Roadha Mihaaru
މައުމޫން ފައި މަގުގައި ހަތް ގަޑިއިރު!

މައުމޫން ފައި މަގުގައި ހަތް ގަޑިއިރު، ހަނގުރާމައިގެ ހަނދާންތަައް

05 ޖޫން 2017

މީގެ 50 އަހަރު ކުރިން މިއަދު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކުރައްވަން ޖެހިވަޑައިގަތީ ވަރަށް އާދަޔާހިލާފު ތަޖުރިބާއެކެވެ. ފައިމަގުގައި މެދުނުކެނޑި ހަތް ގަޑިއިރު ހިންގެވުމެވެ. މިއީ، މިހާތަނަށް އެމަނިކުފާނު މެދުނުކެނޑި އެންމެ ގިނައިރު ހިންގެވި ދުވަހެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މީގެ 50 އަހަރު ކުރިން މިއަދު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކުރައްވަން ޖެހިވަޑައިގަތީ ވަރަށް އާދަޔާހިލާފު ތަޖުރިބާއެކެވެ. ފައިމަގުގައި މެދުނުކެނޑި ހަތް ގަޑިއިރު ހިންގެވުމެވެ. މިއީ، މިހާތަނަށް އެމަނިކުފާނު މެދުނުކެނޑި އެންމެ ގިނައިރު ހިންގެވި ދުވަހެވެ.

އެއީ މައުމޫން މިސްރުގައި ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރެވެ. އިޒުރޭލާއި އަރަބިންނާ ދެމެދު ހިނގި މަޝްހޫރު "ހަ ދުވަހުގެ ހަނގުރާމަ"އިގެ ފުރަތަމަ ދުވަހު އިޒްރޭލުން މިސްރަށް ހަމަލާތައް ފެށުމާ އެކު އެ ގައުމުގެ ދަތުރުފަތުރު ހުއްޓުމަކަށް އަ އެވެ. އެކަމަކު އެއީ މައުމޫންގެ ވަރަށް މުހިއްމު އިމްތިހާނެއް އޮތް ދުވަހަކަށް ވާތީ، ކޮންމެހެން ވެސް ޔުނިވާސިޓީ އަށް ވަޑައިގަންނަވަން ބޭނުންފުޅުވި އެވެ.

"އިމްތިހާން 9:15 ގައި އޮތީމަ 8:15 ގައި އަޅުގަނޑު ގެއިން ނުކުމެގެން ޔުނިވަސިޓީ އަށް ދިޔައީ. އެ ދިޔައިރު މަގުމަތީގައި ރޭޑިއޯ ޖަހާފައި ހުރީމަ އަޑު އިވުނު އިޒްރޭލުން ]މިސްރުގެ] އެތަން މިތަނަށް ބޮން އަޅައިފިއޭ. އެކަމަކު ތިމަންނަމެން ވަރަށް ވަރުގަދަ ހަމަލާއެއް ދީގެން މިތައް ބޯޓު ވައްޓާލައިފީމޭ،" އެ ދުވަހު ތަޖުރިބާ ކުރެއްވި ކަންކަން ސިންގަޕޫރުގައި ހުންނަވައި ފޯނުން "މިހާރު" އަށް މައުމޫން ކިޔައިދެއްވި އެވެ.

މަގުމަތިން ހިންގަވާފައި ވަޑައިގެންނެވިއިރު، ކެފޭތަކުގައި ޖަހާފައި ހުރި ރޭޑިއޯތަކުން ލިބޭ މައުލޫމާތު އައްސަވައި މައުމޫން ގެންދެވީ ހަނގުރާމައިގެ ހާލަތު އޮޅުންފިލުއްވަމުންނެވެ. ހަނގުރާމައާ ހެދި އިމްތިހާން ކެންސަލްކޮށް، އެހެން ތާރީހަކަށް ފަސްކުރިކަން އެނގިވަޑައިގެންނެވީ ޔުނިވާސިޓީ އަށް ވަޑައިގަތުމުންނެވެ.

"އޭރު ބަސް ދަތުރުތައް ވެސް އޮތީ ހުއްޓާލާފައި. އެއްވެސް ޓެކްސީއެއް ވެސް ނެތް. އެންމެން ވެސް ބިރުން ތަންތަނަށް ވަދެ ދެއްތޯ ތިބޭނީ، މަތިންދާ ބޯޓުތަކުން ހަމަލާތައް ދޭތީ ވަރަށް ނުރައްކާވީމަ. ދެން އަޅުގަނޑު ހިތަށްއެރީ، އަޅުގަނޑުމެންނާ އެކު ކިޔަވާ އަންހެން ކުދިންގެ ހާލު ބަލާނަމޭ، ވަރަށް ބިރުގަންނާނެއޭ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ޒުވާން ދުވަސްވަރު ހދ. މަކުނުދޫގައި ފޮތެއް ވިދާޅުވަނީ: އެމަނިކުފާނަށް ވަނީ މިސްރުގައި ކުރި ބައެއް ހަނގުރާމަތަކުގެ މަންޒަރުތައް ފެނިވަޑައިގެންފައި.

