Roadha Mihaaru
ކުނި އުކަން ރަޖިސްޓްރީކުރީ 1،500 ގެއިން: ވެމްކޯ

ކުނި އުކަން މާލޭގެ 27،000 ގޭބިސީގެ ތެރެއިން އަދި ރަޖިސްޓްރީކުރީ 1،500 ގެއިން: ވެމްކޯ

15 ޖޫން 2017

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް މާލެ އިން ކުނި އުކާލުމަށް މިހާތަނަށް ރަޖިސްޓްރީކޮށްފައި ވަނީ 1،500 ގެއިން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް މާލެ އިން ކުނި އުކާލުމަށް މިހާތަނަށް ރަޖިސްޓްރީކޮށްފައި ވަނީ 1،500 ގެއިން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މަޖިލީހުގެ މަސްއޫލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވީ 27،000 ގޭބިސީ ހުންނައިރު ރަޖިސްޓްރީކުރި ގޭބިސީގެ އަދަދު މަދު ކަމަށެވެ. އަދި އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ޑޭޓާބޭސްއެއް ތައްޔާރުކޮށްފައި ނެތް ކަމަށާއި ނަމަވެސް އަންނަ ހަފުތާގައި އެ ސިސްޓަމް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"މި ޑޭޓާބޭސް ގާއިމުކުރެވުމުން ކަސްޓަމަރަށް އެސްއެމްއެސްއަކުން އަންގާނެ ވަކި ދުވަހަކުން ފެށިގެން ކުނި އުކާލަން ފަށާނެކަން. އަދި އެ މަސައްކަތުގެ އަގު ވެސް އަންގާނެ. ތިން މަސް ދުވަހުގެ ތެރޭގައި ބިލް ދެއްކުމަށް ވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާނެ،" ޝިފާއު ވިދާޅުވި އެވެ.

މަޖިލީހުގެ މަސްއޫލިއްޔަތު ކޮމިޓީގެ މެމްބަރުންތަކެއް ވެމްކޯއާ ސުވާލުކުރައްވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މަޖިލީހުގެ މަސްއޫލިއްޔަތު ކޮމިޓީގެ މެމްބަރުންތަކެއް ވެމްކޯއާ ސުވާލުކުރައްވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ސަރުކާރުން މިހާރު ހަމަޖައްސާފައި ވަނީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ރަޖިސްޓްރީ ނުކޮށް ގޭގެއިން ބިދޭސީންނާ ހަވާލުކޮށްގެން ކުނި އުކާލުމަކީ މަނާ ކަމެއްގެ ގޮތުގަ އެވެ. އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ އެ ކުންފުނިން ނޫން ކަމަށެވެ. އަދި އަމިއްލަ ގޭގައި ގެންގުޅޭ މީހަކާ ހަވާލުކޮށްގެން ކުނި އުކާލާ ނަމަ ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ދެ ހަފުތާގައި ވެސް މާލޭގެ އެކި ސަރަހައްދުތަކަށް އުކާލާފައިވާ ކުނިތައް އެކި ފަހަރުމަތިން ނަގާފައިވާނެ. އަޅުގަނޑުމެންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވި ނަމަވެސް މަގުމައްޗަށް ވެސް އުކާލާފައި ހުންނަ ކުނިތައް ނަގަމުން ދަނީ،" ޝިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެއިން އުކާލުމަށް ދިހަ ޒޯނަކަށް ބަހާލައި، ދިހަ ޒޯނުން އުކާލަން ބޭނުންވާ ވެހިކަލްތައް ވެސް ލިބިފައިވާ ކަމަށެވެ. މާލެއިން ކުނި އުކާލަން ނަގަނީ ކޮންމެ އެޕާޓްމަންޓްތަކުން 150ރ. ކަމަށާއި އެކަމަކު އެއް ތަނަކަށް ޖަމާކުރާނަމަ ކޮންމެ އެޕާޓްމަންޓަކުން ނަގާނީ 100ރ. ކަމަށް ވެސް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

މަޖިލީހުގެ މަސްއޫލިއްޔަތު ކޮމިޓީގެ މެމްބަރަކު ވެމްކޯގެ އިސްވެރިންނާ ސުވާލުކުރައްވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މަޖިލީހުގެ މަސްއޫލިއްޔަތު ކޮމިޓީގެ މެމްބަރަކު ވެމްކޯގެ އިސްވެރިންނާ ސުވާލުކުރައްވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"އަޅުގަނޑުމެން އަދި މި ހިދުމަތް ފައްޓައިގެން މި އުޅެނީ. އަޅުގަނޑުމެންނަށް ދެއްވާ ދެތިން މަސް މިކަން ފުރިހަމަކުރަން،" އޭނާ ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ ކުނި އުކާލުމުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ކޮންމެ ގެއަކުން ކުނި ނެގުމަށްފަހު އެކަން އެ ކުންފުނީގެ ކޯލް ސެންޓަރަށް އަންގާނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ބިލް ދެއްކުން ވެސް އޮންލައިން މެދުވެރިކޮށް އަދި ބިލް ދައްކާ ތަންތަނުން ވެސް ބިލް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެމްކޯ އިން ބުނީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދެއްކޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.