Roadha Mihaaru
އިހުގެ އުންމަތްތައް: ޘަމޫދުބާގައި މީހުން ނެތިކުރެއްވުން

އިހުގެ އުންމަތްތައް: ޘަމޫދު ބާގައި މީހުން ނެތިކުރެއްވުން (6)

18 ޖޫން 2017

(ބުރާސްފަތި ދުވަހުގެ ނޫހާ ގުޅޭ)

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

(ބުރާސްފަތި ދުވަހުގެ ނޫހާ ގުޅޭ)

ހޫދުގެފާނުގެ ޤައުމަށް ﷲގެ އަޒާބު ފޮނުއްވައި ޢާދު ބާގައި މީހުން ނެތިކުރެއްވި އިރު ވެސް އަރަބި ޖަޒީރާގެ އެހެން ސަރަހައްދުތަކުގައި މީހުން ދިރިއުޅެމުން ދިޔަ އެވެ. އޭގެ ތެރެއިން އެއް ސަރަހައްދަކީ ޙިޖްރުގެ ނަމުން ނަން ދެވިފައިވާ ސަރަހައްދެވެ. އެއީ ޙިޖާޒް އާއި ތަބޫކާ ދެމެދުގައިވާ ސަރަހައްދެކެވެ. މަދީނާގެ ހުޅަނގު އުތުރުން 380 ކިލޯމީޓަރު ދުރުގައި އޮންނަ އެ ސަރަހައްދު މިހާރު މަޝްހޫރުވެފައި ވަނީ "މަދާއިން ޞާލިޙް" ނުވަތަ ޞާލިޙްގެފާނުގެ ރަށުގެ ނަމުންނެވެ.

ޙިޖްރުގައި ވަޒަންވެރިވި ކަމަށް ބުނެވެނީ ނޫޙްގެފާނުގެ ދަރިކަލުން ސާމްގެ ދަރިފަސްކޮޅުން އައި ބައެކެވެ. އެ ސަރަހައްދުގައި ވަޒަންވެރިވެގެން އުޅުނު މީހުން މަޝްހޫރުވެގެން ދިޔައީ ޘަމޫދު ބާގައި (ޤަބީލާ)ގެ ނަމުންނެވެ. ޢާދު ބާގައި މީހުންނެކޭ އެއްފަދައިން ޘަމޫދު ބާގައި މީހުން ވެސް ދިރިއުޅުނީ ފަރުބަދަތަކާއި ސަހަރާތައް އެކުލެވޭ ތަނެއްގަ އެވެ. ޢާދު ބާގައި މީހުން ހަލާކު ކުރެއްވުމާ ހަމައަށް ވެސް ޙިޖްރުގެ މީހުން އުޅެމުން އައީ ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާގަ އެވެ. އެބައިމީހުން ދިރިއުޅުނީ، ސަލާމް ލެއްވި ޢީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ގާތްގަނޑަކަށް 3000 އަހަރު ކުރިން ކަމުގައި ބުނެވެ އެވެ.

މިބައިމީހުންގެ ވާހަކަ ކީރިތި ޤުރްއާނުގެ ފުއްޞިލަތު ސޫރަތުގެ 17،18 ވަނަ އާޔަތުގަޔާއި ހޫދު ސޫރަތުގެ 61-68 ވަނަ އާޔަތުގަ އާއި އަޢުރާފް ސޫރަތުގެ 73-79 އަދި 45-53 ވަނަ އާޔަތުގަ އާއި ޝުޢަރާއު ސޫރަތުގެ 141-158 ވަނަ އާޔަތުގަ އާއި ފަޖްރު ސޫރަތުގެ 6-9 ވަނަ އާޔަތުގަ އާއި ޤަމަރު ސޫރަތުގެ 23-31 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެ އެވެ.

"އަދި ޢާދު ބާގައި މީހުންގެ ފަހުން، ޚަލީފާ އިން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިކަމާއި، ބިމުގައި ތިޔަބައިމީހުން ވަޒަންވެރި ކުރެއްވިކަން ހަނދުމަ ކުރާށެވެ! ..." (އަލްއަޢުރާފް 74)

