Roadha Mihaaru
ގެލެކްސީ އެސް8 އަށް ވަޅި ހެރިޔަސް ބެޓެރިއެއް ނުގޮވާ

ގެލެކްސީ އެސް8 އަށް ވަޅި ހެރިޔަސް ބެޓެރިއެއް ނުގޮވާ

18 އެޕްރީލް 2017

ސެމްސަންގު ގެލެކްސީ ނޯޓް 7 ގެ ބެޓެރީގެ މައްސަލާގައި ގެއްލުނު އިތުބާރު ހޯދަން އެ ކުންފުނިން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެކަމަކު އެ ކުންފުނިން އެންމެ ފަހުން ތައާރަފްކުރި އެސް8 ގެ ބެޓެރީއާ މެދު ޝައްކުކުރާ މީހުން ގިނަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސެމްސަންގު ގެލެކްސީ ނޯޓް 7 ގެ ބެޓެރީގެ މައްސަލާގައި ގެއްލުނު އިތުބާރު ހޯދަން އެ ކުންފުނިން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެކަމަކު އެ ކުންފުނިން އެންމެ ފަހުން ތައާރަފްކުރި އެސް8 ގެ ބެޓެރީއާ މެދު ޝައްކުކުރާ މީހުން ގިނަ އެވެ.

މި ޝައްކުތައް ފިލުވާލަން ސެމްސަންގުން ނުކުރާކަށް ކަމެއް ނެތެވެ. މިކަމުގެ ތެރެއަށް އިތުރު ވާހަކައެއް ވެސް އަތުވެއްޖެ އެވެ. ބާޒާރަށް އަލަށް ނެރޭ ފޯނުތައް ކޮށައި މަށާއި އެކި ގެއްލުންދޭ ވީޑިއޯތައް އާންމުކުރާ، ޔޫޓިއުބް ދެ ބްލޮގަރުން ގެލެކްސީ އެސް8 އެއް މެދުން ފަޅާލައިފި އެވެ. "ވަޓްސް އިންސައިޑް" އާއި "ޖެރީ ރިގް އެވްރިތިންގް" ޔޫޓިއުބް ޗެނަލްގައި އެސް8 އެއް މެދުން ކީހާލަ އެވެ. އަދި ކަޓަރުން ބެޓެރީ ފޫދުއްވާލަ އެވެ. އެކަމަކު ބެޓެރީ ގޮވުން ފަދަ ކަމެއް ދިމައެއް ނުވެ އެވެ.

ފޯނުގައި ބޭނުންކޮށްފައި ހުންނަ ލިތިއަމް-އަޔަން ބެޓެރީ ހަދާފައި ހުންނަ ގޮތުން، އޭގެ މެދަށް އެއްޗެއް ހަރައިފި ނަމަ ގޮވާނެ އެވެ. މިކަމަށް ހައްލު ހޯދަން ބެޓެރީ ޓެކްނޮލޮޖީ ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމަކު ނޯޓް 7 އާއި އެހެން ބައެއް ފޯނުތަކުގެ ބެޓެރީ ގޮވުމުގެ ހާދިސާތަކާ އެކު، ބެޓެރީގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދެ އެވެ.

ގެލެކްސީ އެސް8 ގައި ވެސް ބޭނުންކޮށްފައި ހުންނަނީ "ފަސޭހައިން ގޮވާ" ގޮތަށް ހުންނަ ލިތިއަމް-އަޔަން ބެޓެރީ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ޓެކްނޮލޮޖީއަށް ގެނައި އާދައިގެ ބަދަލަކާ އެކު ބެޓެރީ "ހަރުކޮށް" ބެޓެރިއަށް ގެއްލުން ވިޔަސް ނުގޮވާ ގޮތް ހަދައިފަ އެވެ. ބެޓެރީއަށް އެއްޗެއް ހެރިޔަސް ނުވަތަ ކީހާލިޔަސް ނުގޮވަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބެޓެރީގައި ރޯ ނުވި ނަމަވެސް، ދުން އަރަ އެވެ. އަދި އެތެރޭގައި ހުރި ލިތިއަމް-އަޔަން ބޭރުވެ އެވެ.

މީގެ މާނަ އަކީ ފޯނަށް ލިބޭ އާދައިގެ ގެއްލުމަކުން ނުވަތަ އެއްޗެއް ހެރުނަސް ބެޓެރީ ނުގޮވާނެ ކަމެވެ. އެކަމަކު ބެޓެރީގެ ރައްކާތެރިކަން މިކަމުން ޔަގީނެއް ވެސް ނޫނެވެ. ނަމަވެސް މިއީ ސެމްސަންގަށް ގެއްލިފައިވާ އިތުބާރު ހޯދުމަށް ލިބުނު ފުރުސަތެކެވެ.