މައުމޫން ޒުވާން ދުވަސްވަރު ހދ. މަކުނުދޫގައި ފޮތެއް ވިދާޅުވަނީ: އެމަނިކުފާނަށް ވަނީ މިސްރުގައި ކުރި ބައެއް ހަނގުރާމަތަކުގެ މަންޒަރުތައް ފެނިވަޑައިގެންފައި.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންހެން ކުދިން އޭރު ތިބެނީ ފިރިހެން ކުދިން ތިބޭ ތަނާ ވަރަށް ދުރުގަ އެވެ. އޭރު މައުމޫނަކީ މިސްރުގައި ތިބި ކިޔަވާ ކުދިންގެ ޖަމިއްޔާގެ ރައީސެވެ. އެހެންވެ، ކުދިންގެ ހާލު ބެއްލެވުމަކީ އެމަނިކުފާނަށް އޮތް ވާޖިބެއް ކަމަށް ގަބޫލުކުރެއްވުނު ކަމަށް ވިދާޅުވި އެވެ.

"އެ ކުދިން ތިބި ހިސާބަށް ދާން ޖެހުނީ ގާތްގަނޑަކަށް ހަތް ކިލޯ މީޓަރު ހިނގާފައި. ހިނގާފައި ގޮސް އެ ކުދިންގެ ހާލުބަލައި ކަންބޮޑުނުވައްޗޭ، ގެއިން ނުނިކުންނައްޗޭ ކިޔާފައި އެ ހިސާބުން އަޅުގަނޑުމެންގެ ގެއަށް އަނެއްކާ ހިނގާފައި ދާން ޖެހުނީ،" ހިނިފުޅުވަޑުވަމުން މައުމޫން ވިދާޅުވި އެވެ.

"ވަރަށް ދިގުކޮށް ހިނގަން ޖެހުނު ދުވަހެއް އެއީ. ދުވަހަކު ވެސް އެހާ ދިގު ރާސްތާއެއް ފައި މަގުގައި ނުހިނގަން އޅުގަނޑުގެ އުމުރުގައި ވެސް. ދެކޮޅު ދަތުރަށް ގާތްގަނޑަކަށް ހަތް ގަޑިއިރު ހޭދަކުރަން ޖެހުނު."

ގެއަށް ވަޑައިގަތީ ރޭގަނޑުގެ ވަގުތަށް ވާތީ، އަނދިރި ކަމުން ކޮންމެވެސް ވަރަކަށް ދަތިތަކަކާ ކުރިމަތިވެވަޑައިގެންނެވި އެވެ. އެކަމަކު އިޒްރޭލުން ބޮން އަޅަނީ ގާހިރާ ތެރެއަށް ނޫން ކަމަށް ވާތީ، އެމަނިކުފާނު އެހާ ކަންބޮޑުވެވަޑައެއް ނުގަންނަވަ އެވެ. އިޒްރޭލުން އެ ދުވަހު ބޮން އެޅީ އެއާޕޯޓުތަކަށާއި މިލިޓަރީ ބައެއް މަރުކަޒުތަކަށެވެ.

"ހަނގުރާމައިގެ މަންޒަރުތައް ފެނުނު. އެކަމަކު ނަސީބަކުން އަޅުގަނޑުމެން ތިބި ހިސާބަކަށް ގެއްލުމެއް ނުލިބޭ،" މައުމޫން ވިދާޅުވި އެވެ.

އޭގެ ކުރިން، އޮކްޓޯބަރު 1956 ގައި އިޒްރޭލާއި ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުން އެއްފަހަރާ މިސްރަށް ދިން ހަމަލާގެ މަންޒަރުތައް ވެސް މައުމޫނަށް ފެނިވަޑައިގެންނެވި އެވެ. މިސްރަށް އެ ފަހަރު، ހަމަލާ ދިން ކަން އެނގިވަޑައިގަތީ، މައުމޫން ވިދާޅުވި ގޮތުގައި، ދިރިއުޅުއްވި ގެކޮޅު ގުޑަން ފެށުމުންނެވެ.

"އެ ވީ ގޮތަކީ އެއާޕޯޓު ފަދަ ތަންތަނަށް ބޮން އެޅީމާ ބިންގަނޑު ގުޑައިގެން ދަނީ. އޭގެ އަސަރު އަޅުގަނޑުމެންގެ ގެއަށް ކޮށް، ބިއްލޫރިތައް ވެސް ތެޅޭ އަޑު އިވުނު، ފާރުތައް ވެސް ގުޑި،" ވަރަށް ކުޑައިރު މިސްރަށް ވަޑައިގެން ދިގު މުއްދަތެއް ހޭދަކުރެއްވި މައުމޫން ވިދާޅުވި އެވެ.

"އެ ހަނގުރާމައިގައި ބިރުވެރި ކަންތައްތަކެއް ފެނުނު. ބައެއް ދުވަސް ދުވަހު ފެންނާނެ، ހަމަލާދޭ މަތިންދާ ބޯޓުތައް ވަރަށް މަތިން އުދުހިފައި ދާ ތަން. އެ މަތިން ދާ ބޯޓުތަަކަށް މިސްރުން ހަމަލާ ދިނީމާ އޭގެ އުންޑަ ގޮވާތަން ވެސް ފެންނާނެ އެއާޕޯޓު ކައިރިން."

ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ގައްޒާ އަދި ސީރިޔާގެ ގޯލަން ހައިޓްސް އާއި މިސްރުގެ ސައިނާ އިޒުރޭލުން ހިފީ ހަ ދުވަހުގެ ހަނގުރާމައިގަ އެވެ.