Roadha Mihaaru
ދަރިވަރު މަރާލި ސުޕަވައިޒަރަށް މަރުގެ ތަހުގީގު ކުރަނީ

ދަރިވަރު މަރާލި ސުޕަވައިޒަރަށް މަރުގެ ތަހުގީގު ކުރަނީ

27 އެޕްރީލް 2017

ކުއާލަ ލަމްޕޫރު (އެޕްރީލް 27) - މެލޭޝިއާގެ ސްކޫލް ދަރިވަރަކަށް ސްޓާފަކު ވަރަށް ބޮޑަށް އަނިޔާ ކުރުމުން ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ދަރިވަރު މަރުވުމާ ގުޅިގެން އަނިޔާކުރި ސުޕަވައިޒަރުގެ މައްޗަށް މަރުގެ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (އެޕްރީލް 27) - މެލޭޝިއާގެ ސްކޫލް ދަރިވަރަކަށް ސްޓާފަކު ވަރަށް ބޮޑަށް އަނިޔާ ކުރުމުން ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ދަރިވަރު މަރުވުމާ ގުޅިގެން އަނިޔާކުރި ސުޕަވައިޒަރުގެ މައްޗަށް މަރުގެ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.

އުމުރުން 11 އަހަރުގެ ދަރިވަރު މުހައްމަދު ތާގިފް އަމީން މުހައްމަދު ގައްދާފީ އަށް ފެން ހޮޅިއަކުން އަނިކޮށްފައި ވަނީ ދެކުނުގެ ކޮޓާ ޓިންގީގެ ޕްރައިވެޓް އިސްލާމިކް ސްކޫލެއްގެ އެސިސްޓެންޓް ސްޕަވައިޒަރެކެވެ. ކުޑަ ކުއްޖާ އަށް ލިބުނު ޒަޚަމްތަކާ ގުޅިގެން އިންފެކްޝަން އުފެދުމުން އެ ކުއްޖާގެ ދެ ފައި ވަނީ ބުރިކޮށްލަން ޖެހިފަ އެވެ. އަދި ކުއްޖާ މަރުވީ ކޮނޑުގައި ގަނޑުވި ލޭކޮޅަކާ ގުޅިގެން އަތް ބުރިކޮށްލަން ޑޮކްޓަރުން އޮޕަރޭޝަނެއް ކުރަން ތައްޔާރުވެފައި ވަނިކޮށެވެ.

ކޮޓާ ޓިންގީގެ ޕްރައިވެޓް ސްކޫލުގައި ދަރިވަރު ކިޔަވަން ފަށާފައި ވަނީ ޖެނުއަރީ މަހު ފަހުކޮޅު އެވެ. ފުލުހުން ބުނީ މަރުވި ދަރިވަރާއި އޭނާގެ ކްލާހުގެ 15 ދަރިވަރުންނަށް މާޗު މަހު 24 ވަނަ ދުވަހު ސުޕަވައިޒަރު އަނިޔާ ކުރީ ސްކޫލް އެސެމްބްލީގައި އަޑުގަދަކުރި ކަމަށް ބުނެ އެވެ. ދަރިވަރުގެ ޑައިރީގައި ބުނެފައި ވަނީ އެއް ދަރިވަރަކަށް ގޯހެއް ހެދުނު ނަމަވެސް ހުރިހާ ދަރިވަރުންނަށް އަދަބު ދޭ ކަމަށެވެ.

ހާދިސާ ހިނގިތާ ދުވަސްކޮޅެއް ފަހުން ދަރިވަރުގެ މަންމަ ސްކޫލަށް ޒިޔާރަތް ކުރި ދުވަހެއްގައި އެ ކުއްޖާ ވަނީ ސްކޫލުން ގެންގޮސްފަ އެވެ. އަދި އޭގެ ތިން ހަފުތާ ފަހުން ކުއްޖާގެ ފައި ދުޅަވާން ފެށުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. ޑޮކްޓަރުން ބުނެފައި ވަނީ ލޭކޮޅެއް ގަނޑުވެފައިވުމުން ފައި ވަރަށް ބޮޑަށް އިންފެކްޓްވުމުން ފައި ބުރިކޮށްލަން ޖެހޭ ކަމަށެވެ. ކުއްޖާގެ ދެ ފައި ބުރިކޮށްލީ ހުކުރު ދުވަހު އެވެ.

ދަރިވަރަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ 29 އަހަރުގެ ސުޕަވައިޒަރު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ދަރިވަރު މަރުވުމާ ގުޅިގެން ސުޕަވައިޒަރުގެ މައްޗަށް މަރުގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. މިދިޔަ އަހަރު އެ ސްކޫލަށް ގެނައި ސުޕަވައިޒަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެ އެވެ. އަދި އޭނާ ވަނީ 30 މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފަ އެވެ.

ދަރިވަރު ކިޔެވި ސްކޫލުން ބުނީ މިއީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ ކޮމެންޓް ކުރެވެން ނެތް ކަމަށެވެ.

ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވަނީ މާދިސާގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލައްވައިފަ އެވެ.

ފުލުހުން ދަނީ ސްކޫލުގެ ސީސީޓީވީ ފުޓޭޖްތައް ބަލަމުންނެވެ. ދަރިވަރުގެ ދަށް ފަޔަށް ސުޕަވައިޒަރު އަނިޔާކުރާ މަންޒަރު ސީސީޓީވީން ފެންނަ ކަމަށް މެލޭޝިއާގައި ދީނީ ސްކޫލްތައް ހިންގާ ގްރޫޕަކުން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން އެތައް ބައެއްގެ ރުޅިވެރިކަން ވަނީ އިތުރުވެފަ އެވެ. ކުށުގެ ރެކޯޑް އޮތް މީހަކު ކުޑަ ކުދިން ބެލެހެއްޓުމަށް ހަވާލު ކުރީ ކީއްވެތޯ ބައެއް މީހުން ދަނީ ސުވާލު ކުރަމުންނެވެ. އަދި ދަރިވަރުންނަށް އަނިޔާކުރާ އިރު ސްކޫލުން އަޅާނުލީ ކީއްވެތޯ ވެސް ދަނީ ސުވާލު ކުރަމުންނެވެ.