Roadha Mihaaru
މުސްލިމް ކުދިންނަށް ކޮމެންޓް ކުރި މޭޔަރު ޖޫރިމަނާކޮށްފި

މުސްލިމް ކުދިންނަށް ކޮމެންޓް ކުރި ފްރާންސްގެ މޭޔަރު ޖޫރިމަނާކޮށްފި

26 އެޕްރީލް 2017

ޕެރިސް (އެޕްރީލް 26) - ފްރާންސްގެ ދެކުނުގެ ޓައުނެއްގެ ސްކޫލްތަކުގައި މުސްލިމް ކުދިން މާގިނަ ކަމަށް ބުނެ ނަސްލީ ގޮތުން މުސްލިމުންނާ މެދު ނަފުރަތު އުފެދޭ ގޮތަށް ކޮމެންޓް ކުރި މޭޔަރަކު 2،000 ޔޫރޯ އިން ޖޫރިމަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (އެޕްރީލް 26) - ފްރާންސްގެ ދެކުނުގެ ޓައުނެއްގެ ސްކޫލްތަކުގައި މުސްލިމް ކުދިން މާގިނަ ކަމަށް ބުނެ ނަސްލީ ގޮތުން މުސްލިމުންނާ މެދު ނަފުރަތު އުފެދޭ ގޮތަށް ކޮމެންޓް ކުރި މޭޔަރަކު 2،000 ޔޫރޯ އިން ޖޫރިމަނާކޮށްފި އެވެ.

ދެކުނުގެ ބެޒިއާސް ޓަނުގެ މޭޔަރު ރޮބަޓް މެނާޑް އަކީ ފްރާންސްގެ ކަނާތު ފިޔައިގެ ހަރުކަށި ޕާޓީއެއް ކަމަށްވާ ނޭޝަނަލް ފްރާންޓަށް ތާއިދުކުރާ މީހެކެވެ. ފްރާންސްގެ ސްކޫލްތައް މިދިޔަ އަހަރު ހުޅުވި ދުވަހު، ސެޕްޓެމްބަރު 1 ގައި، މެނާޑް ޓްވީޓް ކުރައްވާފައި ވަނީ "ބޮޑު ބަދަލެއް" ފެންނަމުންދާ ކަމަށެވެ. ސެޕްޓެމްބަރު 5 ވަނަ ދުވަހު އޭނާ ވިދާޅުވެފައި ވަނީ އޭނާގެ ޓައުނުގެ ކްލާހެއްގެ 91 ޕަސެންޓަކީ މުސްލިމް ކުދިން ކަމަށެވެ. އަދި އެއީ މައްސަލައެއް ކަމަށް ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން އޭނާ ވަނީ ކަންކަމުގައި ވަކި ހައްދެއް އޮންނަން ވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭނާ ހިތްހަމަ ނުޖެހުނީ ކްރިސްޓިއަން ކުދިންނަށް ވުރެ މުސްލިމް ކުދިން ގިނަވަމުން ދާތީ އެވެ.

މެނާޑް ވަނީ އޭނާ ދެއްކެވި ވާހަކަތައް ދިފާއުކޮށްފަ އެވެ.

"އަޅުގަނޑު ބަޔާން ކޮށްދިނީ ޓައުނުގެ ހާލަތު. އެއީ ހަގީގަތް. އެއީ ފެންނަން ހުރި ކަންކަން،" މެނާޑް ވިދާޅުވި އެވެ.

މެނާޑަށް ކުރި ޖޫރިމަނާގެ އިތުރުން ކޯޓު ޚަރަދަށް ހިނގި 1،000 ޔޫރޯ ދެއްކުމަށް ވެސް އޭނާ އަށް ވަނީ އަންގަައިފަ އެވެ. ޕެރިހުގެ ކޯޓަށް މެނާޑުގެ މައްސަލަ ހުށަހެޅީ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅު ހަދާ ގްރޫޕަކުންނެވެ.

މެނާޑަކީ ފްރާންސްގެ އިމިގްރޭޝަން ސިޔާސަތާ ވަރަށް ދެކޮޅު މީހެކެވެ. އޭނާގެ ތާއީދު އޮންނަ ނޭޝަނަލް ފްރޮންޓުގެ ކެންޑިޑޭޓް މެރިން ލެ ޕެން މިހާރު ވަނީ އަންނަ މަހު 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރަށް ހޮވިފަ އެވެ.

ނަސްލީ އަދި ދީނީ ގޮތުން ތަފާތު ކުރުމަކީ ފްރާންސްގައި ގާނޫނީ ގޮތުން މަނާކޮށްފައިވާ ކަމެކެވެ.