Roadha Mihaaru
އެންމެ ވާދަވެރި ކުރިމަތިލުން، ޓީސީ އަށް ފައިނަލެއް

އެންމެ ވާދަވެރި ކުރިމަތިލުން، ޓީސީ އަށް ފައިނަލެއް

09 ޖުލައި 2017

ފާއިތުވި ދެ ސީޒަނަށް ބަލާއިރު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ކުޅޭ މެޗުތަކަކީ އެންމެ ވާދަވެރި އެއް ކުރިމަތިލުމެވެ. އެސްޓީއޯ މާލޭ ލީގުގައި މިރޭ އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ހުރިހާ ގޮތަކުން ބެލިޔަސް މިއީ ޓީސީ އަށް ފައިނަލެއް ކަމަށެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ފާއިތުވި ދެ ސީޒަނަށް ބަލާއިރު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ކުޅޭ މެޗުތަކަކީ އެންމެ ވާދަވެރި އެއް ކުރިމަތިލުމެވެ. އެސްޓީއޯ މާލޭ ލީގުގައި މިރޭ އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ހުރިހާ ގޮތަކުން ބެލިޔަސް މިއީ ޓީސީ އަށް ފައިނަލެއް ކަމަށެވެ.

ލީގުގައި ޓީސީ އަށް ބާކީ ތިން މެޗު އޮތްއިރު ގަދަ ހަތަރެއްގެ ފުރުސަތު އެ ޓީމަށް އޮތީ ތިން މެޗުން ވެސް މޮޅުވެގެންނެވެ. ގަދަ ހަތަރެއްގެ ރޭހުގައި ޓީސީ މި ވަގުތު އޮތީ އެންމެ ފުލުގަ އެެވެ. އެ ޓީމު ހަ ވަނައިގައި އޮތީ ކުޅުނު 11 މެޗުން ލިބުނު 15 ޕޮއިންޓާ އެކު އެވެ.

"ސީޒަން ކުރިއަށްދާން ބަލާއިރު މިއީ ފައިނަލް މެޗެއް ހަމަ. ކޮންމެ ގޮތެއްވިޔަސް ކުރިއަށް ހުރި ތިން މެޗު ނަގައިގެން އިތުރަށް އެއްޗެކޭ ކިޔޭނީ. ގަދަ ހަތަރަކަށް ވަންނަން މިއީ އެންމެ މުހިއްމު މެޗު އެ ގޮތަށް ދަނެގެން ނުކުންނާނީ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން ޓީސީ އަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށެވެ.

"މީގެ ކަލްކިއުލޭޝަންތަކެއް ހަދާއިރު ޓީސީ އަށް ވެސް މިއޮތީ ހަމަހަމަ ފުރުސަތެއް. ޕޮއިންޓް ކަށަވަރުކޮށް ޓީސީ އަށް ވެސް އެބައޮތް ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު،" ނިޒާމްބެ ބުންޏެވެ.

ފުރަތަމަ ޑިވިޝަންގައި 2015 ވަނަ އަހަރު އަލަށް ވާދަކުރަން ފެށިއްސުރެން ޓީސީ އަންނަނީ ލީގުގެ ގަދަ ދޭއްގައި ޖާގަ ދަމަހައްޓަމުންނެވެ. އެހެން ނަމަވެސް މި ސީޒަނުގައި އެ ޓީމަށް އަދި ޕޮއިންޓް ޓޭބަލްގެ އެ ހިސާބަށް ދެވޭ ގޮތް ވަނީ ނުވެފަ އެވެ.

ނިޒާމްބެ ބުނީ މި ސީޒަނުގައި ޓީސީ އަށް އެކި ހާލަތްތައް ކުރިމަތިވި ނަމަވެސް އެ ޓީމުން ރަނގަޅު ކަންތައްތަކެއް ވެސް ފެނިފައިވާ ކަމަށެވެ.

"މިހާ ހިސާބަށް އައިއިރު ޓީސީ މިދިޔަ ސީޒަނަށް ވުރެ ރަނގަޅަށް ބައެއް ކަންތައްތައް ގޮސްފައިހުރީ. އެކަމަކު ނަތީޖާތަކާ ޕޮއިންޓް ޓޭބަލަށް ބަލާއިރު ޓީސީ އަދި ނުވެއްޓޭ ހިސާބަކަށް ވެއްޓިފައި މިއޮތީ. މިހާރު އޮތް ކަމަކީ އެ ކަންތައްތައް ރަނގަޅުކުރުން،" އޭނާ ބުންޏެވެ.

ލީގުގައި މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗުން ޓީސީ ވަނީ 1-0 އިން މޮޅުވެފަ އެވެ. ނިޒާމްބެ ބުނީ އެ މެޗުން ނެގޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.

"ފުރަތަމަ ބުރުގެ މެޗު ނުވެސް ކިޔޭނެ ކަންނޭނގެ. އެއީ މި ލީގު މިދާ ގޮތުން ނޭނގޭ ވާނެ ގޮތެއް. އެންމެ ފުލުގައި އޮތް ޓީމު އެންމެ މަތީގައި އޮތް ޓީމާ ހަމަކޮށް. އެންމެ މަތީގައި އޮތް ޓީމު ކޮޅަށް ގޯލުތަކެއް ޖަހައި. ފުރަތަމަ މެޗު ކުޅުނު ހާލަތާ މުޅިން ތަފާތު ހާލަތެއްގައި މި މެޗު ކުޅެނީ. މިއީ މުޅިން އާ މެޗެއް ފައިނަލެއް،" އޭނާ ބުންޏެވެ.

އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރާ އަށް ޓީމު ވެސް އޮތީ ވަރުގަދަ ކޮށެވެ. ނިޒާމްބެ ބުނީ މިއީ މިދިޔަ ފަސް އަހަރަށް ބަލާއިރު، އެންމެ ވާދަވެރި ލީގު ކަމަށެވެ.

ޓީސީ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.