25 މެއި 2017
ސްކްރީން ރައިޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަހުމަދު ޒަރީރުގެ ފުރަތަމަ ޑައިރެކްޝަން، އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން މިފަހަރު ފެންނާނެ އެވެ.
ސްކްރީން ރައިޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަހުމަދު ޒަރީރުގެ ފުރަތަމަ ޑައިރެކްޝަން، އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން މިފަހަރު ފެންނާނެ އެވެ.
މި މުބާރާތުގައި މިދިޔަ ދެ އަހަރު ވެސް އެންމެ މޮޅު ޑްރާމާއަކަށް ހޮވުނީ ޒަރީރު ލިޔުނު ޑްރާމާތަކެވެ. މި ކާމިޔާބީއަށް ފަހު އޭނާ މިފަހަރު ހައުސިން މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނަށް ވެސް ވަނީ ޑްރާމާ ލިޔެދީފަ އެވެ. އޭގެ ތެރެއިން ހައުސިން މިނިސްޓްރީގެ "ބަނދަރު" ޑްރާމާ ޑައިރެކްޓްކުރީ ވެސް ޒަރީރެވެ.
"ކޮންމެ ފަހަރަކު ވެސް އާދޭ ޑްރާމާ ޑައިރެކްޓް ކުރުމުގެ އޮފާ ވެސް. އެހެން ނަމަވެސް ވަގުތު ވެސް ހުންނަ ގޮތުންނާ އެކު މިހާތަނަށް އެކަން ކުރެވިފައި ނެތީ. އެހެންވެ ދެން މީގެ ތެރޭގައި އުޅޭ އެންމެން ކިޔާތީއާ ވެސް އެކު ހިތަށް އެރި މި ފަހަރު ޓްރައިކޮށްލާނީއޭ،" އަލަށް ކުރި ތަޖުރިބާއާ ބެހޭ ގޮތުން ޒަރީރު ބުންޏެވެ.
ޑްރާމާ "ބަނދަރު" ގެ ޝޫޓިންގެ ތެރެއިން.
ޒަރީރު ބުނީ "ބަނދަރު"ގެ ޑައިރެކްޝަން ހެދީ ވަރަށް ތައްޔާރުވެގެން ދުރާލައި ޕްލޭންކޮށްގެން ކަމަށެވެ. މާލެ އާއި ފ. ނިލަންދޫގައި މަންޒަރުތައް ނަގާފައިވާ ޑްރާމާގެ 10 ދުވަހުގެ ޝޫޓިން އަށް ނިކުތީ، ޑްރާމާގެ ކާސްޓުންނަށް ތިން ދުވަހުގެ ވޯކްޝޮޕެއް ވެސް ހިންގުމަށް ފަހު އެވެ.
އެ މަސައްކަތުގައި އިސްކޮށް ހުރީ މުހައްމަދު މުންތަސިރު (މުންކޮ) އެވެ. ޑްރާމާ ކެމެރާކޮށްފައި ވަނީ ހުސައިން މުނައްވަރު (ކުޑަފޫޅު) އާއި ދަބަ އެވެ.
ޑްރާމާ "ބަނދަރު" ގެ ޕޯސްޓަރެއް.
"ބަނދަރު" އެޑިޓިންގެ އިތުރުން ވެސް ޕޯސްޓް ޕްރޮޑަކްޝަންގެ އެކި މަސައްކަތުގައި ތަޖުރިބާކާރު ޑައިރެކްޓަރުން ކަމަށްވާ އަހުމަދު ނިމާލާއި އަލީ މުސްތޮފާ (ސެމީ) ގެ ހިއްސާ ބޮޑެވެ. ޑްރާމާގެ ބެކް މިއުޒިކް ހަދާފައި ވަނީ އިބްރާހީމް ނިފާރު (ތިއްތި) އެވެ.
ޒަރީރު ބުނީ އޭނާއާ އެކު ޓެކްނިކަލް ގޮތުން "ބަނދަރު" ގައި މަސައްކަތް ކުރަން ވަރުގަދަ ޓީމެއް އޮތުމަކީ ލިބުނު "ޕްލަސް ޕޮއިންޓެއް" ކަމަށެވެ.
