Roadha Mihaaru
ޕީޕީއެމް/ޖޭޕީ: ހިތްހަމަނުޖެހުމާއި ކޯޅުންގަނޑެއްގައި!

ޕީޕީއެމް/ ޖޭޕީ: ހިތްހަމަނުޖެހުމާއި ކޯޅުންގަނޑެއްގައި!

17 ފެބުރުއަރީ 2019

އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން ދިން ޓިކެޓްތަކަށް ބަދަލު އައުމާ އެކު، އެ ދެ ޕާޓީގެ މެމްބަރުންގެ ހިތްހަމަނުޖެހުންތައް ބޮޑުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން ދިން ޓިކެޓްތަކަށް ބަދަލު އައުމާ އެކު، އެ ދެ ޕާޓީގެ މެމްބަރުންގެ ހިތްހަމަނުޖެހުންތައް ބޮޑުވެއްޖެ އެވެ.

ބައެއް މީހުން ބުނާ ގޮތުން، މިއީ ދެ ޕާޓީ ސިއްރުން ގުޅިގެން ޖަރީމާ އެކެވެ. މިހާރު ނިންމާފައިވާ ގޮތުން، ޖޭޕީން ވާދަކުރާ މުހިންމު ދާއިރާތަކަކަށް ޕީޕީއެމުން ކުރިމަތިނުލާށާއި، ޕީޕީއެމުން ވާދަކުރާ ބައެއް ދާއިރާތަކަށް ޖުމްހޫރީ ޕާޓީން ނުނިކުންނަން ވަނީ ނިންމައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ބޭއްވި މަޝްވަރާތަކަށް ފަހުގައި ރައީސް ޔާމީން ގެންދަވަނީ ޖުމްހޫރީ ޕާޓީން ބޭނުންވާ ބައެއް ދާއިރާތަކަށް ޕީޕީއެމާއި ޕީއެންސީން ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ނަން ނެގުމަށް އަންގަވަމުންނެވެ. ގާސިމް ގެންދަވަނީ ޕީޕީއެމުން ބޭނުންވާ ދާއިރާތަކަށް ޖުމްހޫރީ ޕާޓީން ވާދަނުކުރަން އަންގަވަމުންނެވެ.

މިހާރު ވެސް ގެމަނަފުށީ ދާއިރާގެ މެމްބަރަކަށް ހުންނެވި ޖަމީލް އުސްމާން އިންތިޚާބުގައި ވާދަ ނުކުރައްވައި، ޖުމްހޫރީ ޕާޓީން ވާދަކުރައްވާ އަލީ އާދިލް އަށް އެ ފުރުސަތު ދިނުމަށް ޔާމީން ވަނީ އަންގަވައިފަ އެވެ. ޔާމީން ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އާދިލަކީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އެކެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމާއި ކުރީގެ ރައީސް ޔާމީން-- ފޮޓޯ: މިހާރު

ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމާއި ކުރީގެ ރައީސް ޔާމީން-- ފޮޓޯ: މިހާރު

އަދި ފުވައްމުލަކު ދެކުނު ދާއިރާ ޖުމްހޫރީ ޕާޓީ އަށް ދޫކުރަން ނިންމެވުމުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.

އެއް ޕާޓީން އަނެއް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށްޓަކައި ގިނަ ކެންޑިޑޭޓުންތަކެއްގެ ޓިކެޓް އެ ދެ ޕާޓީން ވެސް ވަނީ މިހާތަނަށް އަތުލައިފަ އެވެ. އޭގެ ތެރެއިން ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތަށް އިންތިޚާބުގައި ވާދަކުރަން ވަނީ ނިންމައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ ވަޓްސްއަޕް ގްރޫޕުގައި މިހާރު ވެސް މަޖިލީހުގެ މެމްބަރަކަށް ހުންނެވި ބޭފުޅަކު ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓު ދީފައިވާ ބޭފުޅުންގެ ޓިކެޓް އަނބުރާ އަތުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ޕީޕީޕީއެމާ ގުޅުމަކީ އަނިޔާވެރި ކަމަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"އަނިޔާވެރި ކަމަށް ހިތްވަރުދިން ބޭފުޅުންނަށް މަގުފަހިވާ ގޮތަށް ދާއިރާތައް ބައްޓަން ކުރަން މަސައްކަތް ކުރުމަކީ ކުރީގެ މަގަށް ރުޖޫއަވުން،" ގާސިމް ވެސް ހިމެނިވަޑައިގަންނަވާ ވަޓްސްއަޕް ގުރޫޕުގައި މެމްބަރަކު ލިޔުއްވާފައިވެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމާއި އޭނާގެ ދަރިކަލުން ސިޔާދު ގާސިމް ހައްޔަރުކޮށް ޖަލުގައި ބަންދުކުރުމުގެ އިތުރުން ވިލާ ކުންފުނީގެ ވިޔަފާރި އަށް ހުރަސް އެޅިކަން ފާހަގަކޮށް ޔާމީނާ ނުގުޅުމަށް ވެސް ބައެއް މެމްބަރުން ގޮވާލައްވާފައިވެ އެވެ.

"ގާސިމް ނުވިސްނަވާ ލިބިވަޑައިގެން އަނިޔާއަކަށް. ޑީލް ހައްދަވަނީ އަމިއްލަ ފައިދާ އަށް. މިކަން މި ކުރަނީ ވެސް އެހެންވެ،" ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކު ނަން ހާމަނުކުރަން އެދި ވިދާޅުވި އެވެ.

މިހާރު ވެސް މަޖިލިސް މެމްބަރަކަށް ހުންނެވި، ޕީޕީއެމަށް ނިސްބަތްވާ ބޭފުޅަކު ވެސް ވިދާޅުވިގޮތުގައި ވަފާތެރިކަމާ އެކު ޕާޓީގައި ހުއްޓާ އެގޮތަށް ޓިކެޓު އަތުލައި ޖުމްހޫރީ ޕާޓީ އަށް ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

PPM ge SG kamun Matheen isthiufa dhevvai amilla gothun vaadha kuravvanee

PPM ge SG kamun Matheen isthiufa dhevvai amilla gothun vaadha kuravvanee

The most trusted news source in the Maldives

Mihaaru

މަތީން އަމިއްލަ ގޮތުން ކުރިމަތިލާން ނިންމުން--

އުނގޫފާރު ދާއިރާ އަށް ވާދަ ކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގެންނެވި ޕީޕީއެމްގެ ސެކެޓަރީ ޖެނެރަލް އަބްދުލް މަތީންގެ ޓިކެޓު އަތުލުމަށް ނިންމުމުން އޭނާ ވަނީ އެސްޖީ މަގާމުން އިސްތިއުފާ ދެއްވައި އަމިއްލަގޮތުން އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވައިފަ އެވެ. މަތީންގެ ޓިކެޓު އަތުލީ އެ ދާއިރާ އަށް ޖުމްހޫރީ ޕާޓީން ކުރިމަތިލައްވާ، މިހާރު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދަށް ރައީސް ޔާމީން ތާއީދު ކުރެއްވުމަށެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން ބުނާ ގޮތުގައި ގާސިމް، ޔާމީނަކަށް ހެވެއް ނޭދޭނެ އެވެ. ގާސިމާ ގުޅުމަކީ ބޭކާރު ކަމެއް ކަމަށް ވެސް އެ މެމްބަރުން ބުނެ އެވެ. އަދި ޔާމީނަށް ވަފާތެރިންގެ އަތުން ޓިކެޓް އަތުލައި ޖޭޕީގެ މެމްބަރުންނަށް ފުރުސަތު ދެއްވަން ނިންމެވި ނިންމެވުން ބަލައިނުގަނެވޭނެ ކަމަށް އެ މީހުން ބުނެ އެވެ. އެކަމަކު ބައެއް މެމްބަރުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ޓިކެޓްގެ ކަންކަން ނިންމުމަށް ކައުންސިލުން ބާރު ދީފައި ވަނީ ޔާމީނަށް ކަމަށް ވާތީ، އެމަނިކުފާނުގެ ނިންމެވުމަށް އިހުތިރާމް ކުރަން ޖެހެ އެވެ.

ޖޭޕީގެ ކައުންސިލުން ވެސް ނިންމާފައި ވަނީ ޓިކެޓްގެ ކަންކަން ލީޑަރު ގާސިމަށް ދޫކޮށްލުމަށެވެ. އެހެންވެ، ޓިކެޓްގެ މައްސަލައިގައި އެ ޕާޓީގެ އެއްވެސް ގުނަވަނެއްގެ ބާރެއް މިހާރަކު ނެތެވެ.