Roadha Mihaaru
އެމްޓީސީސީ ޓްރާންސްޕޯޓް ސާވިސްއަށް އިތުރު އުޅަނދުތަކެއް

އެމްޓީސީސީގެ ޓްރާންސްޕޯޓް ލިންކަށް އިތުރު އުޅަނދުތަކެއް ނެރެފި

30 އެޕްރީލް 2017

ހުޅުމާލޭގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެމްޓީސީސީގެ ޓްރާންސްޕޯޓް ލިންކަށް އިތުރު އުޅަނދުތަކެއް މިރޭ ނެރެފި އެވެ.

ހުޅުމާލޭގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެމްޓީސީސީގެ ޓްރާންސްޕޯޓް ލިންކަށް އިތުރު އުޅަނދުތަކެއް މިރޭ ނެރެފި އެވެ.

ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނިން މިރޭ ވަނީ ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރުމަށް 125 މީހުގެ ޖާގައިގެ ދެ ފެރީ އާއި 44 މީހުންގެ ޖާގައިގެ ދެ ބަހާއި 11 މީހުންގެ ޖާގައިގެ ތިން ވޭނާއި ހަތަރު މީހުންގެ ޖާގައިގެ ކާރެއް ހިދުމަތަށް ނެރެފަ އެވެ.

އެމްޓީސީސީގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަށް ގެނައި ހުރިހާ އުޅަނދުތަކެއް މިރެއިން ފެށިގެން ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި ކުރިއާ ހިލާފަށް އެ ބަޔަކު ބޭނުން ސައިޒެއްގެ ވެހިކަލެއް ކުއްޔަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ފެރީގެ ހިދުމަތަށް އެމްޓީސީސީން އަލަށް ގެނައި ފެރީތަކެއް. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ހުޅުމާލޭގެ ފެރީގެ ހިދުމަތަށް އެމްޓީސީސީން އަލަށް ގެނައި ފެރީތަކެއް. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"ކުރީގައި އަޅުގަނޑުމެން ކުއްޔަށް ދަތުރުކުރަން ހުޅުމާލޭގައި ބޭނުންކުރަނީ ކާރު. މިހާރު އޭގެ ބަދަލުގައި ވޭނާއި ބަސް ވެސް ލިބޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެމްޓީސީސީން މިރޭ ވަނީ ހުޅުމާލޭގެ ހުރިހާ ނެއިބާ ހުޑްތަކާއި ސްކޫލްތަކާއި ސަރަހަރާ އަށް ދަތުރުކުރެވޭ ގޮތަށް ސެންޓަލް ބަސް ރޫޓެއް ތައާރަފްކޮށްފަ އެވެ.

ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އާ ވެހިކަލްތަކާއި ފެރީ ދޯނި އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ޗެއާމަން އަހުމަދު ނިޔާޒެވެ.

އެމްޓީސީސީން ހުޅުމާލޭގައި ބަހުގެ ހިދުމަތަށް އަލަށް ގެނައި ބަހެއް. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އެމްޓީސީސީން ހުޅުމާލޭގައި ބަހުގެ ހިދުމަތަށް އަލަށް ގެނައި ބަހެއް. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗެއާމަން ވިދާޅުވީ އެމްޓީސީސީން މަސައްކަތްކުރަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވީހާ ވެސް ލުއި ފަސޭހަ ގޮތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ދެމުން އަންނަ ޓްރާންސްޕޯޓް ނެޓްވޯކުގައި އެކި މޮޑެލްތައް ބޭނުންކުރެވިގެންދާނެ. އެމްޓީސީސީއަކީ ރާއްޖޭގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތް ވިޔަފާރި އުސޫލުން ކުރަމުން އައި ނަމަވެސް މޮ ހިދުމަތް ދެމުން އަންނަނީ ރައްޔިތުންނަށް ވީހާ ވެސް ހެޔޮއަގެއްގައި ކުރެވޭނެ ގޮތަށް ނިޒާމް ބައްޓަންކޮށްގެން،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުގައި ދެމުން އަންނަ ފެރީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އެ ހިދުމަތް ދެމުން އަންނައިރު ހިދުމަތުގެ ފެންވަރާ މެދު ހިތްހަމަނުޖެހިގެން ޝަކުވާތަކެއް ލިބޭ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

"މިރޭ މި އިފްތިތާހުކުރެވުނު އުޅަނދުތަކަކީ އެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ގެނައި އުޅަނދުތަކެއް. އިރާދަކުރެއްވިއްޔާ ބްރިޖްގެ މަސައްކަތް ނިމުމާއެކު ހުޅުމާލެއިން މާލެއަށް ދަތުރުކުރުމަށް ރަނގަޅު ބަހުގެ ނިޒާމެއް ގާއިމުކުރުމަށް ދަނީ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.