Roadha Mihaaru
އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި މީހާ ބޭރަށް ފޮނުވަނީ

ލޯންޗު އެކްސިޑެންޓުގައި އެންމެ ބޮަޑަށް އަނިޔާވި މީހާ ރާއްޖެއިން ބޭރަށް ގެންދިއުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

03 ޖޫން 2017

ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި މިިދިޔަ އަންގާރަދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ތެރެއިން ހާލު އެންމެ ސީރިއަސްވި މީހާ އިތުރު ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން މިރޭ ބުނެފި އެވެ. އަދި އެކަމަށް ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭތީ އެ އާއިލާ އިން ވަނީ އާންމުންގެ އެހީތެރިކަށް އެދިފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވީ ސަމާ އައިލެންޑް ރިސޯޓުގައި ވެއިޓަރެއްގެ ވަޒީފާގައި އުޅޭ ސ. މީދޫ ހަނދުވަރުމަތީގޭ އަލީ ވަސީމް 30، އަށެވެ. އޭނާގެ ބޮލަށާއި ބޮލުގެ ނާށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، ބޮލުގެ އޮޕަރޭޝަނެއް ވެސް އޭޑީކޭ ހޮސްޕިޓަލުން ވަނީ ކޮށްފަ އެވެ.

އަލީ ވަސީމްގެ ދައްތަ ފާތިމަތު ވަސީމާ ބުނީ އާއިލާ އިން މިހާރު މަސައްކަތް ކުރަނީ އޭނާ ރާއްޖޭން ބޭރަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ބޭރަށް ގެންދެވޭނީ އެއާ އެމްބިއުލާންސެއްގައި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.

"އޭނާގެ ހާލު އަދި ވެސް ވަރަށް ސީރިއަސް. ވެންޓިލޭޓަރުގެ އެހީގައި އެ އޮތީ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭން ބޭރަށް ގެންދަން،" ވަސީމާ ބުންޏެވެ.

އެއާ އެމްބިއުލާންސަށް އެކަނި ވެސް ދެ މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހޭއިރު، އަލީ ވަސީމްގެ އާއިލާ އަށް ވަނީ އެ ފައިސާ ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައި ކަމަށް އޭނާގެ އާއިލާ އިން ބުންޏެވެ.

ލޯންޗް އެކްސިޑެންޓުގައި 14 މީހަކަށް އަނިޔާވެގެން އޭޑީކޭ އަށް ގެންދިޔަ އެވެ. އެކަމަކު އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން އަންނަނީ ނުވަ މީހަކަށެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ މިހާރު ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ދެ މީހަކަށް ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީއޫ) އަދި ޖެނެރަލް ކެއާއިން ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

އަފްއާލް ވެސް ވިދާޅުވި ގޮތުގައި އަލީ ވަސީމްގެ ހާލު ވަރަށް ސީރިއަސް އެވެ.

"އައިސީޔޫގައި ފަރުވާ ދެމުން އަންނަ ދެ މީހުންގެ [އަލީ ވަސީލް ފިޔަވައި] ހާލު އަންނަނީ ރިކަވާ ވަމުން،" އަފްއާލް ވިދާޅުވި އެވެ.

ވަސީމަށް ފައިސާގެ އެހީ ދޭން ބޭނުން ނަމަ (ދިވެހި ރުފިޔާ އެކައުންޓް) 7716310533101 އަދި 7716303934102 (ޑޮަލަރު އެކައުންޓް) އަށް ފައިސާ ފޮނުވައިދިނުމަށް އޭނާގެ އާއިލާ އިން އެދެ އެވެ.