ކެއްކުމާއި ކެއްކުމުގެ ދާއިރާއިން ކުރިއަށް ދިއުމަކީ އޭނާ ދުވަހަކު ވެސް ދުށް ހުވަފެނެއް، އަދި ކުރަން ބޭނުންވި ކަމެއް ވެސް ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކައްކާ އަށް ވެދާނެ ކަން އެއީ އޭނާގެ ޅަ، އަދި ޒުވާން ސިކުނޑީގައި ވެސް ކުރެހިފައިވާ ތަސްވީރެއް ނޫނެވެ. އެކަމަކު މުހަންމަދު ވަހީދު (އެންމެން ކިޔާ ގޮތުން ނަމަ ޑީޑީ) އަކީ ރާއްޖޭގައި ނެތް ވަރުގެ ތަޖުރިބާކާރު ޝެފެކެވެ. ސަން އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފްގެ މަގާމުގައި ހުރިއިރު، އެއްފަހަރާ އެންމެ ގިނަ ބަޔަކަށް ކެއްކި ޝެފަކަށް އޭނާ ވެގެން ދިއުމަކީ ދުރު ކަމެއް ނޫނެވެ. ކުރީގެ ދެ ރައީސުންނަށް ވެސް އޭނާ ވަނީ ޚާއްސަ ފަރިއްކޮޅެއް ތައްޔާރުކޮށްދީފަ އެވެ. އެކަމަކު މި ހުރިހާ ކާމިޔާބެއްގެ ފަހަތުގައި ފޮރުވިފައި ވަނީ އެހެން ކަމެކެވެ. އޭނާގެ މީރު ރަހަތަކުގެ ބަދިގެ ތެރޭގައި އޮތީ މުޅިން އެހެން ވާހަކަތަކެކެވެ. މުޅިން ތަފާތު އަޒުމެކެވެ. މިއީ، އޭނާގެ މީރު ރަހަތަކުގެ އަނެއް ފަރާތުގައި އޮތް ވާހަކަތަކެވެ؛
27 މެއި 2017
ކެއްކުމާއި ކެއްކުމުގެ ދާއިރާއިން ކުރިއަށް ދިއުމަކީ އޭނާ ދުވަހަކު ވެސް ދުށް ހުވަފެނެއް، އަދި ކުރަން ބޭނުންވި ކަމެއް ވެސް ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކައްކާ އަށް ވެދާނެ ކަން އެއީ އޭނާގެ ޅަ، އަދި ޒުވާން ސިކުނޑީގައި ވެސް ކުރެހިފައިވާ ތަސްވީރެއް ނޫނެވެ. އެކަމަކު މުހަންމަދު ވަހީދު (އެންމެން ކިޔާ ގޮތުން ނަމަ ޑީޑީ) އަކީ ރާއްޖޭގައި ނެތް ވަރުގެ ތަޖުރިބާކާރު ޝެފެކެވެ. ސަން އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފްގެ މަގާމުގައި ހުރިއިރު، އެއްފަހަރާ އެންމެ ގިނަ ބަޔަކަށް ކެއްކި ޝެފަކަށް އޭނާ ވެގެން ދިއުމަކީ ދުރު ކަމެއް ނޫނެވެ. ކުރީގެ ދެ ރައީސުންނަށް ވެސް އޭނާ ވަނީ ޚާއްސަ ފަރިއްކޮޅެއް ތައްޔާރުކޮށްދީފަ އެވެ. އެކަމަކު މި ހުރިހާ ކާމިޔާބެއްގެ ފަހަތުގައި ފޮރުވިފައި ވަނީ އެހެން ކަމެކެވެ. އޭނާގެ މީރު ރަހަތަކުގެ ބަދިގެ ތެރޭގައި އޮތީ މުޅިން އެހެން ވާހަކަތަކެކެވެ. މުޅިން ތަފާތު އަޒުމެކެވެ. މިއީ، އޭނާގެ މީރު ރަހަތަކުގެ އަނެއް ފަރާތުގައި އޮތް ވާހަކަތަކެވެ؛
"އުމުރުން 17 އަހަރުގައި މާލެ އަތުވެއްޖިން. މާލެ އައީ ކިޔަވަން،" ގދ. ވާދު އަށް އުފަން ޑީޑީ އޭނާގެ ދަތުރު ކިޔައިދޭން ފެށި އެވެ. "އެކަމަކު އޭރު އަޅުގަނޑަށް ކިޔެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެންގެ އާއިލާ އަކީ ވަރަށް ނިކަމެތި ބައެއް. އެ ވަރުގެ ޚަރަދެއް ކުރެވޭކަށް ނެތް. އެހެންވެ އަޅުގަނޑު ވިސްނީ ވަޒީފާއަކަށް ދާން."