ނޫޙުގެފާނުގެ ޤައުމުގެ މީހުން ނެތިކުރެއްވުމަށް ފަހު، ޢާދު ބާގައި މީހުން ނެތިކުރެއްވުމާ ހަމައަށް ވެސް ޘަމޫދު ބާގައި މީހުން އުޅެމުން އައީ ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާގަ އެވެ. އަދި ޢާދު ބާގައި މީހުންނަށް ފަހުގައި ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާ މި ބިންމަތީގައި ފެތުރުމަށް ﷲގެ ޚަލީފާއިން ކަމުގައި ލެއްވީ ޘަމޫދު ބާގައި މީހުންނެވެ. ނަމަވެސް ޖީލުތައް ފާއިތުވަމުން ގޮސް، ނޫޙުގެފާނު ޠޫފާނުގައި މުއުމިނުން ސަލާމަތް ކުރެއްވި ގޮތް ހަނދާން ހުރި މީހުންތައް ހުސްވެ، މީހުންގެ ޢަޤީދާ ބަލިކަށި ވާން ފެށި އެވެ. އެހާ ހިސާބުން އަނެއްކާ ވެސް ޝައިތާނާގެ ވަސްވާސްތައް އެމީހުންގެ މައްޗަށް ބާރު ހިންގަން ފެށި އެވެ.

ޘަމޫދު ބާގައި މީހުންނަކީ ޢާދު ބާގައި މީހުންގެ ފަރާތުން، ވިޔަފާރި އާއި މަސައްކަތްތެރިކަމާއި ތަހުޒީބުގެ ހުނަރުތައް ލިބިގަތް ބައެކެވެ. ވަކިން ޚާއްސަކޮށް ހިލަ ކޮށައި މަށައިގެން ތަކެތި ހެދުމާއި ފަރުބަދަތައް ކަނޑާނަގައިގެން ގެދޮރު އެޅުމުގެ ފަންނުގައި ކުރިއަރައި ތިބި ބައެކެވެ. އެކަން ކީރިތި ޤުރްއާނުގެ ކިތަންމެ ސޫރަތެއްގައި ބަޔާން ކުރައްވާފައިވެ އެވެ.

"އަދި ޘަމޫދު ބާގައި މީހުންނާ މެދުގައި ވެސްމެ އެވެ. އެއުރެންނީ، ވާދީގައި ހިލަ ކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ." (އަލްފަޖްރު 9)

"އަދި އަމާންވެގެން ތިބިކަމަށް (ހީކޮށް) ފަރުބަދަތަކުން ކަނޑައިކޮށައިގެން، ގެތައް ހަދާބަޔަކު ކަމުގައި އެއުރެންވޫއެވެ." (އަލް ޙިޖްރު 82)

"އަދި ޢާދު ބާގައި މީހުންގެ ފަހުން، ޚަލީފާ އިން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިކަމާއި، ބިމުގައި ތިޔަބައިމީހުން ވަޒަންވެރި ކުރެއްވިކަން ހަނދުމަ ކުރާށެވެ! އެތާނގެ ހަމަބިންތަކުން ގަނޑުވަރުތައް ތިޔަބައިމީހުން ހަދަމުއެވެ. އަދި ފަރުބަދަތައް ކަނޑައިގެން، ގެތައް ވެސް ތިޔަބައިމީހުން ހަދަމު އެވެ..." (އަލްއަޢުރާފް 74)

މި އާޔަތްތަކުން އެނގެނީ ޘަމޫދު ބާގައި މީހުންނަކީ ހިލަ އާއި ފަރުބަދަތައް ކަނޑައި ކޮށައިގެން އިމާރާތް ކުރުމުގެ ފަންނުގައި ކުރިއަރާފައިވާ ބައެއް ކަމެވެ. އެ މީހުން ދިރިއުޅުނު ސަރަހައްދުގައި އޮތް ހަމަ ބިންތަކުގައި ބޮޑެތި ގަނޑުވަރުތައް ބިނާ ކުރީ، ފަރުބަދަތަކުން ހިލަ ކަނޑައިގެންނެވެ. އެ ގަނޑުވަރުތައް ބިނާކުރީ ފަރުބަދަތަކުން ފޮތިފޮއްޗަށް ހިލަ ކަނޑައިގެން، ފާރުފާރުގެ ގޮތުގައި އެ ހިލަތައް ރާވައިގެންނެވެ.

ޘަމޫދު ބާގައިގެ އަނެއް ބަޔަކު، ކޮޓަރިތަކާ އެކު ގެތައް ހަދާފައި ހުންނަ ގޮތަށް ފަރުބަދަތައް އެތެރެ އަށް ކޮނެގެން އެ ފަރުބަދަތަކުގެ ތެރޭގައި ގެދޮރު ހަދައި އުޅުނެވެ. އެހެންކަމުން އެ މީހުންނަކީ ޢާދު ބާގައި މީހުންނަށް ވުރެ ވެސް އެ ފަންނުގައި ކުރިއަރާފައިވާ ބައެއް ކަމުގައި ފެނެ އެވެ.

