ޖުމްހޫރީ ޕާޓީގެ ލީޑަރުު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތައް މިއަދު އުވާލައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތައް މިއަދު އުވާލައިފި އެވެ.
މިދިޔަ ބުދަދުވަހު އޮތް ޝަރީއަތުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މައްޗަށް ކޮށްފައިވާ ހަތް ޝަރުތު ކްރިމިނަލް ކޯޓުން އުވައިލީ އިއްޔެ ފުލުހުން އެ ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.
ބޮޑެތި ޝަރުތުތަކެއް ކަނޑައަޅައި ކްރިމިނަލް ކޯޓުން ގާސިމް ދޫކޮށްލީ އޭނާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިވޭތޯ ބުދަދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ސުވާލުކުރެއްވުމުން ނުފޮނުވާ ކަމަށް ފުލުހުން ބުނުމުންނެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި ފުލުހުން އޮތީ އެ މައްސަލަ އޭގެ ކުރީ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އަދި އެ މައްސަލާގައި ދައުވާނުކުރަން ނިންމައި، އަނބުރާ ފުލުހުންނަށް ފޮނުވީ ވެސް ޝަރުތުތަކާ އެކު ގާސިމް ދޫކޮށްލަން ގާޒީ ނިންމެވި ޝަރީއަތް ބޭއްވި ދުވަހު އެވެ.
ގާސިމް ބަންދުކޮށްފައި ބަހައްޓަން ފުލުހުން ކުރި ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ދައުވާކުރަން ފޮނުވި މައްސަލަ ޕީޖީން އަނބުރާ ފޮނުވާލުމުން އެ ޝަރުތުތައް އުވާލަން ޖެހޭނެ ކަމަށް ގާސިމްގެ ވަކީލުން ގެންދެވީ ވިދާޅުވަމުންނެވެ.
ޝަރުތުތައް އުވާލި ކަމަށް އަންގައި، ކްރިމިނަލް ކޯޓުން ގާސިމަށް މިއަދު ފޮނުވި ލިޔުމުގައި ވަނީ، ގާސިމްގެ މައްސަލަ ޕީޖީ އޮފީހަށް ނުފޮނުވާ ކަމަށް ބުދަދުވަހުގެ ޝަރީއަތުގެ މަޖިލިހުގައި ފުލުހުންނަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށް، ފުލުހުން އެ ކޯޓަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާޥިސްގެ ފަރާތުން "ނިހާޔަތަށް މައާފަށް އެދޭ ކަމަށް" ފުލުހުން ކޯޓަށް ފޮނުވި ސިޓީގައިވާ ކަމަށް ކޯޓުން ގާސިމަށް ފޮނުވި ލިޔުމުގައިވެ އެވެ.
އެހެންވެ ގާސިމްގެ މައްޗަށް ކުރި ޝަރުތުތައް އުވައިލީ ކަމަށް ކޯޓުގެ ލިޔުމުގައިވެ އެވެ.
ގާސިމްގެ ބަންދުގެ މުއްދަތު ޖެހުމަށް މިދިޔަ ބުދަދުވަހު ކްރިމިނަލް ކޯޓަށް އޭނާ ގެންދިއުމުން ދޫކޮށްލީ ހަތް ޝަރުތެއް ކުރިމަތިކޮށްފަ އެވެ.
އެއީ ތަހުގީގަށް އެއްބާރުލުން ދެއްވުމާއި ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުމަށާއި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުމަށާއި ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެެއް ނުކުރެއްވުމަށާއި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމާއި ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ.
ގާސިމްގެ މައްޗަށް ކުރި ޝަރުތުތަކާ ގުޅިގެން ސިޔާސީ އެއްވެސް ވާހަކައެއް ވެސް ދެއްކުން އޭނާއަށް ހުއްދަ ނޫން ކަމުގެ ބިރު އޮތީ އުފެދިފަ އެވެ. އަދި ދައުލަތުގެ ތިން ބާރުގެ ވެރިންނާ މެދު ނަފުރަތު އުފެދޭ ވާހަކަތައް ނުދެއްކުމާއި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކަން ގާސިމްގެ ގެދޮރު ދޫނުކުރަން ވެސް ޝަރުތުކޮށްފައިވެ އެވެ.
އެ ޝަރުތުތަކާ އެކު، ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތައް ބޭއްވުން ވެސް ވަނީ ހުއްޓާލައިފަ އެވެ. ސަބަބަކީ އެއީ ގާސިމްގެ ނަމުގައި ހުރި އިމާރާތަކަށް ވާތީ، އޭނާގެ މައްޗަށް ކޯޓުން ކަނޑައެޅި ޝަރުތުތަކާ ގުޅިގެން ކުނޫޒްގައި ޖަލްސާތައް ބޭއްވިދާނެ ކަމުގެ ސުވާލު އުފެދުމުންނެވެ.
ގާސިމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފަހުން ފޮނުވި މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅަން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް އުފުލައި މިހާރު ވެސް ގާސިމްގެ ޝަރީއަތް ކުރިއަށް އެބަދެ އެވެ.
ގާސިމަށް ކުރި ޝަރުތުތައް ބާތިލްކޮށް ދިނުމަށް އެދިއްޖެ
ގާސިމް އަނެއްކާވެސް ހައްޔަރުކޮށްފި
ހައްޔަރު ކުރެވުނީ "އޮޅިގެން"، ދެން ވާނީ ކިހިނެއް؟
ފުލުހުންނާއި ކޯޓުން ގާނޫނާ ހިލާފުވީ އޮޅިގެން: ގާސިމް
ގާސިމް ބަންދުކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި
ރިޝްވަތެއް ނުދެން، ޖަލަށް ލާފާނެތީ ބިރެއްނުގަނޭ:ގާސިމް
ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އަސާސެއް ނެތި
ފައިސަލް ނަސީމްގެ ޕާސްޕޯޓު ވެސް ދޫކޮށްލައިފި
ޖަރުމަން ސަރުކާރުގެ ހުއްދައަކާއެކު ގާސިމް ޖަރުމަނަށް
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