Roadha Mihaaru
މާޒިޔާގެ ތިން އޮފިޝަލަކަށް އެފްއޭއެމުން އަދަބުދީފި

މާޒިޔާގެ ތިން އޮފިޝަލަކަށް އެފްއޭއެމުން އަދަބުދީފި

06 ޖުލައި 2017

އެސްޓީއޯ މާލޭ ލީގުގައި މިދިޔަ މަހު އީގަލްސް އަތުން 4-0 އިން މާޒިޔާ ބަލިވި މެޗުގައި ކުޅިވަރުގެ ރޫހާ ހިލާފުވި މާޒިޔާގެ ތިން އޮފިޝަލަކަށް އަދަބުދީ އަދި އެ ކްލަބް ޖޫރިމަނާކުރަން އެފްއޭއެމުން ނިންމައިފި އެވެ.

އެސްޓީއޯ މާލޭ ލީގުގައި މިދިޔަ މަހު އީގަލްސް އަތުން 4-0 އިން މާޒިޔާ ބަލިވި މެޗުގައި ކުޅިވަރުގެ ރޫހާ ހިލާފުވި މާޒިޔާގެ ތިން އޮފިޝަލަކަށް އަދަބުދީ އަދި އެ ކްލަބް ޖޫރިމަނާކުރަން އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމުން ފިޔަވަޅު އަޅާފައިވާ ތިން އޮފިޝަލުންނަކީ ދެ އެސިސްޓަންޓް ކޯޗުން ކަމަށްވާ އަހުމަދު ސުޒެއިރާއި މުހައްމަދު ސުވެއިދު (ސްވެޓޯ)ގެ އިތުރުން ކްލަބް ވައިސް ޗެއާމަން އަބްދުﷲ މޫސާ އެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބެލުމަށް ފަހު ސުޒެއިރު ހަ މެޗަށް ސަސްޕެންޑް ކުރުމަށާއި 12000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމަައިފަ އެވެ. އަދި ސްވެޓޯ ތިން މެޗަށް ސަސްޕެންޑްކޮށް 300 ރުފިޔާއިން ޖޫރިމަނާކުރަން ނިންމިއިރު، މޫސަ ސަސްޕެންޑް ކޮށްފައިވަނީ ހަ މަސް ދުވަސް ވަންދެން ދަނޑަށް ނުވަދެވޭ ގޮތަށެވެ.

ސުޒެއިރު ސަސްޕެންޑް ކުރަން ނިންމީ މެޗުގެ 88 ވަނަ މިނިޓްގައި ހަތަރު ވަނަ އޮފިޝަލް މޭޒު ކައިރި އަށް ގޮސް ރެފްރީ އަށް ހަމަލާދީ އަދި މަރުގެ އިންޒާރު ދިނުމުގެ އިތުރުން ދަނޑުގެ ޓަނަލްގައި ހުންނަ ބޯޑުގައި ފައިން ޖަހައި ރެފްރީންގެ ރޫމުގައި ތިން ފަހަރު ފައިން ޖަހާފައިވާތީ އެވެ.

ވައިސް ޗެއާމަން މޫސަ ސަސްޕެންޑްކުރަން ނިންމީ އެ މެޗުގެ ހަތަރު ވަނަ އޮފިޝަލަށް އަގަބަހުން އެއްޗެހި ކިޔައި އަދި ހައްޓަށް ހަމަލާދިނުމާއި އިންޒާރު ދިނުމުގެ އިތުރުން ކުޅިބަލާ މީހެއްގެ ގޮތުގައި ހުރެ ޓެކްނިކަލް އޭރިއާ ތެރެއަށް އައިސް ހަމަނުޖެހުން ހިންގާފައިވާތީ އެވެ.

އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން މޫސަގެ މައްސަލަ ބެލިއިރު އޭނާ އަށް ބޮޑު ސަސްޕެންޝަނެއް ދޭން ނިންމީ އޭނާ އަކީ މީގެ ކުރިން ހަމަނުޖެހުން ހިންގައުގެން ތިން އަހަރު ދުވަހުގެ ސަސްޕެންޝަނެއް އައިސްފައިވާ ފަރާތަކަށް ވާތީ ކަމަށް އެ ކޮމިޓީން ބުނެ އެވެ. އަދި ކްލަބެއްގެ ވައިސް ޗެއާމަންގެ މަގާމުގައި ހުންނަ މީހެއްގެ ފަރާތުން އެ ފަދަ އަމަލެއް ފެނިގެން ނުވާނެ ކަމަށް ކޮމިޓީން ގަބޫލުކުރެ އެވެ.

ސްވެޓޯ ސަސްޕެންޑް ކުރަން ނިންމީ ސުޒައިރު އާއި މޫސައާ ބައިވެރިވެ މެޗުގެ ހަތަރު ވަނަ އޮފިޝަލަށް ބަހުގެ ހަމަލާ ދީފައިވާތީ މި ކަމަކީ ހަމަނުޖެހުން ހިންގުމަށް ވާގިވެރިވުމުގެ ގޮތުން ކޮށްފައިވާ ކަމެއްގެ ގޮތުގައި ބެލުމަށް ފަހު އެވެ. އަދި މި ފަދަ ކަމަކީ ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ އެސިސްޓަންޓް ކޯޗެއްގެ ފަރާތުން ފެންނަން ނުޖެހޭ ފަދަ އަމަލެއް ކަމަށް ޑިސިޕްލިނަރީ ކޮމިޓީން ބުނެ އެވެ.

މީގެ އިތުރުން ޑިިސިޕްލިނަރީ ކޮމިޓީން ވަނީ މާޒިޔާ ވެސް 7000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. މާޒިޔާ ޖޫރިމަނާކުރީ މާޒިޔާގެ ތިން އޮފިޝަލުންގެ ފަރާތުން ފެނުނު ކުޅިވަރާ ހިލާފު އަމަލުތަކުގައި އެ ކްލަބްގެ ޒިންމާ ބޮޑު ކަމަށާއި މިސާލު ދައްކަން ޖެހޭ މީހުންގެ ފަރާތުން މި ފަދަ އަމަލުތަކެއް ފެނުމުންނެވެ.

އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ބުނީ މި މައްސަލަ ބެލުމުގައި މެޗު ރިޕޯޓާއި މެޗުގައި ހިނގާދިޔަ ހާދިސާތަކުގެ ރިޕޯޓާއި ރެފްރީގެ ނަތީޖާ ރިޕޯޓާއި ހާދިސާ ރިޕޯޓްގެ އިތުރުން މާޒިޔާ އިން މިކަމާ ގުޅިގެން ފޮނުވާފައިވާ ސިޓީ އާއި ސުޒެއިރު، މޫސަ އަދި ސްވެޓޯ މިކަމާ ގުޅޭގޮތުން ފޮނުވާފައިވާ ސިޓީގެ އިތުރުން 2012 ވަނަ އަހަރު އެކުލަވާލި އެފްއޭއެމްގެ ކޯޑް އޮފް ކޮންޑަކްޓަށް ބަލާފައިވާނެ ކަމަށެވެ.

މިކަންތައްގަނޑު ހިނގީ އީގަލްސްގެ މުހައްމަދު މަގުދީ އަށް ދެއްކި ރީނދޫ ކާޑު ހަތަރު ވަނަ އޮފިޝަލް އަހުމަދު ޝިފާންގެ ލަފާގެ މަތިން ރެފްރީ ބަދަލުކޮށް ގޯލްކީޕަރު ސުޖަން ޕެރޭރާ އަށް ދެއްކުމުންނެވެ.

މެޗުގެ ފަހުކޮޅު އީގަލްސްގެ ކީޕަރު ސުޖަން ގޯލްކިކެއް ޖަހަން ތައްޔާރުވުމަށް ފަހު ފަހަތަށް ޖެހުމުން، އެ ޓީމުގެ މަގްދީ އެ ބޯޅަ ޖަހަން ދިއުމާ އެކު ރެފްރީ އަބްދުﷲ ޝާތިރު ވަނީ މަގްދީ ލަސްކުރި ކަމަށް ބަލައި އޭނާ އަށް ރީނދޫ ކާޑު ދައްކައިފަ އެވެ. އެކަމަކު ލަސްކޮށްގެން ކާޑެއް ދައްކާނަމަ ދައްކަން ޖެހޭނީ ސުޖަން އަށް ކަމަށްވެފައި އީގަލްސްގެ ކުޅުންތެރިން ރެފްރީ ވަށާލި އެވެ. އެއާ އެކު ބަދަލު ރެފްރީ އަހުމަދު ޝިފާންގެ ލަފާގެ މަތިން ރެފްރީ ވަނީ އެ ކާޑު ކެންސަލްކޮށް ސުޖަން އަށް ރީނދޫ ކާޑު ދައްކައިފަ އެވެ. އެ ވަގުތު މާޒިޔާގެ އޮފިޝަލުން ވަނީ ޝިފާނާ ދިމާލަށް ގޮސް ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ހިންގައިފަ އެވެ.