Roadha Mihaaru
ފަހަތަށް ނުޖެހޭނަން، ގޮނޑި ގެއްލުނަސް ހެޔޮ: އަބްދުﷲ

ފަހަތަކަށް ނުޖެހޭނަން، ގޮނޑި ގެއްލުނަސް މައްސަލައެއް ނެތް: އަބްދުﷲ

14 ޖުލައި 2017

ގައުމު އިސްލާހު ކުރަން ކުރާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކި ކުރަން ވޯޓު ދެއްވައިގެން ގޮނޑި ގެއްލުނަސް މައްސަލައެއް ނެތް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގައުމު އިސްލާހު ކުރަން ކުރާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކި ކުރަން ވޯޓު ދެއްވައިގެން ގޮނޑި ގެއްލުނަސް މައްސަލައެއް ނެތް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ ގައުމާއި މަޖިލީހުގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑުކޮށްލަން ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތުގައި ދެމިހުންނަވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ހުކުމަކުން އަޅުގަނޑު ކުރާ މަސައްކަތަށް އިތުރު ބަދަލެއް ނާންނާނެ. މަސީހް ވަކި ކުރުމުގެ މައްސަލާގައި ނަގާ ވޯޓުގައި ބައިވެރިވެ މަސީހް ވަކިކުރަން ވޯޓު ދޭނަން،" އަބްދުﷲ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.

ޕީޕީއެމުން ވަކިކުރަން ސިޓީ ފޮނުވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ވިދާޅުވި ގޮތުގައި ކޯޓުގެ ހުކުމަކީ ގާނޫނުއަސާސީގެ ދުސްތޫރު ގެއްލިގެން ދިޔަ ހުކުމެއް ކަމަށެވެ.

އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކެއް ހުރިއިރު، ވަކި ބަޔަކަށް ގޮނޑި ގެއްލުމުގެ ބާރު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، މި ހުކުމާ މެދު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ވެސް މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި އަބްދުﷲ ވިދާޅުވި އެވެ.

ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިފިނަމަ، ބައި އިލެކްޝަންގައި ވާދަކުރައްވާނަންތޯ ދެންނެވުމުން ކުރުމުން އޭނާ ވިދާޅުވީ އިންތިހާބަށް އަލުން ކުރިމަތިލެއްވުމުގެ ކުރިން ދާއިރާގެ ރައްޔިތުން އެދޭ ގޮތް އޮޅުންފިލުއްވާނެ ކަމަށެވެ. އަދި ގޮތެއް ނިންމާނީ ރައްޔިތުންގެ ބަހަކާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި ފެނިގެން މިދަނީ ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރުތައް ހަނިކުރަމުންދާ ތަނެވެ. އަދި ބާރުތައް ހަނިކުރީމަ، 2019 ގައި އޮންނަ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލައްވާ ޒުވާނުންނަށް މަޖިލީހުގައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒުވާނުން ގައުމުގައި ހިދުމަތް ކުރަން އައީމަ، ކޮންކަމެއްތޯ ކުރެވޭނީ؟ އެއްވެސް ކަމެއް ނުކުރެވޭނެ. އެހެންވީމަ މަޖިލީހުގެ ބާރުތައް ހަނި ކުރަން ކުރާ މަސައްކަތާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ޖޭޕީގެ ޓިކެޓުގައި މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި އަބްދުﷲ ވިދާޅުވި އެވެ.

"އަޅުގަނޑެއް ހަމަ ޔަގީނުން ވެސް ބޭނުމެއް ނޫން މަޖިލީހަކީ ހަމައެކަނި ތޮށިގަނޑެއްގެ ގޮތުގައި އޮންނާކަށް."

ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނާ ގޮތުން ގޮނޑި ގެއްލޭނީ މިއަދުން ފެށިގެން ޕާޓީތަކުން ވަކިވާ، ވަކިކުރާ އަދި އެހެން ޕާޓީއަކާ ގުޅޭ މެމްބަރުންނެވެ. މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ފަހު އެތައް މެމްބަރުންނެއް އެކި ޕާޓީތަކަށް ބަދަލުވެފައި ވިޔަސް، އެ މެމްބަރުންގެ ގޮނޑިއަށް އަސަރެއް ނުކުރެ އެވެ.

މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ ދާއިރާއެއްގެ ބައިއިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. ގާނޫނު ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ހުސްވާ ގޮނޑިތަކުގެ ބައިއިލެކްޝަން ބާއްވަން ޖެހެނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ.