Roadha Mihaaru
ހައްޖު ޕްރޮޕޯޒަލް އަލުން އިވެލުއޭޓް ކުރަން އަންގައިފި

ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ފަރާތްތައް އަލުން ކަނޑައަޅަން އޭސީސީން އަންގައިފި

30 މެއި 2017

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކޮށްފައިވާތީ، ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކޮށްފައިވާތީ، ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އަންގައިފި އެވެ.

އޭސީސީން އިސްލާމިކް މިނިސްޓްރީ އަށް އެ ގޮތަށް އެންގީ ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އަމަލު ކުރި ކަމަށް ބުނެ، ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދުނު 16 ކުންފުނީގެ ތެރެއިން ހުއްދަ ނުލިބުނު ކުންފުންޏަކުން މައްސަލަ ހުށަހެޅުމުންނެވެ. އިސްލާމިކް މިނިސްޓްރީން ނިންމާފައި އޮތީ މި އަހަރު ހައްޖަށް 500 މީހުން ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ފަހު ބާކީ އޮތް 500 ކޯޓާ އަމިއްލަ ފަސް ކުންފުންޏެއްގެ މެދުގައި ހަމަހަމަ އަށް ބެހުމަށެވެ.

އޭސީސީން އަންގާފައިވަނީ އެކަމަށް އެދި ކުރިމަތިލި 16 ކުންފުނީގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރުމަށް ފަހު ޕޮއިންޓް ދިނުމަށާއި އަދި ޕްރޮޕޯޒަލް އިވެލުއޭޓް ކުރަން އާ ކޮމެޓީއެއް އެކުލަވާލުމުގެ އިތުރުން އެ ކޮމެޓީގައި އިސްލާމިކް މިނިސްޓްރީގެ މުވައްްޒަފުން ނުހިމެނުމަށެވެ. އަދި ޕޮއިންޓް ދޭން ވާނީ ޕްރީބިޑް މީޓިންގައި ދިން މައުލޫމާތާ އެއްގޮތަށް ކަމަށް ވެސް އޭސީސީން ވަނީ އަންގައިފަ އެވެ.

އޭސީސީން ނެރެފައިވާ ބަޔާނެއްގައިވަނީ އެކަމަށް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލްތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެ މައުލޫމާތު ޕްރީބިޑް މީޓިންގައި ދިނުމަށް ފަހު އެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރި އިރު ޕޮއިންޓް ދީފައި އޮތީ ތަފާތު މިންގަނޑަކުން ކަމަށެވެ. ޕޮއިންޓް ދިނުމުގައި ތަފާތު މިންގަނޑެއް ގެންގުޅުމުން ބައެއް ކުންފުނިތަކަށް އެކަމުގެ މައުލޫމާތު ނުލިބުމުން އެ މައުލޫމާތުތައް ހުށަނޭޅިގެން އެ ފަރާތްތަކަށް މަދުން ޕޮއިންޓް ލިބިފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެގޮތަށް އަމަލު ކުރުމުގެ ސަބަބުން ހަމަހަމަ ފުރުސަތު ކުންފުނިތަކަށް ގެއްލިފައިވާ ކަމަށާއި އަދި ޕޮއިންޓް ދީފައިވަނީ ވެސް ހަމަހަމަ އުސޫލުން ކަމަށް ނުބެލެވޭ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ. އެއީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މައްސަލަ އޭސީސީން ބަލަމުންދާތީ އެކަމާ ގުޅޭ އެއްވެސް ކަމެއްް ނުކުރަން އެ ކޮމިޝަނުން އިސްލާމިކް މިނިސްޓްރީ އަށް އޮތީ އަންގައިފަ އެވެ. އަދި އާންމުން ވެސް ހައްޖު ގްރޫޕްތަކަށް ފައިސާ ނުދެއްކުމަށް ވެސް އެ ކޮމިޝަނުން އޮތީ އަންގައިފަ އެވެ.

އޭސީސީގެ އިތުރުން ސިވިލް ކޯޓަށް ވެސް ކުންފުންޏަކުން ވަނީ އެ މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ.