11 ޖުލައި 2017
އެންމެ މީހަކަށްޓަކައި ސަރުކާރުން މިހާ ވަރަށް އުޅެން ޖެހޭނެ ހެއްޔެވެ؟ މިއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ސަލާމަތްކުރަން ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން ބައެއް މީހުން ކުރާ ސުވާލެކެވެ.
އެންމެ މީހަކަށްޓަކައި ސަރުކާރުން މިހާ ވަރަށް އުޅެން ޖެހޭނެ ހެއްޔެވެ؟ މިއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ސަލާމަތްކުރަން ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން ބައެއް މީހުން ކުރާ ސުވާލެކެވެ.
ސިޔާސީ އިދިކޮޅު ބައެއް ބޭފުޅުން ވިދާޅުވަނީ ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި މަސީހު ނެތި ސަރުކާރު ހިންގަވަން ރައީސް އަބްދުﷲ ޔާމީން ހުންނެވީ ތައްޔާރަށް ނޫން ކަމަށެވެ.
"ރައީސް ބޭނުންފުޅެއް ނުވޭ މަސީހު ދޫކޮށްލައްވާކަން،" ޕީޕީއެމުން މިހާރު ކެނޑިފައިވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ވިދާޅުވި އެވެ.
އެކަމަކު ރައްޔިތުންގެ މަޖިލިހުގައި ޕީޕީއެމްގެ އަގުލަބިއްޔަތު ގެއްލިއްޖެ އެވެ. ވަކިވި މެމްބަރުން ވިދާޅުވާ ގޮތުގައި ހަމަ މަސީހާ ހެދި އެވެ. ސަރުކާރުން ބޭނުން ގޮތަކަށް، ބޭނުން އިރަކު ކުޅެމުން ދިޔަ މަޖިލިހުގެ ގިނަ މެމްބަރުން މިހާރު ތިއްބެވީ ސަރުކާރާ ދެކޮޅުވެފަ އެވެ. ހަގީގީ މަންޒަރަކީ، ރައްޔިތުންގެ މަޖިލިހުގައި މި ވަގުތު ސަރުކާރު ބަލިވުމެވެ.
އެކަމަކު ސަރުކާރަށް އެއީ ގޮތް ހުސްވުމެއް ނޫނެވެ. އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނުއަސާސީ މާނަކޮށްދޭން ސުޕްރީމް ކޯޓަށް މައްސަލައެއް އެ ވަނީ ވައްދައިފަ އެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުޅި ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ފެންނަނީ ހަމައެކަނި ސަރުކާރުން ބޭނުންވާ ކަންކަން، ކުރައްވަން އުޅުއްވާ ތަނެވެ. ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ހުސްވާނެ ކަމަށް ގާނޫނުއަސާސީ މާނަކޮށްދޭން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އަނިލް އެވެ.
މަސީހު ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލަ މީގެ ކުރިން، ދެ ފަހަރަށް ފޭލްކޮށްލީ މަޖިލީހުގެ ގަވާއިދާ ކަނޑައެޅިގެން ޚިލާފު އަމަލުތައް ހިންގައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކުރެ އެވެ. ރިޔާސަތު ދިފާއުކުރަން ވެގެން މަޖިލީހުގެ ގަވާއިދަށް ވެސް އިސްލާހު ގެނައީ މަސީހަށް ހާއްސަކޮށްގެންނެވެ. ގާނޫނުއަސާސީގައި ނެތް ޝަރުތުތަކެއް އުފަންކުރުވަން ވެސް އެ އުޅެނީ ހަމައެކަނި މަސީހަށްޓަކަ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނިއުސް ކޮންފަރެންސެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ބައިވެރިވެވަޑައިގަންނަވަނީ
ޕާލަމެންޓްރީ ގްރޫޕްގައި މިހާރު ތިއްބެވި ބައެއް މެމްބަރުންގެ ތެރޭގައި ވެސް މަސީހު މައްސަލާގައި ޚިޔާލުު ތަފާތުވުން ބޮޑެވެ. މި ހާލަތަށް ވެއްޓިގެން ވެސް މަސީހުގެ މަގާމު ދިފާއުކުރަން ޖެހޭ ހެއްޔެވެ؟ މި ވޯޓާ ހެދި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފުވެ، މުއައްސަސާތަކުގެ ބާރު ކަނޑުވާލަން ޖެހޭ ހެއްޔެވެ؟ މި ވޯޓަކާ ހެދި މެމްބަރުން "އަޅުވެތިކުރުން" އިންސާފުވެރި ހެއްޔެވެ؟
