Roadha Mihaaru
ތެހެރާނުގައި ހަމަލާ ދިނީ އައިއެސްއާ ގުޅިފައިވާ ބައެއް

ތެހެރާނުގައި ހަމަލާ ދިނީ އައިއެސްއާ ގުޅިފައިވާ އީރާނު ބައެއް

08 ޖޫން 2017

ތެހެރާން (ޖޫން 8) - އީރާނުގެ ޕާލަމެންޓާއި އާޔަތުﷲ ޚުމައިނީގެ ޒިޔާރަތުގައި ބޮން ގޮއްވާ ހަމަލާ ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ އީރާނުން ގުޅިފައިވާ ބައެއް ކަމަށް އެ ގައުމުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖޫން 8) - އީރާނުގެ ޕާލަމެންޓާއި އާޔަތުﷲ ޚުމައިނީގެ ޒިޔާރަތުގައި ބޮން ގޮއްވާ ހަމަލާ ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ އީރާނުން ގުޅިފައިވާ ބައެއް ކަމަށް އެ ގައުމުން ބުނެފި އެވެ.

ހަމަލާގައި ވަނީ 12 މީހުން މަރުވެފަ އެވެ. އަދި ހަމަލާ ދިން މީހުން ވެސް ވަނީ މަރާލައިފަ އެވެ. ތިން ވަނަ ހަމަލާއެއް ދިނުމަށް ރާވަމުން ދިޔަ ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައި ވަނީ ހަމަލާގެ ފަހަތުގައި ވަނީ ސައުދީ އަރަބިއާ އާއި އެމެރިކާ ކަމަށެވެ. ސުންނީ ސައުދީ އަރަބިއާ އާއި ޝިއައީ އީރާނާ ދެމެދު ވާދަވެރިކަން އުފެދިފައިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

އީރާނުގައި ހަމަލާ ދީފައި މިވަނީ މެދުއިރުމަތީގެ ބައެއް ގައުމުތަކުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމުން މެދުއިރުމަތީގެ މަޝްރަހު ހޫނުވެފައި ވަނިކޮށެވެ.

ހަމަލާ އަށް ފަހު އީރާނުގެ ޕާލަމެންޓް އިމާރާތުގެ ބޭރުގައި ބައެއް ވެހިކަލްތައް ޗެކް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ހަމަލާ އަށް ފަހު އީރާނުގެ ޕާލަމެންޓް އިމާރާތުގެ ބޭރުގައި ބައެއް ވެހިކަލްތައް ޗެކް ކުރަނީ. --ފޮޓޯ:އޭއެފްޕީ

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ނައިބް ރިޒާ ސައިފުﷲ ވިދާޅުވީ ހަމަލާ ދިން މީހުން ވަނީ އައިއެސްއާ ގުޅިފައިވާ ކަމަށެވެ. އައިއެސް އިން ވެސް ކުރިން ވަނީ އީރާނުގައި ހަމަލާ ދިނީ އެ ޖަމާއަތުން ކަމަށް ބުނެފަ އެވެ. އަދި އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. މިއީ އައިއެސް އިން އީރާނުގައި ދިން ފުރަތަމަ ހަމަލާ އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ހަމަލާގެ ބަދަލު ހިފާނެކަމުގެ އިންޒާރުދީފަ އެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ސައުދީ އަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރައްވާ ރިވޮލިއުޝަނަރީ ގާޑުން ވަނީ ހަމަލާގެ ތުހުމަތު ސައުދީ އާއި އެމެރިކާ އަށް ކޮށްފަ އެވެ.

"ސައުދީގެ ލީޑަރުންނާ ޓްރަމްޕް ބައްދަލުކޮށްފައި ވަނިކޮށް މި ޓެރަރިސްޓް ހަމަލާދީފައިި ވަނީ. އެހެންވެ މި ހަމަލާގައި އެ މީހުންގެ ބައިވެރިވުން އޮތްކަން ދައްކުވައިދޭ،" ރިވޮލިއުޝަނަރީ ގާޑުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އީރާނުގައި ދިން ހަމަލާ ވަނީ އެމެރިކާ އާއި ސައުދީ އަރަބިއާ އިން ކުށްވެރިކޮށްފަ އެވެ.