Roadha Mihaaru
މޮބައިލް މަނީގެ ހިދުމަތުގެ ލައިސަންސް ދިރާގަށް ދީފި

މޮބައިލް މަނީގެ ހިދުމަތް ދިނުމަށް ދިރާގަށް ލައިސަންސް ދީފި

08 ޖުލައި 2017

މޮބައިލް މަނީގެ ހިދުމަތް ދިނުމަށް އެމްއެމްއޭ އިން ދިރާގަށް ލައިސަންސް ދީފި އެވެ.

މޮބައިލް މަނީގެ ހިދުމަތް ދިނުމަށް އެމްއެމްއޭ އިން ދިރާގަށް ލައިސަންސް ދީފި އެވެ.

މޮބައިލް ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރުމުގެ ލައިސަންސް ދިރާގަށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ފެށި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގަ އެވެ. އެ ލައިސަންސް ދިރާގަށް ހަވާލުކޮށްދެއްވީ ގަވަރުނަރު އަޒީމާ އާދަމެވެ. ދިރާގުގެ ފަރާތުން ލައިސަންސްއާ ހަވާލުވެވަޑައިގެންނެވީ ސީއީއޯ އިސްމާއިލް ރަޝީދެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނީގެ މާކެޓިން ކޮމިއުނިކޭޝަން މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ މޮބައިލް މަނީގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބުމާއެކު ކަސްޓަމަރުންނަށް އާ ޑިޖިޓަލް ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި އެ ހިދުމަތް މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންނަށް މޯބައިލް ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ލައިސަންސް ލިބުމާއެކު ދިރާގުން މަސައްކަތްކުރަމުން މިއަންނަނީ ވީހާވެސް އަވަސް ފުރުސަތެއްގެ ތެރޭގައި އެ ހިދުމަތް ތައާރަފްކުރުމަށް. އެ ހިދުމަތް ތައާރަފްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައި،" މިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޮބައިލް މަނީ ބޭނުންކުރާނެ ގޮތުގެ ޑެމޮންސްޓްރޭޝަނެއް ފައިނޭންޝަލް އެކްސްޕޯގައި ދައްކާލުން ކުރިޔަށްދާ ކަމަށެވެ.