މަދާއިން ޞާލިޙްގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ސަރަހައްދުގައި، ޘަމޫދު ބާގައި މީހުން ފަރުބަދަ ކަނޑައިގެން ބިނާކުރި އިމާރާތްތަކުގެ ކައިރީގައި މީހަކު މަޑުކޮށްލައިގެން.

މަދާއިން ޞާލިޙްގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ސަރަހައްދުގައި، ޘަމޫދު ބާގައި މީހުން ފަރުބަދަ ކަނޑައިގެން ބިނާކުރި އިމާރާތްތަކުގެ ކައިރީގައި މީހަކު މަޑުކޮށްލައިގެން.

ނަމަވެސް ޘަމޫދު ބާގައި މީހުން ވެސް، ޢާދު ބާގައި މީހުން ފަދައިން، ﷲ ސުބްހާނަހޫ ދެއްވި ނިޢުމަތްތަކާ މެދު ޣާފިލުވި އެވެ. އެއީ އެމީހުންގެ އަމިއްލަ ކުޅަދާނަކަމުގެ އުފެއްދުންތަކެއް ކަމުގައި އެމީހުން ހީކުރި އެވެ. އަދި ﷲ އެ ނިޢުމަތްތައް އަނބުރާ ގެންދަވައިފާނެ ކަމެއް ފަހަރެއްގައި ވެސް ހިތަކަށް ނާރަ އެވެ.

"އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމު އެވެ." (އައްޝުޢަރާއު 149)

ޘަމޫދު ބާގައި މީހުން ފަރުބަދަތަކުން ހިލަ ކަނޑައިގެން އިމާރާތްކޮށް އުޅުނީ އެމީހުންގެ ގެދޮރާއި ގަނޑުވަރުތައް އެކަންޏެއް ނޫނެވެ. އެމީހުންގެ ބޮޑުންނާއި ޝާހީ ޚާންދާނުގެ މީހުން މަރުވުމުން އެމީހުން ވަޅުލައި އުޅުނީ ވެސް، ހިލަ ކަނޑައިގެން އެހާމެ ފުރިހަމަ އަށް ހަދާފައިވާ ތަނަވަސް ކޮޓަރިތަކެއް ފަދަ ކައްވަޅުތަކެއްގަ އެވެ.

އެހެންކަމުން، ކީރިތި ޤުރްއާނުގައި ޘަމޫދު ބާގައި މީހުންގެ ވާހަކަ ބަޔާންކުރައްވާފައިވާ އިރު، އެމީހުން ސިފަ ކުރައްވާފައިވަނީ އުމްރާނީ ފަންނުގެ މާހިރުންގެ ގޮތުގަ އެވެ. ފަރުބަދަތައް ކަނޑައިގެން އެ ތަންތާނގައި ގަނޑުވަރުތަކާއި ގެދޮރު ބިނާކުރި ބައެއްގެ ގޮތުގަ އެވެ. ނަމަވެސް އެ ގޮތަށް އެމީހުން ސިފަ ކުރައްވާފައިވަނީ އެމީހުންގެ މޮޅުކަމާއި ކުޅަދާނަކަން ހާމަ ކުރެއްވުމުގެ ގޮތަކުން ނޫނެވެ.

ޢާދު ބާގައި މީހުން ފަދައިން ޘަމޫދު ބާގައި މީހުންނަށް ވެސް ﷲގެ ނިޢުމަތްތަކާއި ވަސީލަތްތައް ދެއްވައި ކަންކަން ފަސޭހަ ކޮށްދެއްވި ކަން ބަޔާން ކުރެއްވުމުގެ ގޮތުންނެވެ. އަދި އެ ނިޢުމަތްތައް ދެއްވުމުން ވެސް އެބައިމީހުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމަށް އީމާން ނުވުމުން، ﷲގެ ގަދަފަދަ އަޒާބުގައި އެމީހުން ނެތި ކުރެއްވި ކަން ފަހުގެ ޖީލުތަކަށް ބަޔާން ކޮށްދެއްވުމުގެ ގޮތުންނެވެ.

