Roadha Mihaaru
ޑިންގީއެއް ބަންޑުން ޖަހާލައި،ފުލުހަކު ގެއްލިގެން ހޯދަނީ

އައްޑޫން މަހަށް ނުކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައި ފުލުހަކު ގެއްލިގެން ހޯދަނީ

04 ޖޫން 2017

މަހަށް ނުކުމެ އުޅުނު ޑިންގީއެއް ސ. ގަން ކަނޑަށް މިރޭ ބަންޑުން ޖަހާލައި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މަހަށް ނުކުމެ އުޅުނު ޑިންގީއެއް ސ. ގަން ކަނޑަށް މިރޭ ބަންޑުން ޖަހާލައި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނީ ކޯޕްރަލް މުހައްމަދު ސުމެއިދު ނަމަކަށް ކިޔާ ފުލުހެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަންނަނީ ކުރަމުން ކަަމަށެވެ. ހިތަދު އަށް ނިސްބަތްވާ އެ ޒުވާނާ އަކީ އައްޑޫގައި މަސައްކަތް ކުރާ ފުލުހެކެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިން ދިވެއްސަކު ދަތުރުކުރި މި ޑިންގީ ބަންޑުން ޖަހާލައިގެން، ގެއްލިގެން ހޯދަނީ އުމުރުން 27 އަހަރުގެ ޒުވާނެއް ކަމަށެވެ.

ޑިންގީ ބަންޑުން ޖަހާލުމާއެކު، ދެ މީހަކު ފަތާފައި ގޮސް ޝަންގްރިއްލާ ރިސޯޓަށް އަރާފައިވާ ކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި ސަލާމަތްވެ، ފަތާފައި ގޮސް ޝަންގްރިއްލާ އަށް އެރީ ފޭދޫގެ ދެ މީހެކެވެ.

"ޑިންގީ ފެނިފައި ވަނީ ޝަންގްރިއްލާ ރިސޯޓާ ދެކުނު ފަރާތު ފަރުމައްޗަށް ލައްވެފައި އޮއްވައި،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ޑިންގީ ބަންޑުން ޖަހާލި ޚަބަރު ލިބުނީ މިރޭ 8:30 ހާއިރު އެވެ.

ސަދަން އޭރިއާގެ ކޯސްޓްގާޑު ހަކުރާ ލޯންޗާއި ހާބާ ކްރާފްޓް ލޯންޗާއި ޑައިވިން ޓީމެއް ގުޅިގެން، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.