ޑީޑީ ރޯޔަލް އައިލެންޑްގެ ބައެއް ސްޓާފުންނާ އެކު
އެކަމަކު ވަޒީފާއެއް ހޯދުމަކީ ވެސް ޑީޑީ އަށް ފަސޭހަ ކަމަކަށް ނުވި އެވެ. ރަށުން ލިބެން ހުރި ތައުލީމެއް އޭނާގެ ކިބަައިގައި ހުއްޓަސް، މާލެ ވެގެން ދިޔައީ އެހާ ފަސޭހަ ތަނަކަށް ނޫނެވެ. ހާއްސަކޮށް ވަޒީފާއެއް ލިބުމުގަ އެވެ.
"މިހާރު އެމްއެމްއޭ ހުރި ތާނގައި އޭރު ހުރި ބޮޑު ސްޓޯރުގައި ހުންނާނެ ކަޅު ބޯޑެއް. އެ ބޯޑުގައި ހުންނާނެ ސަރުކާރަށް ވަޒީފާތަކަށް ބޭނުންވާ މީހުންގެ ވާހަކަ. ވަޒީފާއެއް ހޯދުމަށް ޓަކައި އޭރު އަޅުގަނޑު ކޮންމެ ދުވަހަކު އެތަނަށް ދަން،" ޑީޑީ، 57، ބުންޏެވެ. "ސިޓީ ލައިގެން އަޅުގަނޑަށް ލިބުނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ ޕޯޓް ކޮމިޝަން ވަޒީފާއެއް. ގާތްގަނޑަކަށް ސަތޭކަ ފަންސާހަކަށް ރުފިޔާގެ މުސާރަައެއް އެއީ."
ޑީޑީ ކުރަން ޖެހުނު މައިގަނޑު އެއް މަސައްކަތަކީ މާލެ އަންނަ އުޅަނދުފަހަރުން ފަޅުތެރެއަށް ކުނި އަޅާތޯ ބެލުމެވެ. އޭގެ ތެރެއިން އޭނާ އަށް މުޅިން އެހެން މަންޒަރެއް ވެސް ފެންނަމުން ދިޔަ އެވެ.
ޑީޑީ މިހާރު ނޫހަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އެހެން ބަލަން ހުއްޓާ ވަރަށް ގިނައިން އަމީނިއްޔާ މަޖީދިއްޔާ ސްކޫލު ކުދިން އެހެން ލާފައި ދާތަން ފެނުނީމަ ވަރަށް އަސަރުކުރޭ. އަޅުގަނޑު ހިތަށް ވެސް އަރާ އަޅުގަނޑަށް ވެސް ކިޔެވޭނެ ނަމައޭ،" ޑީޑީ ބުންޏެވެ. "އެ ފުރުސަތު އަޅުގަނޑަށް ނުލިބުނީ. އެކަމަކު އަޅުގަނޑު ހިތަށް އޭރު ވެސް އަރަމުން ދިޔައީ ދެން އަޅުގަނޑުގެ ދަރިންނަށޭ ކިޔަވައިދޭނީ. ރާއްޖެއިން ދެވުނު އެންމެ މަތީ ތައުލީމެއް ދޭނަމޭ."
ދަރިން ހޯދައި އެ ކުދިން އެންމެ ރަނގަޅު ގޮތުގައި ބޮޑުކުރުމަކީ ޑީޑީގެ އެންމެ ބޮޑު ޓާގެޓެވެ. އެކަމަށް އޭނާ އަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ފައިސާ އެވެ. ލިބެމުން އައި އާމްދަނީ އެވެ. ލިބިފައިވާ ވަޒީފާއިން އޭނާގެ އުންމީދުތައް ހަގީގަތަކަށް ހެދޭކަށް ނެތެވެ. އެހެންވެ، 11 މަސް ދުވަހަށް ފަހު، މާލޭގެ ވަޒީފާ ދޫކޮށްލައި، ރިސޯޓަކަށް ބަދަލުވި އެވެ. އަދި 1978 ގައި އޭނާ ކައިވެނި ކުރި އެވެ.
