Roadha Mihaaru
ފޮޓޯ ނެގުމަށް އެންމެ ރަނގަޅު ފޯނު އޫރީދޫން ވިއްކަނީ

ހުއާވޭގެ ޕީ ސީރީސް ގެ އެންމެ ފަހުގެ ދެ ފޯނު އުރީދޫން ތައާރަފް ކޮށްފި

24 މެއި 2017

ޗައިނާގެ ހުއާވޭގެ ޕީ ސީރީސް ގެ އެންމެ ފަހުގެ ދެ ފޯނު އުރީދޫން ރޭ ތައާރަފްކޮށްފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ޗައިނާގެ ހުއާވޭގެ ޕީ ސީރީސް ގެ އެންމެ ފަހުގެ ދެ ފޯނު އުރީދޫން ރޭ ތައާރަފްކޮށްފި އެވެ.

ހުއާވޭ ޕީ10 ފޯނާ ޕީ10 ޕްލަސް ފޯނު ތައާރަފްކުރީ އުރީދޫން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ މިއުޒިކް ޝޯގަ އެވެ.

ދުނިޔޭގެ ބާޒާރުގައި ހުރި ފޯނުތަކުގެ ތެރެއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި ގޫގުލް ޕިކްސެލް އެކްސް އެލް އަށް ފަހު ދެން އެންމެ ރަނގަޅު ކެމެރާ ހިމެނޭ ފޯނަކީ ހުއާވޭ ޕީ10 ސީރީސްގެ ފޯނެވެ.

ހުއާވޭ ޕީ10 ފޯނު 8،299ރ. އަށް އޫރީދޫ އިން ވިއްކާއިރު، ޕީ10 ޕްލަސް ވިއްކަނީ 9،899ރ. އަށެވެ.

އުރީދޫން ބުނީ ފޯނު ގަންނަ ކަސްޓަމަރުންނަށް އެއް އަހަރު ވަންދެން ކޮންމެ މަހަކު އޫރީދޫގެ ދެ ޖީބީ ޑޭޓާ ޕެކޭޖަކާއި 100 މިނެޓް ހިލޭ ލިބޭނެ ކަމަށެވެ. އަދި އެއްފަހަރާ ފައިސާ ދައްކައިގެން ފޯނު ގަންނަން ލިބޭއިރު، އެއް އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ވެސް ފޯނު ވިއްކަ އެވެ. އެ އިންސްޓޯލްމަންޓް ސްކީމްގައި ޕީ10ގެ ފޯނެއްގެ ޑައުންޕޭމަންޓްގެ ގޮތުގައި 1،999ރ ދެއްކުމަށްފަހު ކޮންމެ މަހަކު ދައްކަން ޖެހެނީ 650ރ. އެވެ. ޕީ10 ޕްލަސް އަށް 1،399ރ ގެ ޑައުންޕޭމަންޓަަކަށް ފަހު މަހަކު 800ރ. ދައްކާ ގޮތަށް ވެސް ފޯނު ވިއްކަ އެވެ.

ހުއާވޭ ޕީ10 ސީރީސްގެ ފޯނެއް: އެ ފޯނުގައި ހިމެނޭ ކެމެރާ އަކީ މިހާރު ދުނިޔޭގެ ބާޒާރުގައި ލިބެން ހުރި އެންމެ ރަނގަޅު ކެމެރާ ހިމެނޭ ފޯނު.

ހުއާވޭ ޕީ10 ސީރީސްގެ ފޯނެއް: އެ ފޯނުގައި ހިމެނޭ ކެމެރާ އަކީ މިހާރު ދުނިޔޭގެ ބާޒާރުގައި ލިބެން ހުރި އެންމެ ރަނގަޅު ކެމެރާ ހިމެނޭ ފޯނު.

ހުއާވޭ ޕީ10ގެ ޕްރޮސެސާ އަކީ ފޯނެއްގައި މިހާރު ހިމަނާފައި ހުރި އެންމެ ބާރު ގަދަ އެއް ޕްރޮސެސާ އެވެ. ބެންޗްމާކް ޓެސްޓުތަކުގައި އައިފޯނު 7 ޕްލަސް އާ ހުއާވޭ ޕީ10 ޕްލަސް ގެ ކުރިން 960 ޕްރޮސެސާގެ ބާރު ވާދަކުރެ އެވެ. ހުއާވޭ ޕީ10 ފޯނުތަކަކީ މިހާރު ލިބެން ހުރި އެންމެ ރަނގަޅު އެއް ކެމެރާ ހިމެނޭ ފޯނެވެ. ލެއިކާ ދެ ބެކް ކެމެރާ ފޯނުގައި އިންނަ އިރު، އެއީ 20 މެގަ ޕިކްސަލްގެ މޮނޯ ކްރޯމް ސެންސާ އާ 12 މެގަ ޕިކްސަލް އާރްޖީބީ ސެންސާ ހިމަނާފައިވާ ދެ ކެމެރާ އެވެ. ފްރަންޓް ކެމެރާގައި ހިމެނެނީ 8 މެގަ ޕިކްސަލް އެވެ.

މި ފޯނުގެ ކެމެރާ ތަޖުރިބާކުރި މަޝްހޫރު ފޮޓޯގްރަފާ މުހައްމަދު ޝާފީ ހުއާވޭ ޕީ10 އިންނާއި އައި ފޯނަކުން ނަގާފައި ހުރި ފޮޓޯތައް އެ ޝޯގައި އަޅާ ކިޔާފައިވެ އެވެ.

އޭނާ ބުނީ ހުއާވޭ ޕީ10 ފޯނުގެ ފޮޓޯތައް ރާއްޖޭ އަށް ވަރަށް ގުޅޭ ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ބެކް ގްރައުންޑުން އިރުގެ ދޯދި އެޅުނަސް ފޯ ގްރައުންޑްގަ ހުންނަ އެއްޗެތި މުޅިން އަނދިރި ނުވެ ޑީޓެއިލް އާ އެކު ނެގޭ ކަމަށް ވެސް ޝާފީ ބުންޏެވެ.

އުރީދޫން ބުނީ ހުވާއޭ ޕީ10 އަދި ޕީ10 ޕްލަސް ފޯނު މާލެ އާއި ހުޅުމާލޭގައި ހުންނަ އުރީދޫ އެކްސްޕިރިއަންސް ސެންޓަރުން މާދަމާއިން ފެށިގެން ލިބޭނެ ކަމަށެވެ. އަދި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އުރީދޫގެ އެހެން ފިހާރަތަކުން ވެސް އެ ފޯނު ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.