Roadha Mihaaru

އިޒްރޭލުން ހަމަލާދެނީ ޣައްޒާއިން މީހުން ބާލަން: މިސްރު

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އަލުން ދޭން ފެށި ހަމަލާތަކަކީ އެ ތަނުން މީހުން ބާލައި ހުސްކުރަން ގެންގުޅޭ ޕްލޭންގެ ބައެއް ކަމަށް މިސްރުން ބުނެފި އެވެ.

އިޒްރޭލުން ހަމަލާދެނީ ޣައްޒާއިން މީހުން ބާލަން: މިސްރު

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އަލުން ދޭން ފެށި ހަމަލާތަކަކީ އެ ތަނުން މީހުން ބާލައި ހުސްކުރަން ގެންގުޅޭ ޕްލޭންގެ ބައެއް ކަމަށް މިސްރުން ބުނެފި އެވެ.

ގަތަރާއި އެމެރިކާއާ އެކު، ހަމާސް އާއި އިޒްރޭލު ސުލްހަކުރުމަށް މަސައްކަތްކުރި މިސްރުން އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށް ބުނީ މިއީ ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވުން ކަމަށެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި ކުވައިތުގެ އަމީރު ޝައިހް މިޝާލް އަލް އަހްމަދު އަލް ސަބާހް ފޯނުކުރައްވައި މި މައްސަލައިގައި މަޝްވަރާކުރައްވާފައި ވާއިރު ދެ ބޭފުޅުން ވެސް ވަނީ އިޒްރޭލުން އަލުން ހަނގުރާމަ ފެށުން ކުށްވެރިކުރައްވައިފަ އެވެ.

ސީސީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާތަކަކީ ޣައްޒާއަކީ މީހުން ދިރިނޫޅެވޭ ސަރަހައްދަކަށް ހެދުމަށާއި ފަލަސްތީނު ރައްޔިތުން މަޖުބޫރުން ވަޒަނުން ނެރުމަށް ރޭވިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިން ހަމަލާތަކެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާއިން މީހުން ހުސްކޮށް މިސްރާއި އުރުދުން އަށް އެންމެން ގެންގޮސް ޣައްޒާ އަކީ ރީތި ރިސޯޓަކަށް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ. އަރަބި އަދި އިސްލާމީ ގައުމުތަކުން ވަނީ މި ހުށަހެޅުމަށް ވަރަށް ބޮޑަށް ދެކޮޅުހަދައިފަ އެވެ.

ޖެނުއަރީ މަސް ތެރޭ ހަމަލާތައް މެދުކަނޑާލުމަށް ފަހު އިއްޔެ ރޭ ޣައްޒާއަށް ދިން ހަމަލާތަކުގައި ޣައްޒާއިން 330 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. ހަމަލާތަކުގައި ހަމާސްގެ އިސް ބައެއް އޮފިޝަލުން އަވަހަރާވެފައި ވިޔަސް ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ވަނީ ބުނެފަ އެވެ.