Roadha Mihaaru
ޖޭޕީގެ މެމްބަރުން އެނބުރި އައުމަށް އަންގަނީ

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހޮވުނު މެމްބަރުން އެނބުރި އައުމަށް އަންގަނީ

21 ޖުލައި 2017

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ހޮވުނު މެމްބަރުން އެނބުރި އެ ޕާޓީ އަށް އައުމަށް އެންގުމަށާއި އެ މީހުން އަލުން ޖޭޕީއާ ނުގުޅިއްޖެ ނަމަ، ފިޔަވަޅު އެޅުމުގެ ބާރު ޕާޓީގެ ލީޑަރަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން ރޭ ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ހޮވުނު މެމްބަރުން އެނބުރި އެ ޕާޓީ އަށް އައުމަށް އެންގުމަށާއި އެ މީހުން އަލުން ޖޭޕީއާ ނުގުޅިއްޖެ ނަމަ، ފިޔަވަޅު އެޅުމުގެ ބާރު ޕާޓީގެ ލީޑަރަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން ރޭ ނިންމައިފި އެވެ.

ޖޭޕީގެ ޕާލަމެންޓްރީގެ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވީ ރޭގެ ކައުންސިލް ބައްދަލުވުމުން ނިންމީ އެ ޕާޓީގެ ޓިކެޓްގައި ހޮވުމަށް ފަހު ޕީޕީއެމްއާ ގުޅިގެން މަސައްކަތްކުރާ ހުރިހާ މެމްބަރުން އެނބުރި އައުމަށް އެންގުމަށާއި، އެ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެކަން ކުރުމުގެ ބާރު ޕާޓީގެ ލީޑަރަށް ދިނުމަށް ކަމަށެވެ. އަދި ކައުންސިލްގެ ނިންމުމާ އެއްގޮތަށް އެ މެމްބަރުންނަށް އަންގަން ޖެހޭ އެންގުންތައް ޕާޓީން އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ޓިކެޓްގައި ހޮވުނު މެމްބަރުން އެނބުރި އެ ޕާޓީއާ ގުޅުމަށް ދިނީ ކިހާ މުއްދަތެއް ކަމެއް ރިޔާޒް ވިދާޅެއްނުވެ އެވެ. އެ ޕާޓީން އެ ގޮތަށް އަންގަން ނިންމި އިރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިހާރު ގެންދަވަނީ ފުއްޕާމެ އާއި ހިތްޕުޅުގެ އާލާސްކަންފުޅަކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވުމަށްފަހު ޕީޕީއެމްއާ ގުޅުނު މެމްބަރުންނަކީ ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސައިނާއި މިލަންދޫ ދާއިރާގެ ހަސަން މުފީދާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނެވެ.

ޖޭޕީގެ މެމްބަރުންގެ ގޮތުގައި މަޖިލީހަށް ހޮވުމަށްފަހު ޕީޕީއެމްއާ ގުޅުނު މެމްބަރުން އެނބުރި އެ ޕާޓީއާ ގުޅުމަށް އަންގަން ނިންމި އިރު ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވުމަށް ފަހު ޕީޕީއެމާ ގުޅުނު ބައެއް މެމްބަރުން މިހާރު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.

ރައްްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއިރު ޕީޕީއެމްގެ ދިހަ މެމްބަރަކު ސޮއިކުރެއްވި އިރު، އޭގެ ތެރެއިން ހަ މެމްބަރަކު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލިފައިވާ ކަމަށް މިހާރު އަންގާފައިވެ އެވެ.