ޘަމޫދު ބާގައި މީހުން ﷲގެ ނިޢުމަތްތަކާ މެދު ޢަމަލު ކުރި ގޮތް ބަޔާން ކުރައްވައި އަލްއަޢުރާފް ސޫރަތުގެ 74 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ، ޘަމޫދު ބާގައި މީހުން ސިފަ ކުރައްވާފައިވަނީ ބިމުގައި ފަސާދަ ކުރި ބައެއްގެ ގޮތުގަ އެވެ. އަދި އެ ސޫރަތުގެ 75، 76 ވަނަ އާޔަތުގައި އެމީހުން ސިފަ ކުރައްވާފައިވަނީ ކިބުރުވެރި ބައެއްގެ ގޮތުގަ އެވެ.

އޭގެ އިތުރުން އައްޝުޢަރާއު ސޫރަތުގެ 149 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ، ޘަމޫދު ބާގައި މީހުން ސިފަ ކުރައްވާފައިވަނީ ބޮޑާ ބައެއްގެ ގޮތުގަ އެވެ. އަދި އަލް ޤަމަރް ސޫރަތުގެ 26 ވަނަ އާޔަތުގައި އެމީހުން ސިފަ ކުރައްވާފައިވަނީ ދޮގުވެރި ބޮޑާ ބައެއްގެ ގޮތުގަ އެވެ.

ޢާދު ބާގައި މީހުންނަށް ފަހުގައި މި ބިންމަތީގައި ބުދަށް އަޅުކަން ކޮށް ޝިރުކުގެ ޢަޤީދާ ފަތުރަން ފެށި ބަޔަކީ ޘަމޫދު ބާގައި މީހުންނެވެ. ނަމަވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއީ، އެކަލާނގެ އަޅުތަކުންނަށް އެންމެ އޯގާވަންތަ ރަސްކަލާނގެ އެވެ. އަދި އެންމެ އޯގާވަންތަ ރަޙީމްވަންތަ ރަސްކަލާނގެ އެވެ. އެހެންކަމުން، ޝިރުކުގެ މަގުގައި އެމީހުން ނަރަކަ އަށް ދިއުމުގެ ބަދަލުގައި އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲގެ ރިސާލަތާއިގެން އިތުރު ނަބީބޭކަލަކު އެބައިމީހުންގެ ގާތަށް ފޮނުއްވެވި އެވެ.

ބަޔަކު ކިތަންމެ ނުބައިކޮށް އުޅުނު ކަމުގައި ވިޔަސް، ﷲގެ އެއްކައުވަންތަކަމަށް އެނބުރި އައުމުގެ ފުރުސަތު ދެއްވުމަށް ފަހުގައި މެނުވީ އެބަޔަކަށް ﷲގެ އުގޫބާތެއް ނުފޮނުއްވަ އެވެ. އެކަން ބަޔާން ކުރައްވައި ސޫރަތުލް އިސްރާއުގެ 15 ވަނަ އާޔަތުގައި ﷲ އަންގަވާފައިވަނީ "އަދި ތިމަންރަސްކަލާނގެރަސޫލަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސް ބަޔަކަށް) ޢަޛާބު ދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ."

އެ މަތިވެރި އިލާހީ ސުންނަތާ އެއްގޮތަށް، ހިޖްރުގެ އަހުލުވެރިންނަށް ތެދުމަގު ދެއްކެވުމަށް ވެސް ﷲގެ ރަސޫލަކު ފޮނުއްވެވި އެވެ. އެއީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމަންމެން ހަލާކު ކުރައްވައި ނެތިކުރެއްވީ، ﷲގެ އެއްކައުވަންތަކަމަކީ ކޮބައިކަމާ މެދު ތިމަންމެންނަށް އެއްވެސް އެއްޗެއް ނޭނގޭ ހާލުގައޭ ބުނެ އެއްވެސް ހުއްޖަތެއް ދެއްކުމުގެ ފުރުސަތު ނުދެއްވުމުގެ ގޮތުންނެވެ.

އެހެންކަމުން ﷲގެ ދަޢުވަތާއިގެން ހަމަ އެބައިމީހުންގެ ތެރެއިން ބޭކަލަކު ފޮނުއްވެވި އެވެ. އެއީ އެބައިމީހުންގެ އަޚް ޞާލިޙްގެފާނެވެ. ހަމަ އެމީހުންގެ ނަސްލުގެ، އެމީހުންގެ ގަބީލާގެ އަދި އެ މީހުން ދެކެ ފަރިތަ ބޭކަލެކެވެ.

(ނުނިމޭ)