Roadha Mihaaru
ރޮނާލްޑޯގެ ރެކޯޑާ އެކު މެޑްރިޑް ލީގާ ޕޮއިންޓަކާ ގާތަށް

ރޮނާލްޑޯގެ ރެކޯޑާ އެކު ރެއާލް މެޑްރިޑް ލީގާ ޕޮއިންޓަކާ ގާތަށް

18 މެއި 2017

ވީގޯ (މެއި 18) – ޔޫރަޕުގެ ލީގުތަކުގައި އެންމެ ގިނަ ލަނޑު ޖަހައިގެން އިންގްލެންޑުގެ ޖިމީ ގްރީވްސް ހަދާފައިވާ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި މެޗުން، ސެލްޓާ ވީގޯ 4-1 އިން ބަލިކޮށް ސްޕެނިޝް ލީގު ކާމިޔާބުކުރުމާ ޕޮއިންޓަކާ ގާތަށް ރެއާލް މެޑްރިޑް ރޭ ޖެހިލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވީގޯ (މެއި 18) – ޔޫރަޕުގެ ލީގުތަކުގައި އެންމެ ގިނަ ލަނޑު ޖަހައިގެން އިންގްލެންޑުގެ ޖިމީ ގްރީވްސް ހަދާފައިވާ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި މެޗުން، ސެލްޓާ ވީގޯ 4-1 އިން ބަލިކޮށް ސްޕެނިޝް ލީގު ކާމިޔާބުކުރުމާ ޕޮއިންޓަކާ ގާތަށް ރެއާލް މެޑްރިޑް ރޭ ޖެހިލައިފި އެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ ކުޅެފައިވާ މެޗުގެ އަދަދު މިހާރު ހަމަހަމަވެފައިވާއިރު މެޑްރިޑް އެއް ވަނައިގައި އޮތީ 90 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 87 ޕޮއިންޓާ އެކު އެވެ.

ލީގުގެ ފަހު މެޗުގައި އާދީއްތަ ދުވަހުގެރޭ މަލާގާއާ އެއްވަރުކޮށްލައިގެން ވެސް މެޑްރިޑަށް 2012 ގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ކަށަވަރުވާނެ އެވެ. އަނެއްކޮޅުން ފަހު މެޗުން އެއިބާ އަތުން ބާސެލޯނާ އަށް މޮޅެއް ނުލިބިއްޖެ ނަމަ، މަލާގާ އަތުން މެޑްރިޑް ބަލިވެގެން ވެސް އެ ޓީމަށް ލީގު ލިބިދާނެ އެވެ.

ބާސެލޯނާ އަށް ފުރުސަތު ލިބޭނީ އެ ޓީމު މޮޅުވެ ރެއާލް މެޑްރިޑް ބަލިވެގެންނެވެ. އޭރުން ދެ ޓީމު ޕޮއިންޓުގެ ގޮތުން ހަމަހަމަވިޔަސް، ހެޓް-ޓު-ހެޑް އިން ބާސެލޯނާ އަށް ކުރި ލިބޭނެ އެވެ.

ރޭގެ މެޗަކީ ފެބްރުއަރީ މަހު ކުޅެން ޝެޑިއުލްކޮށްފައި އޮތް މެޗެކެވެ. އެކަމަކު ތޫފާނެއްގައި ސެލްޓާގެ ސްޓޭޑިއަމަށް ގެއްލުންތަކެއް ލިބުމުން މެޗު ފަސްކުރީ އެވެ.

ރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ މެޑްރިޑަށް ލީޑު ނަގައިދީފަ އެވެ. އޭނާ ލީޑު ފުޅާކޮށްދިނީ 48 ވަނަ މިނެޓުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން 62 ވަނަ މިނެޓުގައި ސެލްޓާގެ އިއާގޯ އަސްޕަސް އަށް ރަތްކާޑު ދެއްކި ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެ ޓީމުގެ ޖޯން ގުއިޑެއްޓީ ތަފާތު ކުޑަކުރި އެވެ. މެޑްރިޑަށް ތިން ޕޮއިންޓް ކަށަވަރުވީ ފަހު ބައިގައި ކަރިމް ބެންޒެމާ އާއި ޓޯނީ ކްރޫސް ޖެހި ލަނޑުތަކުންނެވެ.

ރޭގެ ދެ ލަނޑާ އެކު ރޮނާލްޑޯ މުގުރާލީ ޔޫރަޕުގެ ލީގުތަކުގައި، 366 ގޯލް ޖަހައިގެން ގްރީވްސް ހަދާފައިވާ 46 އަހަރުވީ ރެކޯޑެވެ. ގްރީވްސް ރެކޯޑް ގާއިމްކުރީ 1957 އިން 1971 އާ ދެމެދު ޗެލްސީ، ޓޮޓެންހަމް، އޭސީ މިލާން އަދި ވެސްޓް ހޭމުގައި ހޭދަކުރި ދުވަސްވަރެވެ.

ރޮނާލްޑޯ 367 ލަނޑު ހަމަކުރީ 2002 ވަނަ އަހަރުން ފެށިގެން ޕޯޗުގަލްގެ ސްޕޯޓިން އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި އަދި މިހާރު މެޑްރިޑުގަ އެވެ.

މި ލިސްޓުގެ ތިން ވަނައިގައި އޮތީ 365 ލަނޑާ އެކު ޖަރުމަނުގެ ކުރީގެ ފޯވާޑް ގާޑް މުލާ އެވެ. ތިން ވަނައިގައި 346 ގޯލާ އެކު އޮތީ ބާސެލޯނާގެ ލިއޮނަލް މެސީ އެވެ. މި ރެކޯޑަށް ގުނާ ޔޫރަޕުގެ ލީގުތަކަކީ ސްޕެނިޝް ލީގު، އިނގިރޭސި ލީގު، އިޓަލީ ލީގު، ޖަރުމަން ލީގު އަދި ފްރާންސް ލީގެވެ.