"އަޅުގަނޑު ފުރަތަމަ ދިޔައީ ކްލަބް ނޭޗާ (ފަރުކޮޅުފުށި) އަށް. އެއީ ކުނިކަހާ މީހެއްގެ ވަޒީފާ އަށް،" ޓޫރިޒަމް ދާއިރާގައި ސާޅީހަކަށް އަހަރު ހިދުމަތް ކޮށްފައިވާ ޑީޑީ ބުންޏެވެ. "ޓޫރިޒަމް ދާއިރާގައި އަޅުގަނޑު ނުކުރާ ހަމަ އެއްވެސް މަސައްކަތެއް ނޯންނާނެއޭ އަޅުގަނޑަށް ދެންނެވިދާނެ."
ސަން އައިލެންޑްގެ ބަދިގޭގައި ހުރި ބަރަބޯތަކެއް ޑީޑީ ދައްކާލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓޫރިޒަމް ދާއިރާ އަށް ޑީޑީ ވަނީ ވަކި އަމާޒެއް އޮވެގެނެއް ނޫނެވެ. އެހެން ނަމަވެސް އޭނާ އޭރު ވެސް ކުރަން ބޭނުން ނުވި ކަމެއް އޮތެވެ. އެއީ ކެއްކުމެވެ. ސަބަބަކީ، "އޫރު މަހާ ދުރުވާން ބޭނުންވާތީ" އެވެ.
"އެ ދުވަސްވަރު އޫރު މަހަކީ ރިސޯޓްތަކުގައި ހަމަ ވަރަށް އާންމު އެއްޗެއް. އޭރު ވެސް އަޅުގަނޑު ވަރަށް ހިތްހަމަ ނުޖެހޭ ކަމެއް އެއީ. އެހެންވެ އަޅުގަނޑު ބޭނުން ނުވީ ފުޑް ދާއިރާ އަށް ވަންނަން،" އޭނާ ބުންޏެވެ.
އެކަމަކު ކްލަބް ނޭޗާގައި ޑީޑީއާ އެކު ވަޒީފާ އަދާކުރި އޭނާގެ ބޮޑުބޭބެއަކު ބާރު އަޅަމުން ދިޔައީ ޑީޑީ ބަދިގެ އަށް ވަންނާށެވެ. އެންމެ އާދައިގެ ވަޒީފާތައް ދޫކޮށްލައި، ކުރިމަގު އޮތީ އެ ދާއިރާގައިކަން ޑީޑީ އަށް ވިސްނައިދިން ހިސާބުން ފެށިގެން ޑީޑީގެ މުޅި ކެރިއާ ބަދިގެ އަށް ބަދަލުވި އެވެ. ހިތާ ދެކޮޅަށް ނަމަވެސް، މުސްތަގުބަލަށް ޓަކަ އެވެ.
"ފުރަތަމަ ފެށީ ތަށި ދޮންނަން. ތެލި ދޮންނަން. މަސް ކަނޑަން،" އޭނާ ބުންޏެވެ. "ވަކި ހިސާބަކުން އަޅުގަނޑަށް ވިސްނުނީ ދެން މިއޮތީ މި ދާއިރާ އަށް ވަދެވިފައޭ. ދެން ކުރިއަށް ދާނީއޭ."
ޑީޑީ އަށް ފެނުނީ މުޅިން އެހެން ދުނިޔެ އެކެވެ. މުޅިން އެހެން ކަންތައްތަކެކެވެ. އޭރު ފިރިހެނުން ކެއްކުމަކީ ދިވެހިންގެ ތެރޭގައި އޭރު "ރަނޑު" ގޮތަކަށް ދެކެމުން އައި ކަމެއް ކަމަށް ވާތީ، ދިވެހި މަދު ޝެފުންނަށް ރިސޯޓުތަކުން އައީ އަތްފުނާ އަޅަމުންނެވެ. އޭގެ ފައިދާ ޑީޑީ އަށް ވަރަށް ބޮޑަށް ކުރި އެވެ.
"އަޅުގަނޑަށް ވަރަށް ނަސީބު ރަނގަޅުކޮށް ދިމާވީ ވެސް. ކްލަބް ނޭޗާގައި 10 އަހަރު އުޅެވުނު އިރު އަޅުގަނޑަށް މަސައްކަތް ކުރެވިއްޖެ ވިއްސަކަށް ގައުުމުގެ ދުނިޔޭގެ މަޝްހޫރު ޝެފުންނާ އެކު،" ޑީޑީ ބުންޏެވެ.
