިނގާ ކަމެއް ނޫން. އިލްމާއި ހުނަރާއި އުނގެނުން އެންމެ ފުންމިނުގައި ކަށަވަރު ކުރެވޭނީ، އެންމެން އެކުގައި މުޖްތަމައުގެ ހުރިހާ އެންމެން، އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ފިރިހެނުންނާއި އެކި ގައުމުތަކުގެ މީހުންގެ ބައިވެރިވުމާ އެކު، ކިޔަވައިދިނުމާއި އުނގެނުމުގެ މާހައުލު މި ގޮތަށް ބައްޓަން ކުރުމުން، ހަމްދަރުދީ ވާން އެނގޭ، އެކަކު އަނެކަކަށް އިހްތިރާމު ކުރަން އެނގޭ ޖީލެއް ބިނާ ކޮށްދެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ
ޓީޗަރުންގެ މުސާރަ ބޮޑުކުރަން އެބަ މަސައްކަތްކުރަން: ރައީސް
އިއްޒުއްދީންގެ ދަރިވަރުން ގެއަށްދާނީ ނަމާދުކޮށް ކައިގެން
ޓީޗަރުން ހޯދުމުގެ ކަންކަން އިންޑިއާގެ ކުންފުންޏަކަށް
އެތައް އަހަރަކަށް ފަހު ޕްރައިމަރީއަށް ބިދޭސީ ޓީޗަރުން!
ހުރަވީ ސްކޫލަކީ ބައިނަލްއަގްވާމީ ޑިޒައިނެއް:އާކިޓެކްޓް
ރާއްޖޭގެ އެންމެ ބޮޑު ސްކޫލްގެ ފުރަތަމަ ދުވަސް
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
ޓީޗަރުންނާއި ވަސީލަތްތައް ވެސް ހަމަ: މިނިސްޓަރު
ފަސްޓް ލޭޑީ، ޕްރިންސިޕަލުންނާ ބައްދަލުކުރައްވައިފި