Roadha Mihaaru
އައިޕެޑެއް ހިފައިގެން ފިލި ޑްރަައިވަރަކު ހޯދައިފި

ޓެކްސީއެއްގައި ބޭއްވުނު އައިޕެޑެއް ހިފައިގެން ފިލި ޑްރައިވަރަކު ހޯދައިފި

07 ޖުލައި 2017

ޓެކްސީއެއްގައި މީހަކަށް ބާއްވާފައި ދެވުނު އައިޕެޑެއް ވަގަށް ނަގައިގެން ފިލި ޑްރައިވަރަކު، ރޭ ހޯދައި ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޓެކްސީއެއްގައި މީހަކަށް ބާއްވާފައި ދެވުނު އައިޕެޑެއް ވަގަށް ނަގައިގެން ފިލި ޑްރައިވަރަކު، ރޭ ހޯދައި ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

މިދިޔަ މަހުގެ 28 ގައި މަގުމަތިން ނެގި އެ ޓެކްސީގައި ހަނދާން ނެތިގެން އައިޕެޑް ބާއްވާފައި ފޭބުމުން، އެއިން ދަތުރުކުރި އަންހެންމީހާ ވަނީ ހުރިހާ ޓެކްސީ ސެންޓަރަކަށް ވެސް ގުޅައި އެކަން އަންގައިފަ އެވެ. އަދި ގެއްލޭ އެއްޗެހި ހޯދައިދިނުމަށް އެހީވެދޭ "ލޮސްޓް އެންޑް ފައުންޑް" ގުރޫޕުގެ އެހީތެރިކަމަށް ވެސް އޭނާ އެދުނެވެ.

އެ ގުރޫޕުން އަންހެން މީހާ އަށް އެންގި ގޮތުގައި އޭނާ ފޭބި ޓެކްސީއަށް ދެން އެރި ދެމަފިރިއަކަށް އެ އައިޕެޑް ފެނުމުން އޭގެ ވެރިމީހާ އަށް ރައްދުކޮށްދިނުމަށް އެދި ޑްރައިވަރާ ހަވާލުކުރި އެވެ. އެކަމަކު އައިޕެޑް އަންހެން މީހާއަކަށް ނުލިބެ އެވެ.

މި މައްސަލަ ދެން އޭނާ ހުށަހެޅީ ފުލުހުންނަށެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު، މަގުމަތީގައި ހުރި ސީސީޓީވީ ކެމެރާތައް ބަލައި ހަފުތާއެއްހާ ދުވަސް ފަހުން އެ ޓެކްސީ ވަނީ ހޯދައިފަ އެވެ.

"އެ ޓެކްސީގެ ޑްރައިވަރާ އަޅުގަނޑުމެން ބައްދަލު ކުރީ އެކަށީގެންވާ ވަރަށް ހެކި ލިބުމުން. އެކަމަކު އެންމެ ފުރަތަމަ އޭނާއާ ސުވާލުކުރުމުން ވެސް އެކަން ކުރި ކަމަށް ދެކޮޅު ހެދީ،" އަންހެންމީހާ ބުންޏެވެ.

އެކަމަކު ފުލުހުން އޭނާ ހައްޔަރު ކުރާނެ ކަމަށް ބުނުމުން، އައިޕެޑް ނެގި ކަމަށް އެއްބަސްވި ކަމަށް އަންހެންމީހާ ބުންޏެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި ހަނދާން ނެތިގެން ޓެކްސީގައި އެއްޗެހި ބެހެއްޓިގެން އެ ހޯދަން އެތަނަށް ގިނައިން ރިޕޯޓު ކުރެ އެވެ. އަދި ގިނަ ފަހަރަށް މިހެން ދިމާވަނީ މަގުމަތިން ނަގާ ޓެކްސީތަކުން ކަމަށް އެތަނުން ބުންޏެވެ.

"އެހެންވެ އަޅުގަނޑުމެން އިލްތިމާސް ކުރަން، މަގުމަތިން ކާރެއް ނަގާއިރު، އޭގެ ނަމްބަރު ނަމަވެސް ހޯދާލަން. އޭރުން އެއްޗެއް ގެއްލިގެން ރިޕޯޓު ކުރާއިރު ޓެކްސީ ހޯދަން ފަސޭހަވާނީ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.