Roadha Mihaaru
އެސް8 ޕްލަސް އަދި އެސް8: ތަފާތުތަކަކީ ކޮބާ؟

ސެމްސަންގް ގެލަކްސީ އެސް8 ޕްލަސް އަދި ގެލަކްސީ އެސް8: ފެންނަން ހުރި ތަފާތުތަކަކީ ކޮބާ؟

20 އެޕްރީލް 2017

މިއިން ފޯނެއްގައި އަތްޖައްސާލާކަށް އަދި ނުލިބެ އެވެ. އެހެންކަމުން ތަޖުރިބާގެ އަލީގައި އެއްޗެއް ބުނެވޭކަށް ނެތެވެ. ނަމަވެސް، ބޭނުންކުރި މީހުން ދައްކާފައި ހުރި ފަރަގުތައް މި ތަނުގައި ނަކަލުކޮށްލާނަމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މިއިން ފޯނެއްގައި އަތްޖައްސާލާކަށް އަދި ނުލިބެ އެވެ. އެހެންކަމުން ތަޖުރިބާގެ އަލީގައި އެއްޗެއް ބުނެވޭކަށް ނެތެވެ. ނަމަވެސް، ބޭނުންކުރި މީހުން ދައްކާފައި ހުރި ފަރަގުތައް މި ތަނުގައި ނަކަލުކޮށްލާނަމެވެ.

ސެމްސަންގް ގެލަކްސީ އެސް8 ޕްލަސް ދުރުން ފެންނައިރު އެއީ ގެލަކްސީ އެސް8 ކަމަށް ހީވެދާނެ އެވެ. ބަލާބެލުމަށް އެ ދެ ފޯނުގައި ފަރަގެއް ނެތްހެން ހީވެ އެވެ. ޖަހަނީ ހަމަ އެއް ސިފަ އެވެ.

ގެލަކްސީ އެސް8 އަށް ވުރެ އެސް8 ޕްލަސް ދިގެވެ. އެސް8ގެ އިސްކޮޅަކީ 148.9 މިލިމީޓަރެވެ. އެސް8 ޕްލަސްގައި 159 މިލިމީޓަރެވެ. އެސް8ގެ ފުޅާ މިނަކީ 68 މިލިމީޓަރެވެ. އެސް8 ޕްލަސްގައި 74 މިލިމީޓަރެވެ. ދެ ފޯނުގެ ބޯމިން އެއްވަރެވެ. ސައިޒަކީ 8 މިލިމީޓަރެވެ. އެސް8 ޕްލަސްގެ ބަރުދަނުގައި 173 ގުރާމެވެ. އެސް8 ގައި 155 ގްރާމެވެ. މި ނޫން ވަރަކަށް ދެ ފޯނުގައި ފަރަގެއް ހުއްޓަސް، އާދައިގެ މީހެއްގެ ލޮލުގައި އަޅައިގެންފާނެ ކަމަކަށް ނުބެލެވެ އެވެ.

ސެމްސަންގުން ގެލަކްސީ އެސް8 އުފައްދާކަން ފާޅުކުރުމާ އެކު އެންމެ ބޮޑަށް ދެކެވުނީ ޑިސްޕްލޭގެ ވާހަކަ އެވެ. ދާރަ ނެތް ފޯނަކަށް ވާނެ ކަމާއި، ފިޒިކަލް ހޯމް ބަޓަން އުވާލާނެ ވާހަކަ އެވެ.

ގެލަކްސީ އެސް8 ޕްލަސް އަދި އެސް8 ގައި ވެސް ސްކްރީން ހުންނަނީ ދެ ފަރާތު އަރިމައްޗަށް ލަންބާލާފަ އެވެ. ސެމްސަންގުން ބުނީ ދެ ފޯނުގައި ވެސް އެއީ "އިންފިނިޓީ ޑިސްޕްލޭ" ކަމަށެވެ. ގެލަކްސީ އެސް8 "އެޖް"ގެ ބަދަލުގައި އެސް8 "ޕްލަސް" ކިޔައި ނަން ދިން ސަބަބަކީ އެއީ ކަމަށެވެ.

ދެ ފޯނުގެ ކެމެރާ ވެސް އެއްވަރެވެ. ފަހަތު ކެމެރާގައި 12 މެގަޕިކްސެލް އެވެ. ކުރިމަތީގައި 8 މެގަޕިކްސެލް ކެމެރާ އެވެ. ގެލަކްސީ އެސް8 އަށް ވުރެ ދެރަ ފޯނުތަކުގައި ވެސް 12 މެގަޕިކްސެލް އަށް ވުރެ ކެމެރާތަކުގެ ފެންވަރު މައްޗެވެ. އެކަމުގައި ބުނަން އޮތީ މެގަޕިކްސެލް އިތުރުވުމަކީ ފޯނު މޮޅަށް ކުޅޭ ކަމަށް އޮތް ކަށަވަރުކަމެއް ނޫން ކަމެވެ.

ބޮޑު ފޯނަކަށް ބޮޑު ބެޓެރީ އެކެވެ. އަގު ވެސް ބޮޑުވާން ޖެހެ އެވެ. ގެލަކްސީ އެސް8 ޕްލަސްގައި 3،600 އެމްއޭއެޗް ބެޓެރީ އެކެވެ. އެސް8 ގައި 3،000 އެމްއޭއެޗް އެވެ. ދެ ފޯނުގެ އަގަށް ބަލާއިރު ބޮޑު ފޯނު އަގު ބޮޑުވާން ޖެހެ އެވެ.

މިއީ އެސް8 ޕްލަސް އަދި އެސް8 ހުރި އަސާސީ ތަފާތުތަކެވެ. މި ދެ ފޯނުން ކުރެ ފޯނެއް ގަންނަ ނަމަ ވިސްނާލަން ރަނގަޅު ޕޮއިންޓްތަކެއް ބުނެދޭނަމެވެ؛

އެސް8 ޕްލަސްގެ ސްކްރީން ސައިޒަކީ 6.2 އިންޗި އެވެ. އެސް8 ގައި 5.8 އިންޗި ސްކްރީނެކެވެ. ދެ ފޯނުގެ ރޭމް އެއްވަރެވެ. ކޮންމެ ފޯނެއްގައި 4ޖީބީ އެވެ. އިންޓާނަލް ސްޓޯރޭޖް މި ވަގުތަށް 64ޖީބީ ނަމަވެސް، ބެލެވޭ ގޮތުގައި ސްޓޯރޭޖް ބޮޑު މޮޑެލެއް ތައާރުފުކުރާނެ އެވެ. ދެ ފޯނުގައި ވެސް ގޮރިއްލާ ގްލާސް 5 އެވެ. ޔޫއެސްބީ ޓައިޕްސީ ޕޯޓެއް ވެސް އިނދެ އެވެ.

ފޯނުގެ ހާޑްވެއާ އެކި ސަރަހައްދަށް ތަފާތުވާނެ އެވެ. ސައުތު ކޮރެއާ އަށް ޚާއްސަ މޮޑެލް ރާއްޖެ ގެނައުމަކުން ވަކި މޮޅެއް ނެތެވެ. ބުއްދިވެރި ގޮތަކީ ރާއްޖޭގެ ނެޓްވޯކްތަކަށް ތައްކަތުކުރެވޭ ފެންވަރުގެ ފޯނެއް ހޯދުމެވެ. އެ ގޮތުގައި ފޯނުގެ އަގު ހެޔޮވުން ވެސް ގާތެވެ.