ގާނޫނީ ވަކީލް އަދި ކެންދޫ ދާއިާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭވަރުގެ ދުސްތޫރީ މައްސަލައެއް މަސީހުގެ ވޯޓާ ގުޅިގެން މި ގައުމުގައި ކުރިމަތިވެފައެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ގާނޫނުއަސާސީގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައިވާއިރު، އެ މެމްބަރަކު ތަމްސީލްކުރައްވާ ޕާޓީއަކުން ބޭނުންވާ ގޮތަށް މަޖިލީހުގައި ވޯޓު ނުދީފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ނޯންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ކައުންސިލަރެއްގެ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކަށް ރިއާޔަތް ކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލަރަކު ޕާޓީން ވަކިކުރިއަސް ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
"އެއް ހާލަތެއްގައި ތިބި ބަޔަކާ މެދު އަމަލުކުރަން ޖެހޭނީ އެއް ގޮތަކަށް. އަޅުގަނޑުމެންނަކީ ވެސް ރައްޔިތުން ހޮވާފައި ތިބި ބައެއް. ކައުންސިލަރުންނާއި ރައީސުލް ޖުމްހޫރިއްޔާ އަކީ ވެސް އެގޮތަށް ހުންނެވި ބޭފުޅެއް. އެހެންވީމަ މިސާލަކަށް ޕާޓީން ވަކިވާ ހިސާބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ގޮނޑި ގެއްލޭ ކަމަށް ވަންޏާ ރައީސުލް ޖުމްހޫރިއްޔާ ވެސް ވަކިވާން ޖެހޭނެ ދެއްތޯ،" އަލީ ސުވާލު އުފެއްދެވި އެވެ.
"އެއީ، ރައީސުލް ޖުމްހޫރިއްޔާ ހޮވިވަޑައިގެންނެވި ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވާންވީ، ރައީސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ ރައީސް. އެހެންވީމަ މިސާލަކަށް ރައީސް ޔާމީން ޕާޓީން ވަކިކުރައްވައިފިއްޔާ ރައީސުލް ޖުމްހޫރިއްޔާގެ ގޮނޑި ވެސް ގެއްލޭ ކަމަށް ވަންޏާމުން އަޅުގަނޑުމެންނަށް ބުނެވިދާނެ ދެއްތޯ އެއް ހާލަތެއްގައި ތިބި ބަޔަކާ މެދު އެއްގޮތަކަށޭ އަމަލުކުރެއްވީ."
އެހެންވީމަ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުކުމެއް އިއްވައިފި ނަމަ އެއީ، ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފު ނިންމުމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މަސީހާއި އެހެން ބައެއް މެމްބަރުން އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ޕީޕީއެމުން އިއްޔެ ވަކިވެވަޑައިގެންނެވި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ ވިދާޅުވީ ސަރުކާރަށް ހަދާނެ ގޮތް ހުސްވެ މެމްބަރުންނަށް އިތުރަށް ބިރު ދައްކައި "ކަސްތޮޅުއަޅުވަން" ސުޕްރީމް ކޯޓާ ހިސާބަށް ދިއުމުން ސަރުކާރު ބަލިކަށިވެފައި އޮތް މިންވަރު ސާފުވާ ކަމަށެވެ. ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކޯޓުން ބާރު ހޯދަން އުޅުނަސް، އެކަން ވެސް ސަރުކާރަށް ކާމިޔާބުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
"މިގޮތަށް މެމްބަރުން އަޅުވެތިކޮށްގެން، ޕްރެޝަރުކޮށްގެން، ބިރުދައްކައިގެން ވެރިކަން ދިފާއެއް ނުކުރެވޭނެ. ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި މެމްބަރުން އިންތިހާ އަށް ކަންބޮޑުވޭ. މި ދަރަޖަ އަށް ސަރުކާރު ވެއްޓިގަތީމަ،" އޭނާ ވިދާޅުވި އެވެ.
