Roadha Mihaaru
މަރުވި ތުއްތު ކުދިންގެ އައިބުތައް ވަރަށް ގިނަ

ތުއްތު ކުދިން މަރުވީ އައިބުތައް ހުރެގެންނާއި ދުވަސް ނުފުރާ ވިހައިގެން!

19 ޖުލައި 2017

ވޭތުވެ ދިޔަ ދެ ހަފުތާތެރޭގައި އަށް ތުއްތު ކުއްޖަކު މަރުވެ، އޭގެ ތެރެއިން ބައެއް ކުދިން ދުވަސް ނުފުރާ ވިހާފައިވާ އިރު، އެހެން ކުދިންގެ ބޮޑެތި އައިބުތައް ހުރި ކަމަށް "މިހާރަ"ށް އެނގިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ވޭތުވެ ދިޔަ ދެ ހަފުތާތެރޭގައި އަށް ތުއްތު ކުއްޖަކު މަރުވެ، އޭގެ ތެރެއިން ބައެއް ކުދިން ދުވަސް ނުފުރާ ވިހާފައިވާ އިރު، އެހެން ކުދިންގެ ބޮޑެތި އައިބުތައް ހުރި ކަމަށް "މިހާރަ"ށް އެނގިއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދެއްކި ކުޑަކުދިންގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި މަރުވި ގިނަ ކުދިންނަކީ ބަނޑަށް ހަ މަހުގައި ނުވަތަ ފަސް މަހުގައި ވިހޭ، ބަރުދަން ވަރަށް ލުއި ކުދިންނެވެ. އަދި ދުވަސް ފުރާ ވިހޭ ބައެއް ކުދިންގެ ވެސް ހަށިގަނޑުގައި ބޮޑެތި އައިބުތަކެއް ހުރުމުން ކުޑައިރުކޮޅެއްގެ ތެރޭގައި މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައިބުތަކުގެ ތެރޭގައި ފުއްޕާމޭގެ ތެރެއިން ގޮހޮރާއި ބަނޑު އަރާފައި ވެސް އެބަހުރި. އަދި ހިތުގެ ބޮޑެތި އައިބުތައް ހުރިއިރު އެއް ކުއްޖެއްގެ ހިތާއި ސިކުނޑި އާއި ހުރިހާ ގުނަވަނެއްގައިހެން ވެސް އައިބުތައް ހުރި،" އެ ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ބޮޑު އޮޕަރޭޝަނެއް ކޮށްގެން ވެސް ފުރާނަ ސަލާމަތް ވުން ނާދިރު ހާލަތްތަކެއް ކަމަށާއި ރާއްޖޭން ބޭރުން ވެސް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި މެޝިންތަކުގެ އެހީގައި ފަހަރެއްގައި އެ ކުދިންގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް ނުކުޅެދުންތެރި ހާލަތަކަށް ދިޔުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.

ފަހަކަށް އައިސް މި ފަދަ މައްސަލަތައް އިތުރުވަމުން ދާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެއީ ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި، ވަށައިގެންވާ މާހައުލުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހަކުރު ބޭނުން ކުރާ މިންވަރު މަތިވުމާއި އެކި ވައްތަރުގެ ފިޒީ ޑްރިންކްސްގެ ސަބަބުން ވެސް މި ފަދަ މައްސަލަތައް އިތުރުވުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.

އުފަންވާ ތަނުން ނުވަތަ ވަރަށް ޅަ އުމުރުގައި ތުއްތު ކުދިން މަރުވުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް މަދުކުރެވިފަ އެވެ. އަދި ރާއްޖެ އަކީ މި ސަރަހައްދުން ވެސް އެ ނިސްބަތް އެންމެ ދަށް ގައުމެވެ.

އެކަމަކު ފަހަކަށް އައިސް ރާއްޖޭގައި ތުއްތު ކުދިން މަރުވާ ނިސްބަތް އިތުރުވެފައިވާކަން ރަސްމީ އެއްވެސް އިދާރާއަކުން ޔަގީނެއް ނުކުރެވުނެވެ.

ހެލްތު މިނިސްޓްރީން ބުނީ އެކަމާ ގުޅޭ މައުލޫމާތު ޓީވީ ޕްރޮގްރާމަކަށް އަރައި ދޭނެ ކަމަށާއި މި ވަގުތު އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

އާއްމުންގެ ސުވާލުތަކަކަށް ޖަވާބު ދެއްވަމުން މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ކުރިން ވިދާޅުވި ގޮތުގައި ޅަ އުމުރުގައި ކުދިން މަރުވާ ސަބަބު ދެނެގަނެ، އެކަން މޮނީޓާ ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ވަނީ ގާއިމުކޮށްފަ އެވެ. އަދި ތުއްތު ކުއްޖަކު މަރުވެއްޖެ ނަމަ، އޭގެ ސަބަބު ބަލައި ރިޕޯޓު ކުރަން ޖެހޭނެ ކަމަށާއި އަދި އޭގެ ފަހުން، ކަމާ ބެހޭ ތަޖުރިބާކާރުންގެ ޕެނަލަކުން ވެސް އެކަން ދިރާސާކޮށް، މަރުގެ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފަދަ މަރުތައް ދެނެގަނެ، އެކަން ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް ނިޔާފް ވިދާޅުވި އެވެ.