Roadha Mihaaru
ބާސާގެ ރެކޯޑާ ހަމަކޮށް މެޑްރިޑުން ބޮޑު ލީޑެއް ނަގައިފި

ބާސާގެ ރެކޯޑާ ހަމަކޮށް މެޑްރިޑުން ބޮޑު ލީޑެއް ނަގައިފި

07 ޖެނުއަރީ 2017

މެޑްރިޑް (ޖެނުއަރީ 7) – ގްރަނަޑާ އަތުން 5-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައި އަދި ބާސެލޯނާ އިން ބަލިނުވެ 39 މެޗު ފުރިހަމަކޮށްގެން ހަދާފައިވާ ރެކޯޑާ ރެއާލް މެޑްރިޑުން މިރޭ އެއްވަރުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ޖެނުއަރީ 7) – ގްރަނަޑާ އަތުން 5-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައި އަދި ބާސެލޯނާ އިން ބަލިނުވެ 39 މެޗު ފުރިހަމަކޮށްގެން ހަދާފައިވާ ރެކޯޑާ ރެއާލް މެޑްރިޑުން މިރޭ އެއްވަރުކޮށްފި އެވެ.

މިދިޔަ އަހަރުގެ އޭޕްރިލްގެ ފަހުން ރެއާލް މެޑްރިޑް ބަލިވެފައިނުވާއިރު މިރޭގެ މޮޅާ އެކު މެޑްރިޑުން އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނެގީ 40 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. އެކަމަކު މާދަމާރޭ ވިޔަރެއާލް އަތުން މޮޅުވެއްޖެ ނަމަ ބާސެލޯނާ އަށް ތިން ޕޮއިންޓަށް ލީޑު ކުޑަކުރެވޭނެ އެވެ. އެހެންވިޔަސް ރެއާލް އަތުގައި އިތުރު މެޗެއް އޮންނާނެތީ އަދިވެސް އެޑްވާންޓޭޖް އޮތީ އެ ޓީމަށެވެ.

ތިން ވަނައިގައި 33 ޕޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ. މިރޭ ބަލިވި ގްރަނަޑާ އޮތީ 17 މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ފުލުން ދެ ވަނައިގަ އެވެ.

މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ގްރަނަޑާގެ ގޯލް ހުޅުވައިދިނީ އިސްކޯ އެވެ. ފުރަތަމަ ހާފުގައި ހަތަރު ލަނޑު ފެނިގެން ދިޔަ މި މެޗުގައި މެޑްރިޑުގެ ދެ ވަނަ ލަނޑު 20 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކަރިމް ބެންޒެމާ އެވެ. އޭގެ ހަތް މިނެޓު ފަހުން ތިން ވަނަ ލަނޑު ޖެހީ ސްޕެނިޝް ކަޕުގައި މިދިޔަ ހަފުތާގައި ސެވިއްޔާ އަތުން 3-0 އިން މެޑްރިޑް މޮޅުވި މެޗުގައި އަރާމުކުރަން ފުރުސަތު ދިން ރޮނާލްޑޯ އެވެ. މާސެލޯ ނެގި ހުރަސް އޭނާ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. މެޗުގެ 31 ވަނަ މިނެޓުގައި މެޑްރިޑުގެ ހަތަރު ވަނަ ގޯލް ޖެހީ އިސްކޯ އެވެ.

ބޮޑު ލީޑެއް ލިބުމާ އެކު އަދި ކުރިއަށް ހުރި ދުވަސްތަކުގައި ގާތްގާތުގައި މެޗުތައް ކުޅެން ހުރުމުން މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ދެ ވަނަ ހާފުގައި ޓޯނީ ކްރޫސާއި އިސްކޯ އަދި މާސެލޯ ބާލައިފަ އެވެ.

މިރޭގެ މެޗުގެ ކުރިން މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދާދި ފަހުން އޭނާ ކާމިޔާބުކުރި ހަތަރު ވަނަ ބެލޮންޑިއޯ އެވޯޑް ސަޕޯޓަރުންނަށް ދައްކާލައިފަ އެވެ. އެ ކްލަބުގެ ސަޕޯޓަރުން ވެސް ރޮނާލްޑޯ އަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބޭއްވިއިރު މިކަމުގައި އެ ޓީމުގެ ލެޖެންޑުން ކަމަށްވާ ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ އާއި ޕޯޗުގަލްގެ ލުއިސް ފީގޯ ބައިވެރިވި އެވެ.

މިރޭ އެއިބާ އަތުން 2-0 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑް ވަނީ 31 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް އަރައިފަ އެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ސައުލް އާއި އެންޓޮއިން ގްރިޒްމަން އެވެ.