Roadha Mihaaru
ގަލްފުގެ އެއްބައިވަންތަކަމަށް ޓްރަމްޕް ގޮވާލައްވައިފި

ގަލްފުގެ އެއްބައިވަންތަކަމަށް ޓްރަމްޕް ގޮވާލައްވައިފި

07 ޖޫން 2017

ވޮޝިންޓަން (ޖޫން 7) - ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލާފައިވާ އިރު ގަލްފު ސަރަހައްދުގެ އެއްބައިވަންތަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖޫން 7) - ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލާފައިވާ އިރު ގަލްފު ސަރަހައްދުގެ އެއްބައިވަންތަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

ސައުދީ ރަސްގެފާން ސަލްމާނަށް ގުޅުއްވުމަށް ފަހު ޓްރަމްޕް ވިދާޅުވި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ޓެރަރިޒަމާއި ހަރުކަށިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ވެސް ބޭނުން ވަނީ އެއްބައިވަންތަކަން ކަމަށެވެ.

ސަރަހައްދުގެ ހަމަޖެހުމަށް ގަލްފު ސަރަހައްދުގެ އެއްބައިވަންތަކަމަކީ އެންމެ މުހިންމު އެއްކަންތައް،" ސަލްމާންއާ އެކު ފޯނުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ގަލްފުގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ގާއިމްކޮށްފައި ވަނީ ގަތަރުގައި ކަމަށް ވިޔަސް ރައީސް ޓްރަމްޕް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ގަތަރު އެކަހެރި ކުރުމަކީ ޓެރަރިޒަމަށް ނިމުން ގެނައުމުގެ ފެށުން ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕުގެ ޓްވީޓަށް ފަހު ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ޓެރަރިޒަމަށް ފަންޑު ކުރުން ހުއްޓުވުމުގައި ގަތަރުން ކުރިއެރުން ހޯދަމުން އަންނަ ކަމަށާއި އަދިވެސް އިތުރު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަނެއްކޮޅުން ސައުދީގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވަނީ ގަލްފު ސަރަހައްދާ އެކު ގަތަރުން ގުޅުން ބާއްވަން ބޭނުންވާ ނަމަ ފަލަސްތީނުގެ ހަމާސް އާއި މިސްރުގެ މުސްލިމް ބްރަދާހުޑާ ދޯހާ އިން ގުޅުން ކަނޑާލުމަށް ގޮވާލައްވައިފަ އެވެ.

ޕެރިހުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމު އާދައިގެ ގައުމެއްގެ ހާލަތަށް ރުޖޫއަވުމަށް ޕްރެޝަރު ކުރިމަތިވާނެ ކަމަށެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުލްރަހުމާން އަލް ސާނީ ވަނީ އެ ގައުމާ މެދު ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ގަތަރު މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުވޭތުގެ އަމީރު އިއްޔެ ވަނީ ސައުދީ އަށް ވަޑައިގެން ސަލްމާން ރަސްގެފާނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމާ ބެހޭ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.