ޑީޑީގެ ފުރަތަމަ ދަރިފުޅު ލިބި، އެ ކުއްޖާގެ އުމުރުން 6 އަހަރު ވުމާ އެކު، އަނބިމީހާ އާއި ދަރިފުޅު މާލެ ގެނަ އެވެ. އޭނާގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. އަމިއްލަ އަށް ތަނެއް ކުއްޔަށް ހިފައިގެން މާލޭގައި އަނބިމީހާ ދަރިންނަށް ކިޔަވައިދެމުން އައިއިރު ޑީޑީ ދިޔައީ ބުރަކޮށް ކައްކަމުންނެވެ. މާލޭގައި ކުރަން ޖެހުނު ބޮޑެތި ހަރަދުތަކާ އޭނާ ކުރިމަތިލާން ޖެހުމާ އެކު ވަޒީފާ އަށް ވެސް ބަދަލުތަކެއް އަންނަން ޖެހިއްޖެ އެވެ.
"ކްލަބް ނޭޗާއިން ކެނޑިގެން 1980 ގައި ދެން އަޅުގަނޑު ވަނީ ފުރަނަ ރިސޯޓަށް. އެ ރިސޯޓުގައި 1983 ގައި ސީދާ ކައްކާ މީހެއްގެ ވަޒީފާ އަޅުގަނޑަށް ލިބިއްޖެ. އަޅުގަނޑާ ތަން ހަވާލު ވެސް ކޮށްފި. އެ ހިސާބުން ދެން މި ގޮތުގައި ކުރިއަށް ދާން ފެށީ،" އޭނާ ބުންޏެވެ. "ވިލާ އަށް އަޅުގަނޑު ވަނީ 1987 ގައި. ފަން އައިލެންޑްގެ ޝެފަކަށް."
ސަން އައިލެންޑް ރިސޯޓް 1998 ގައި ހުޅުވިތާ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޑީޑީ މި ރިސޯޓަށް ކުއްލިއަކަށް ބަދަލު ކުރި އެވެ. މި ރިސޯޓަށް ގެނައި ބޭރުގެ ޝެފް ކޮންމެވެސް ކަމަކާ ހުރެ ރިސޯޓުން ފޮނުވާލަން ޖެހުމާ އެކު ޑީޑީ ބަދަލު ކުރީ، އޭނާ ބުނި ގޮތުން ހަމަ ކުއްލިއަކަށެވެ.
"ފަަން އަށް ގާސިމް (ޗެއާމަން ގާސިމް އިބްރާހިމް) ގުޅުއްވާފައި ވިދާޅުވީ މާދަމާ ޑީޑީ ސަން އަށް ފޮނުވާށޭ،" ޑީޑީ ބުންޏެވެ.
މި ރިސޯޓުގައި ހިންގާ އަށް ރެސްޓޯރަންޓްގެ ކަންތައް ބެލެހެއްޓުމުގައި އިސްކޮށް އުޅުއްވަނީ ޑީޑީ އެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ރެސްޓޯރަަންޓް ވެސް ހުރި މި ރިސޯޓުގެ ހުރިހާ ކެއުންތަކެއްގެ މާސްޓަމައިންޑަކީ ވެސް އޭނާ އެވެ. އެކަމަކު ކުރިޔާ ޚިލާފަށް އޭނާ ވަނީ އުނދުނާ ކައިރިވުން ހުއްޓާލައިފަ އެވެ.
"މިހާރު އަޅުގަނޑު ނުވެއް ކައްކަން. އަޅުގަނޑު ހަމައެކަނި ކަންކަން މެނޭޖްކޮށް، ކައްކާ އެއްޗެހި މޮނީޓާކޮށް މެނޫ ހަދައި އެކަހަލަ ކަންކަން ކުރަމުން ދަނީ،" އޭނާ ބުންޏެވެ.
ސަން އައިލެންޑްގެ ބަދިގޭގައި ޑީޑީ އެ ތަނުގެ މުވައްޒަފަކާ އެކު -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިއީ އަޅުގަނޑުގެ އަމިއްލަ ގެއެއް ފަދަ ރިސޯޓެއް. ހުރިހާ ކަމެއް ވެސް އަޅުގަނޑު ބަލަން އެއީ އަޅުގަނޑާ ނުގުޅޭ ކަމެއް ކަމަށް ވިޔަސް."