"ހުރިހާ ކަމެއް މިހެން މިކުރަނީ މަސީހެއް ނޫން، ރައީސް ޔާމީންގެ ވެރިކަން ދިފާއުކުރަން. އަޅުގަނޑުމެންނަށް އެބަ އެނގޭ ދެން އަޅާނެ ފިޔަވަޅު ވެސް. މަސީހުގެ މައްސަލަ މަޖިލީހުން ނާކާމިޔާބު ކުރާނަން. އެކަން އެގޮތަށް ނިންމުމުން ދެން ވެސް ސުޕްރީމް ކޯޓުން ހައްލު ހޯދަން ސަރުކާރުގެ ވިސްނުން ހުރީ."
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އިމްތިޔާޒްތަކެއް ލިބިގެންވާ ބައެއް ކަން ފާހަގަކުރައްވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު ވިދާޅުވީ މަޖިލީހުގައި ވޯޓު ދެއްވާ ގޮތަކުން، ޚިޔާލުފާޅުކުރައްވާ ގޮތަކުން މެމްބަރަކަށް އެޅޭނެ ފިޔަވަޅެއް ގާނޫނުތަކުގައި ނޯންނަ ކަމަށެވެ. މިހެން އޮއްވައި، ބަންޑާރަ ނައިބު ލައްވައި މައްސަލައެއް ކޯޓަށް ހުށަހެޅިއަސް ކަން އޮންނަ ގޮތް، ފަނޑިޔާރުން ބައްލަވަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މެމްބަރުންގެ ގޮނޑިތަކާ ކުޅެން މި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަކުން [ސަރުކާރުން ހުށަހެޅި ގޮތަށް] ނުނިންމަވާނެ. އަޅުގަނޑު ގަބޫލެއް ނުކުރަން އެކަން އެގޮތަށް ހިނގާފާނެ ކަމަކަށް. ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނީމާ އަޅުގަނޑުމެންގެ މައްސަލައެއްތޯ އެއީ، އަޅުގަނޑުމެންގެ ގައިގައިތޯ އެކަމާ ހެދި ވިއްދަންވީ؟ ނޫން، އެހެން ވިއްދައިގެން ނުވެސް ވާނެ،" ވަހީދު ވިދާޅުވި އެވެ.
މަސީހުގެ ވޯޓަށް މުޅި ސަރުކާރު ހުއްޓިފައި މިއޮތީ ސަބަބުތަކެއް ހުރެގެންނެވެ. އެއްގޮތަކުން ނުވެއްޖިއްޔާ އަނެއް ގޮތަކުން ވެސް ކާމިޔާބު ކުރަން މަސައްކަތް ކުރާނެ ކަން ކުރީ ދެ ފަހަރު ކަންކަން ކުރި ގޮތުން ވަރަށް ސާފެވެ. ދެން އޮތީ ސުޕްރީމް ކޯޓުގެ ނިންމުމެވެ. ސަރުކާރު "މޮޅުވުން" މިފަހަރު ގުޅިފައި މިއޮތީ ސުޕްރީމް ކޯޓާ އެވެ. އެކަމަކު، އެއް މެމްބަރަކު ސިފަކުރެއްވި ގޮތުގައި، "އަނދަގޮނޑި ޖަހައިގެން މެމްބަރުން ހިފެހެއްޓިޔަސް" އެކަމުން ނުކުންނާނެ ރަނގަޅު ނަތީޖާއެއް ނޯންނާނެ އެވެ.
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
މަޖިލީހުގެ ހައްގުތައް އެދަނީ އެއްލައިލަމުން: ސިނާން
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
4މެމްބަރަކު ޕީޕީއެމުން ވަކިވިކަން މަޖިލިހަށް އަަންގައިފި
ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
މަސީހާ ދެކޮޅަށް ކުރި ސޮއި އަނބުރާ ނަގަން އަންގައިފި
ވޯޓު ދީފި ނަމަ 10 މެމްބަރުން ވަކިކުރާނެކަމަށް ބެލެވޭ
ޕީޕީއެމުން ވަކިކުރި މެމްބަރުންގެ މައްސަލަތައް ބަލަނީ
ރައީސްގެ ހުރިހާ އުންމީދަކީ ސުޕްރީމް ކޯޓު: މެމްބަރުން