Roadha Mihaaru

ބައެއް ގައުމުތަކުން ގުޅުން ކަނޑާލުމުން ގަތަރަށް ވާނީ ކިހިނެއް؟

ދޯހާ (ޖޫން 6) - ސައުދީ އަރަބިއާ، މިސްރު، ބަހުރޭން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ލީބިއާ، ޔަމަން އަދި ދިވެހި ރާއްޖެ އިން އިއްޔެ ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ސައުދީ އަރަބިއާ އިން ވަނީ ގަތަރުގެ ބޯޑަރު ބަންދުކޮށް އެ ގައުމުގެ މަތިންދާ ބޯޓުތަކަށް ސައުދީގެ ވައިގެ ސަރަހައްދު ވެސް ބަންދުކޮށްފަ އެވެ. ސައުދީގެ ފަހަތުން މިސްރާއި ބަހުރޭނުން ވެސް ވަނީ ގަތަރު އެއާވެސްގެ ބޯޓުތައް ޖެއްސުން މަނާކޮށްފަ އެވެ. ޔޫއޭއީގެ އެއާލައިންތައް ގަތަރަށް އުދުހުން ވަނީ މަނާކޮށްފަ އެވެ.

ގައުމުތަކުން ގުޅުން ކަނޑާލުމުން ގަތަރަށް ވާނީ ކިހިނެއް؟
ހަސަން އާމިރު
ހަސަން އާމިރު

06 ޖޫން 2017

ދޯހާ (ޖޫން 6) - ސައުދީ އަރަބިއާ، މިސްރު، ބަހުރޭން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ލީބިއާ، ޔަމަން އަދި ދިވެހި ރާއްޖެ އިން އިއްޔެ ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ސައުދީ އަރަބިއާ އިން ވަނީ ގަތަރުގެ ބޯޑަރު ބަންދުކޮށް އެ ގައުމުގެ މަތިންދާ ބޯޓުތަކަށް ސައުދީގެ ވައިގެ ސަރަހައްދު ވެސް ބަންދުކޮށްފަ އެވެ. ސައުދީގެ ފަހަތުން މިސްރާއި ބަހުރޭނުން ވެސް ވަނީ ގަތަރު އެއާވެސްގެ ބޯޓުތައް ޖެއްސުން މަނާކޮށްފަ އެވެ. ޔޫއޭއީގެ އެއާލައިންތައް ގަތަރަށް އުދުހުން ވަނީ މަނާކޮށްފަ އެވެ.

ގައުމުތަކުން ގުޅުން ކަނޑާލުމުން ގަތަރުގެ އިގްތިސާދަށް ވާނީ ކިހިނެއްބާވަ އެވެ؟ އާބާދީގައި 2.7 މިލިއަން މީހުން ހިމެނޭ އެރޭބިއަން ޕެނިންސުލާގެ އިރުއުތުރު އައްސޭރީގައި އޮންނަ ގަލްފުގެ ކުޑަ ގައުމުން ދަނީ އިގްތިސާދީ ގޮތުން އަމިއްލަ ފައި މައްޗަށް ތެދުވުމަށް މަސައްކަތް ކުރަމުންނެވެ. ގަތަރުގެ ގައުމީ އެއާލައިން، ގަތަރުއެއާވޭސް އަކީ މިހާރު ދުނިޔޭގައި އެންމެ ވަރުގަދަ އެއް އެއާލައިނެވެ. ގަތަރުގެ އަލް ޖަޒީރާ އަކީ އެންމެ ވަރުގަދަ އެއް ނިއުސް ސްޓޭޝަނެވެ. ކުޅިވަރަށް ބަލާއިރު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ ގަތަރުގަ އެވެ. ސްޓޭޑިއަމްތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި އެ ގައުމުން ކުރިއަށް ގެންދެ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކްލަބު ބާސެލޯނާ ގަތަރުން ވަނީ ސްޕޮންސާކޮށްފަ އެވެ.

ފްލައިޓްތައް

އަބޫ ދާބީގެ އިއްތިހާދު އެއާވޭސް އާއި ދުބާއީގެ އެމިރޭޓްސް ވަނީ މިއަދުން ފެށިގެން ގަތަރަށް ދަތުރުތައް ހުއްްޓާލައިފަ އެވެ. މި ދެ އެއާލައިނުން ދުވާލަކު ހަތަރު ފްލައިޓް ދޯހާ އަށް ބާއްވަ އެވެ. ބަޖެޓް އެއާލައިން ފްލައިދުބާއީ އާއި އެއާ އެރެބިއާ އިން ވެސް ވަނީ ގަތަރަށް ދަތުރުތައް ހުއްޓާލައިފަ އެވެ. އެހެން އެއާލައިންތައް ކަމަށްވާ ބަހުރޭނުގެ ގަލްފު އެއާ އަދި މިސްރު އެއާ އިން ވެސް ދޯހާ އަށް ދަތުރުތައް ހުއްޓާލާނެ ކަމަށް ބެލެވެ އެވެ.

ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާ ވައިގެ ސަރަހައްދު ބަންދު ކުރުމުން ގަތަރު އެއާވޭސް އަށް ބަނަކަން ކުރިމަތިވާނެ. --ފޮޓޯ:ރޮއިޓާސް

ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާ ވައިގެ ސަރަހައްދު ބަންދު ކުރުމުން ގަތަރު އެއާވޭސް އަށް ބަނަކަން ކުރިމަތިވާނެ. --ފޮޓޯ:ރޮއިޓާސް

ގުޅުންތައް ކަނޑާލުމުން ގަތަރުން އެންމެ ބޮޑު އެއް ގެއްލުމެއް ލިބޭނެ ދާއިރާ އަކީ އެ ގައުމުގެ ގައުމީ އެއާލައިނެވެ. ސައުދީގެ ނުވަ ސިޓީގެ އިތުރުން އަބޫ ދާބީ، ދުބާއީ، އަދި ގާހިރާ އަށް ކޮންމެ ދުވަހަކު ކުރާ އެތައް ދަތުރެއް ހުއްޓާލަން ޖެހުމަކީ ގަތަރު އެއާވޭސް އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. ގަތަރު އެއާވޭސް އިން ވަނީ ސައުދީ އަށް ބުކިން ހަދާފައިވާ ފަރާތްތަކަށް ޓިކެޓް ރިފަންޑް ނުވަތަ އެންމެ ކައިރީގައިވާ އެހެން މަންޒިލަކަށް ދަތުރު ކުރަން ބުކިން ހަމަޖައްސައިދޭނެ ކަމަށް ބުނެފަ އެވެ.

ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ގަތަރު އެއާވޭސް އަށް ބަންދު ކުރުމުން ޔޫރަޕަށް ކުރާ ދަތުރަށް ނަގާ ހަ ގަޑިއިރުގެ ބަދަލުގައި ދެން އަށެއް ނުވަތަ ނުވަ ގަޑިއިރު ހޭދަވުމުން ޕަސިންޖަރުންނަށް ދަތިތައް ކުރިމަތިވެ އެހެން އެއާލައިންތަކަށް މިސްރާބު ޖެހުން އެކަށީގެންވާ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

ދޯހާގެ ފިހާރައަކުން މީހުން އިއްޔެ ވިޔަފާރި ކުރަނީ. --ފޮޓޯ:އޭއެފްޕީ

ދޯހާގެ ފިހާރައަކުން މީހުން އިއްޔެ ވިޔަފާރި ކުރަނީ. --ފޮޓޯ:އޭއެފްޕީ

ކާބޯތަކެތި

ގަތަރަކީ ކާބޯތަކެތި ހައްދާ ގައުމަކަށް ނުވާތީ ފުޑް ސެކިއުރިޓީގެ މައްސަލަ ދިމާވާނެ އެވެ. ގަތަރަށް ކާނާގެ ގިނަ ބާވަތްތައް އެތެރެކުރަނީ އެއްގަމު މަގުން ސައުދީންނެވެ. ގަތަރަށް އެތެރެކުރާ ކާނާގެ 40 ޕަސެންޓް ސަޕްލައި ކުރަނީ ސައުދީންނެވެ. ގަތަރަށް ސައުދީގެ ބޯޑަރު ބަންދުކުރުމުން ދެން ޖެހޭނީ ކަނޑު މަގުން އަދި ވައިގެ މަގުން ކާނާގެ ބާވަތްތައް އެތެރެކުރާށެވެ. މިކަމުގެ ސަބަބުން އިންފްލޭޝަން މައްޗަށް ދާނެ ކަމަށް އިގްތިސާދީ ފަރާތްތަކުން ބުނެ އެވެ. އަދި ތަކެތީގެ އަގު ބޮޑުވުމަކީ ރައްޔިތުން ކަންބޮޑުވެ، ސިޔާސީ ގޮތުން ޝާހީ އާއިލާ އަށް ޕްރެޝަރު ބޮޑުވާނެ ކަމެކެވެ.

ގަތަރުގެ އާދައިގެ އާއިލާތަކުން ކޮންމެ ދުވަހަކު ވެސް ސައުދީ އަށް ގޮސް ތަކެތި ގަތުމުން އެ މީހުންނަށް އެތައް ތަނެއް އަގު ހެޔޮވެ އެވެ. ނަމަވެސް ސައުދީ ބޯޑަރު ބަންދުކުރުމުން އެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

އިމާރާތް ކުރުމުގެ ދާއިރާ

ގަތަރުގައި މިހާރު އެންމެ ބާރަށް ކުރިއަށް ދަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް، އަށް ސްޓޭޑިއަމް ތައްޔާރު ކުރުމުގެ މަސައްކަތެވެ. އާ ބަނދަރަކާއި މެޑިކަލް ޒޯނަކާއި މެޓްރޯ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. މަސައްކަތަށް ބޭނުންވާ ކޮންކްރީޓާއި ދަގަނޑުގެ ބޮޑު ބައެއް އެތެރެ ކުރަނީ އެއްގަމު މަގުން ސައުދީންނެވެ. ބޯޑަރު ބަންދުކުރުމުން ތަކެތި ލިބުން ލަސްވެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ލަސްކަން އަންނާނެ އެވެ. އެންމެ ބޮޑު ބިރަކީ ވޯލްޑް ކަޕް ސްޓޭޑިއަމްތައް ޝެޑިއުލާ އެއްގޮތަށް ނުނިންމިދާނެތީ އެވެ.

ވޯލްޑް ކަޕަށް ގަތަރުން ދަނީ އަށް ސްޓޭޑިއަމް ތައްޔާރު ކުރަމުން. --ފޮޓޯ:ރޮއިޓާސް

ވޯލްޑް ކަޕަށް ގަތަރުން ދަނީ އަށް ސްޓޭޑިއަމް ތައްޔާރު ކުރަމުން. --ފޮޓޯ:ރޮއިޓާސް

މީހުން

ސައުދީ އަރަބިއާ، މިސްރު، ބަހުރޭން، ޔޫއޭއީ، ލީބިއާ އަދި ޔަމަން މީހުން ގަތަރަށް ދަތުރު ކުރުމާއި އެ ގައުމުގައި ދިިރިއުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ގަތަރުގައި ތިބި އެ ގައުމުތަކުގެ މީހުން ދިއުމަށް 14 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. ސައުދީ، ބަހުރޭން، ޔޫއޭއީގައި ތިބި ގަތަރު މީހުން ވެސް އެ ގައުމުތަކުން ނުކުތުމަށް ވަނީ 14 ދުވަހުގެ މުހުލަތު ދީފަ އެވެ.

އެންމެ ބޮޑު ދެރައެއް ލިބޭނީ މިސްރުން އެފަދަ އަމުރެއް ނެރެފި ނަމަ އެވެ. ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މިސްރުގެ 180،000 މީހުން ގަތަރުގައި ދިރިއުޅެ އެވެ. ގިނަ މީހުން އުޅެނީ އިންޖިނިއަރިން، މެޑިސިން، ގާނޫނީ އަދި ކޮންސްޓްރަކްޝަން ދާއިރާގެ ވަޒީފާތަކުގަ އެވެ. މިސްރުގެ ވޯކް ފޯސް ގެއްލިއްޖެ ނަމަ ގަތަރުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އަދި ގަތަރުގެ ކުންފުނިތަކަށް ބޮޑު ދެރައެއް ލިބޭނެ އެވެ.

ގަތަރުގެ ކޮންސްޓްރަކްޝަން ދާއިރާގައި ގަލްފުގެ ގިނަ ކުންފުނިތަކުން ހަރަކާތްތެރިވޭ. --ފޮޓޯ:ރޮއިޓާސް

ގަތަރުގެ ކޮންސްޓްރަކްޝަން ދާއިރާގައި ގަލްފުގެ ގިނަ ކުންފުނިތަކުން ހަރަކާތްތެރިވޭ. --ފޮޓޯ:ރޮއިޓާސް

ވިޔަފާރި

ގަލްފުގެ ވަރަށް ގިނަ ކުންފުނިތަކުން ގަތަރުގައި ވިޔަފާރި ކުރެ އެވެ. ޚާއްސަކޮށް ރީޓެއިލް ވިޔަފާރީގެ ދާއިރާގަ އެވެ. އެކަމަކު ގުޅުން ކަނޑާލުމުން ގަތަރުގައި ހިންގާ ގަލްފުގެ ކުދި ވިޔަފާރިތަކަށް ހުއްޓުން އަންނާނެ އެވެ. މީގެ އިތުރުން ގަތަރުގެ ޝެއާ އިންޑެކްސް އިއްޔެ ހަތް ޕަސެންޓް ދަށަށް ދިއުމާ އެކު ގަތަރުގެ އިންވެސްޓްމަންޓް މާހައުލަށް ވަނީ ބަނަކަށް އައިސްފަ އެވެ. މިސާލެއްގެ ގޮތުން ސައުދީ ފުޓުބޯލް ކްލަބް އަލް އަހުލީ އާއި ގަތަރު އެއާވޭސްގެ ސްޕޮންސާ އެއްބަސްވުމެއް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.