މިވީ މުއްދަތުގެ ތެރޭގައި ޑީޑީ ވަނީ ވަރަށް ގިނަ ކެއުންތައް ހަދައިފަ އެވެ. އަމިއްލަ އަށް ރެސިޕީ ތައްޔާރުކޮށްގެން ވަރަށް ގިނަ ޑިޝްތައް އޭނާ ވަނީ ސަންގެ ކާ މޭޒުތަކަށް ވެސް ގެނެސްދީފަ އެވެ. މިވީ މުއްދަތުގެ ތެރޭގައި ރައީސް އިބްރާހިމް ނާސިރަށާއި ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް އޭނާ ވަނީ ފަރިއްކޮޅު ތައްޔާރުކޮށްދީފަ އެވެ. އެތަކެއް ބައިވަރު ކޯސްތަކެއް އޭނާ ހެދި އެވެ. އެތައް ގައުމެއްގެ ކެއުންތައް އޭނާ ދަސްކުރި އެވެ. އެތަކެއް ބައިވަރު މުވައްޒަފުން އޭނާ މެނޭޖް ކުރެ އެވެ.
ޑީޑީ ބުނާ ގޮތުން އޭނާ އެންމެ ކުޑައިރުއްސުރެ، ދެކެމުން އައި އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ވެއްޖެ އެވެ. އެކަމަކު އެއީ ރާއްޖޭގެ މަޝްހޫރު ޝެފަކަށް ވުމުގެ ހުވަފެނެއް ނޫނެވެ.
"އަޅުގަނޑަށް ނުކިޔެވުނީމަ އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ދަރިންނަށް އެންމެ މަތީ ތައުލީމެއް ހޯދައިދޭން. އެ އުންމީދު އަޅުގަނޑު ހާސިލް ކޮށްފިން އިރާދަކުރެއްވީތީ."
"ޝެފަކަށް ވުން އެއީ އަޅުގަނޑުގެ މުޅިން އެހެން ހުވަފެނެއް ހަގީގަތަކަށް ހެދުމަށް ޓަކައި ކުރި ކަމެއްގެ ތެރެއިން ހާސިލްވި ކަމެއް،" ޑީޑީ ބުންޏެވެ. "އަޅުގަނޑަށް ނުކިޔެވުނީމަ އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ދަރިންނަށް އެންމެ މަތީ ތައުލީމެއް ހޯދައިދޭން. އެ އުންމީދު އަޅުގަނޑު ހާސިލް ކޮށްފިން އިރާދަކުރެއްވީތީ."
ޑީޑީގެ ހަ ކުދިންނަކީ ވެސް އެންމެ ދަށްވެގެން ޑިގްރީ ފެންވަރުގެ ތައުލީމް ހޯދާފައިވާ ކުދިންނެވެ.
"އިރާދަކުރެއްވީތީ، އެއްވެސް ކުއްޖަކު އެއްވެސް ގޯސް މަގަކުން ގޮސްފައެއް ނެތް،" އޭނާ ފަޚުރުވެރިކަމާ އެކު ބުންޏެވެ. "މި ހިސާބަށް އާދެވުނީތީ ﷲ އަށް ޝުކުރުކުރަން. އަޅުގަނޑުގެ އަންްހެނުން ދިން ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."
ހިތާ ދެކޮޅަށް ނަމަވެސް ޑީޑީ ވަން ބަދިގެ އާ އެކު، އޭނާގެ މުޅި ދިރިއުޅުމުގައި އޮތީ އުފާވެރިކަމެވެ. އެއީ އޭނާ ދަންނަ އެކަކަށް ވެސް ދެބަސް ވެވެން ނެތް ހަގީގަތެކެވެ.
ބޮޑެތި މަޑި އާއި މިޔަރުތަކާއެކު ހިތްގައިމު މަންޒަރެއް!
އެންމެ ބޮޑު ރިސޯޓާ ގުޅިފައިވާ އަންހެންވެރިން
ޝެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖުގައި
ނަޖޫ ބޭނުމީ ސިންޑާއާ އެކު މުޅި މަންޒަރު ބަދަލުކޮށްލަން
ޝެފް އޮލިމްޕިއަޑްގައި ރާއްޖެއަށް ކާމިޔާބީއެއް ލިބިއްޖެ
"މާސްޓަ ޝެފް" ގެ ހޯސްޓަކަށް ތަމަންނާ
ޝިހާބު: ސައުދީގެ ދިވެހި ޝެފް
އެންމެ އަގުބޮޑު ފްރެންޗް ފްރައިޒް 200 ޑޮލަރަށް
އެންމެ އަގު ބޮޑު ބާގަ އަށް 5،964 ޑޮލަރު
މެނޫގައި ވެރިމީހާގެ ފާޑުކިޔުން؛ ރަނގަޅުވީ ވިޔަފާރި