Roadha Mihaaru
އައިއެސްގެ ހަމަލާއެއް ފުރަތަމަ ފަހަރަށް އިޒްރޭލަށް؟

އައިއެސްގެ ހަމަލާއެއް ފުރަތަމަ ފަހަރަށް އިޒްރޭލަށް؟

17 ޖޫން 2017

ގުދުސް (ޖޫން 17) - ގުދުސްގައި އިއްޔެ ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ އޮފިސަރަކު މަރާލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަމަލާއެއްގައި ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގުދުސް (ޖޫން 17) - ގުދުސްގައި އިއްޔެ ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ އޮފިސަރަކު މަރާލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަމަލާއެއްގައި ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

މިއީ އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދަކަށް ހަމަލާ ދިން ކަމަށް އައިއެސް އިން ބުނި ފުރަތަމަ ފަހަރެވެ. އެކަމަކު އައިއެސް ބުނާ މި ވާހަކަ ފަލަސްތީނުގެ ގްރޫޕްތަކުން ވަނީ ދޮގުކޮށްފަ އެވެ. ގާޒާ ސްޓްރިޕްގައި ބާރު އޮންނަ ހަމާސް ޖަމާއަތުން ބުނެފައި ވަނީ އިޒްރޭލް ސިފައިންނަށް ހަމަލާ އަމާޒުކޮށްފައި ވަނީ އެ ޖަމާއަތުގެ މެންބަރުން ކަމަށެވެ.

ހަމާސްގެ ތަރުޖަމާނަކު ވިދާޅުވީ އައިއެސް އިން ދައްކާ ވާހަކަ އަކީ ދޮގެއް ކަމަށާއި އިޒްރޭލް ސިފައިންނަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ ހަމާސް އާއި ޕޮޕިއުލާ ފްރަންޓް ފޯ ލިބަރޭޝަން އޮފް ޕަލަސްތީން (ޕީއެފްއެލްޕީ) އިން ކަމަށެވެ.

"އެއީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ ޖަރީމާތަކަށް ދިން ރައްދެއް،" އޭނާ ވިދާޅުވި އެވެ.

އިއްޔެ މެންދުރު ފަހު އިރުމަތީ ގުދުސްގެ ދިމިޝްގު ގޭޓުގައި އިޒްރޭލް ސިފައިންގެ މީހަކަށް ހަމަލާދީ ވަނީ މަރާލައިފަ އެވެ. ރައްދުގައި އިޒްރޭލް ސިފައިންގެ ހަމަލާގައި ފަލަސްތީނުގެ ތިން މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

ހަމަލާ ދިން މީހުންގެ ނަންތައް ވަނީ އިޒްރޭލުގެ ދާޚިލީ ސެކިއުރިޓީ އެޖެންސީ ޝިން ބެތުން ހާމަކޮށްފަ އެވެ. ނަމަވެސް އައިއެސް އިން ބުނާ ނަންތަކާ އެ ނަންތައް ތަފާތެވެ.

އޮކްޓޯބަރު 2015 ގެ ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 250 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. އެ މުއްދަތުގައި ފަލަސްތީނުގެ ހަމަލާތަކުގައި އިޒްރޭލް ސިފައިންގެ ތެރޭން މަރުވެފައި ވަނީ 42 މީހުންނެވެ.