"އަހަރެން ނުބުނާނަން ޑައިރެކްޝަން ހެދުމަކީ ފަސޭހަ ކަމެކޭ. އަނެއްކާ މި މަސައްކަތަކީ ވަރަށް ބޮޑަށް ޝެޑިއުލްކޮށްގެން ކޮށްފައި އޮތް މަސައްކަތަކަށްވާތީ ވަރަށް ބުރަކޮށް ހުންނާނެ ޑްރާމާ އަށް މަސައްކަތްކޮށްފައި،" 45 މިނިޓްގެ ޑްރާމާއާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "ޓީމްވާކް ހަމަ ވަރަށް ބެސްޓް، ކާސްޓާއި ކްރޫ އާއި ދެން މުޅީ ޓީމަށް ބަލައިފިއްޔާ އެންމެންގެ ވެސް މެކްސިމަމް ދީގެން މަސައްކަތްކޮށްފައި ހުންނާނީ."
އެހެންވެ ކުރެވުނު މަސައްކަތާ ދޭތެރޭ ޒަރީރު ހުރީ ހިތްހަމަޖެހިފަ އެވެ.
"ފުރަތަމަ ޑައިރެކްޝަނާ ބަލާފައި އަހަރެން ބުނާނީ ކުރެވިފައި ހުރި މަސައްކަތްތައް ހަމަ ރަނގަޅޭ،" އޭނާ ބުންޏެވެ. "ދެން މީގައި ގޮތެއް ނިންމާނީ ބެލުންތެރިން. ވަރުގަދަ ޓީމަކާ އެކު ކުރެވުނު މަސައްކަތަކަށްވީމަ ބެލުންތެރިންނަށް ވެސް ވަރަށް ކަމުދާނެ ކަމަށް އުންމީދުކޮށްގެން މި ހުންނަނީ."
ޑްރާމާ "ބަނދަރު" ގެ ޝޫޓިންގެ ތެރެއިން.
"ބަނދަރު"ން ޒަރީރު ފެށި އާ ދަތުރުގައި ގޮސް ލަފާނީ ފީޗާ ފިލްމަކަށް ހެއްޔެވެ؟
"އެކަހަލަ ވިސްނުމެއް އަދިއެއް ނެތް. އެކަމަކު ވިސްނުމުގައި އަބަދު ވެސް އޮންނަ އެއްޗެއް އެއީ ކޮންމެ ވެސް ހިސާބަކުން ފީޗާ ފިލްމެއް ވެސް ޑައިރެކްޓް ކުރާނަމޭ،" ހުނަރުވެރި ލިޔުންތެރިޔާ ބުންޏެވެ. "ދެން އެކަން ކުރާނީ މިވެނި ދުވަހަކުންނޭ އެކަހަލަ ހިޔާލެއް އަދި ނެތް. ޝައުގުވެރިކަން ހުންނަ ކަމެއް އެއީ."
"ބަނދަރު" ޑްރާމާގެ ޓްރެއިލާ.
އެކަމަކު ޒަރީރަށް އޮތް އެޑްވާންޓޭޖަކީ މިއެވެ؛ ސްކްރީންޕްލޭއެއްގައި އޭނާ ސިފަ ކުރާ މަންޒަރުތައް، ޑައިރެކްޓަރެއްގެ ގޮތުގައި އަމިއްލައަށް މާ ފުރިހަމައަށް ވެސް ކުލަޖައްސައި މަންޒަރު ފުރިހަމަކޮށްލެވޭނެ ކަމެވެ.
އެންމެ މޮޅު ޑްރާމާއަކަށް ސްޓެލްކޯގެ "ކަޅާއި ހުދު"
ސްކްރީން ރައިޓިން ވޯކްޝޮޕަކަށް ފުރުސަތު ހުޅުވާލައިފި
މި އަހަރު ޓެލެޑްރާމާ މުބާރާތުގައި ހަ އޮފީހެއް
އޮފީސް ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
މުހިއްމު، ގިނަ ނޮމިނޭޝަންތައް ޑާކް ރެއިންގެ ފިލްމްތަކަށް
ފިލްމް އެވޯޑްސްއަށް 17 ފީޗާ ފިލްމާއި 7 ކުރު ފިލްމު
8 ވަނަ ދިވެހި ފިލްމް އެވޯޑްސް އަންނަ މަހުގެ 19 ގައި
ސެޕްޓެމްބަރު މަހު އޮލިމްޕަސް ހުޅުވޭތޯ މަސައްކަތް ކުރަނީ
އިންޑިއާގެ އެހީގައި އޮލިމްޕަސް މަރާމާތުކުރަނީ
މި ފަހަރު "ދަރަކަ" ގެ ޕޯސްޓަރުތަކެއް