Roadha Mihaaru
ފިނޭންސްގެ 25 ބުރީގެ ބިލްޑިން އެޗްޑީސީން އަޅަނީ

ފިނޭންސްގެ 25 ބުރީގެ ބިލްޑިން އެޗްޑީސީން އިމާރާތްކުރަނީ

09 މެއި 2017

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ ބިލްޑިން އެންމެ ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިޔަށް ގެންދަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ ބިލްޑިން އެންމެ ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިޔަށް ގެންދަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން 122.7 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) އަށް މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރު ކޮންސްޓްރަކްޝަން ކޮމްޕެނީއާ މިދިޔަ އަހަރުގެ މާޗް 1 ގައި ހަވާލުކުރި މަޝްރޫއު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދަން ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެވެ.

ކުރިން އެ އިމާރާތް އަޅަން އޮތީ ފިނޭންސް މިނިސްޓްރީ ހުރި ބިމުގަ އެވެ. އެކަމަށްޓަކައި އެތަނުގެ އިމާރާތްތައް ތަޅައި، ބިން ވެސް ސާފުކުރި އެވެ. އެކަމަކު އެ އިމާރާތް ހުޅުމާލޭގައި އަޅަން ނިންމީ މާލޭގައި އެފަދަ ބޮޑު އިމާރާތެއް ހަދާއިރު ދިމާވާނެ ދަތިތަކާ ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.

އިމާރާތް ހަދަނީ ޑަބްލިއު.ޒެޑް.އާރު ކޮންސްޓްރަކްޝަނުން ފައިސާ ހޯދައިގެންނެވެ. އެކަމަކު އެ ފައިސާ އަނބުރާ ދައްކާނީ އެޗުޑީސީންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ދެވަނަ ފިޔަވަހީގެ ފައިނޭންޝަލް ޑިސްޓްރިކްޓްގައި ހަދާ އެ އިމާރާތުގެ ހުރިހާ ކަމެއް މިހާރު ކުރިޔަށް ގެންދަނީ އެ ކުންފުނީގެ ބެލުމުގެ ދަށުން ކަމަށެވެ.

"ކުރިން އެ މަޝްރޫއަކީ ފިނޭންސް މިނިސްޓްރީން ކުރިޔަށް ގެންދިޔަ މަޝްރޫއެއް. ނަމަވެސް މިހާރު އެ މަޝްރޫއުގެ ހުރިހާ ކަމަކާ މި ކުންފުނިން ވަނީ ހަވާލުވެފައި. އެ ބިލްޑިންގަށް ދައްކަން ޖެހޭ ފައިސާއާ ވެސް ޒިންމާވަނީ އެޗްޑީސީން،" އޭނާ ވިދާޅުވި އެވެ.

ސައިމަން ވިދާޅުވީ އެ ބިލްޑިންގެ އޮފީސް ޖާގަތައް ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށާއި ބޭންކުތަކަށާއި އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދިނުމުގެ އިތުރުން ވިއްކަން ވެސް ނިންމާފައިވާ ކަމަށެވެ.

"ކުރިން ވެސް ނިންމާފައިވާ ސައިޒަށް އިތުރު އެއްވެސް ބަދަލެއް ނުގެނެސް މި އިމާރާތް ހެދުމުގެ މަސައްކަތް ކުރަނީ. ކަނޑައެޅިފައިވާ ގޮތަށް އެ މުއްދަތަށް މަސައްކަތް ނިންމާލެވޭނެ،" ސައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އިމާރާތުގެ ސަބަބުން ސަރުކާރަށާއި އަމިއްލަ ކުންފުނިތަކަށް ވެސް އޮފީސް ހިންގާނެ ޖާގަ ލިބި، ވަރަށް ބޮޑު ފަސޭހަތަކެއް ވާނެ ކަމަށެވެ.

މެލޭޝިއާގެ ކުންފުނިން މިހާރު ދަނީ ބިމުގެ ޓެސްޓްތައް ހެދުމަށް ފަހު ޕައިލިންގެ މަސައްކަތްކުރަމުންނެވެ.