15 މާޗް 2024
މާމައާއެކު ކުޑައިރު ދޮންކެޔޮ ކަޖޫ ހަދަން އުޅުނު ހަނދާން މަރިޔަމް ނަޖްފާ މުހައްމަދު (ނަޖޫ)ގެ ހަނދާނުން ފިލައިގެން ނުދެ އެވެ. އެ ހަނދާނުން ކެއްކުމަށް ޖެހުނު ލޯބިން މުޅި ހަޔާތް ބިނާ ކުރީ އެ ދާއިރާގެ ތެރޭގަ އެވެ.
މާމައާއެކު ކުޑައިރު ދޮންކެޔޮ ކަޖޫ ހަދަން އުޅުނު ހަނދާން މަރިޔަމް ނަޖްފާ މުހައްމަދު (ނަޖޫ)ގެ ހަނދާނުން ފިލައިގެން ނުދެ އެވެ. އެ ހަނދާނުން ކެއްކުމަށް ޖެހުނު ލޯބިން މުޅި ހަޔާތް ބިނާ ކުރީ އެ ދާއިރާގެ ތެރޭގަ އެވެ.
ލަންކާގައި އޯލެވެލަށް ކިޔަވަމުން ދިޔަ ދުވަސްވަރު އެންމެން ވެސް ނަޖޫ ގާތު ބުނަމުން ދިޔައީ ބައްޕަގެ ދާއިރާ ކަމަށްވާ ފޮޓޯގްރަފީ ދާއިރާއިން ކުރިއަށް ދިއުމަށެވެ. ނަމަވެސް މީހުން ކިޔާ އެއްޗަކަށް އަޅާ ނުލައި، ބޭނުންވާ ދާއިރާއަކުން ކުރިއަށް ދާން ނަޖޫއަށް ހިތްވަރު ދިނީ އޭނާގެ ބައްޕަ އެވެ.
ބައްޕަގެ ހިތްވަރާއި ދިން ތަރުހީބާއެކު ނަޖޫ ކެއްކުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަން ދިޔައީ މެލޭޝިއާއަށެވެ. މެލޭޝިއާއިން ޑިޕްލޮމާ ފުރިހަމަ ކުރުމަށް ފަހު އެނބުރި ރާއްޖެ އައިސް، ކެއްކުމުގެ ދުނިޔެއަށް ވަތް ނަޖޫ މިއަދާ ހަމައަށް ވެސް ދެމިހުރީ އެ ގޮތުގަ އެވެ.
ކައްކާ ކޯސް ހަދައިގެން، ޝެފް ތޮފި އަޅައިގެން ހަމައެކަނި ބަދިގޭގެ ހޫނުގައި މަސައްކަތް ކުރުންވީ ނަޖޫ ބޭނުން ގޮތަކަށް ނޫނެވެ. ތަފާތު ކަމެއް ކުރާ ހިތުން ހުއްޓާ ނަސީބު އަތުގައި ހިފީ ބްލޫބޭގެ ކޮންސަލްޓެެންސީ ލިބުނު ހިސާބުންނެވެ. އެއީ މި ދާއިރާގައި އޭނާގެ ފެށުން ގޮތުގައި ނަޖޫ ސިފަ ކުރެ އެވެ.
ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ބްލޫބޭގެ މެނޫ ހެދީ ނަޖޫ އެވެ. އޭގެ ފަހުން ކަވާނާ، މެރިންޑްރައިން، ލައިރީ، ޕެޓިއޯއާއި ބީޗްސްޓްރޯ ފަދަ ކިތަންމެ މަގުބޫލު ތަނެއްގެ މެނޫ ނަޖޫ ތައްޔާރުކޮށްފި އެވެ. އެތައް ޓްރެންޑެއް ކްރިއޭޓްކޮށްފި އެވެ.
ސިންޑާ ބައި ނަޖޫ އިން ލިބޭ ސިކަން ޕޮޓް ރައިސް: މިއީ ނަޖޫ ކިޔަވަން ހުރި ދުވަސްވަރު ކެއި ޗިކަން ރައިސް އަކުން އުފެއްދި ޑިޝް އެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"ބޮޑަށް ބަލަނީ މީހުން ކާހިތްވާ އެއްޗެއްސާއި އެންމެ ބޮޑަށް ބަލަނީ މަ ކާ ހިތްވާ އެއްޗަކަށް. އެހެންނޫނިއްޔާ އެހާ މީރުކޮށް ނުވެސް ހެދޭނެތާ. އެހެންވެ ވަރަށް ނުނަގަން ފޮނި އެއްޗެހި. އަހަރެން އެހާ ފޮނި އެއްޗެހި ކާހިތެއް ނުވޭ،" ނަޖޫ ބުންޏެވެ.
މެނޫއެއް ތައްޔާރުކުރުމަކުން އަދި ނުނިމެ އެވެ. ރެސިޕީތަކާއެކު ކޮންމެ ތަނެއްގެ ޗެފުންނަށް ވެސް ޓްރެއިނިން ދީފައި މަދުވެގެން އަހަރެއް ތެރޭ އެ މެނޫ ބަދަލުވާން ޖެހޭނެ ކަމަށް ނަޖޫ ގަބޫލުކުރެ އެވެ. މިހާތަނަށް މަސައްކަތް ކުރަމުން ވެސް އައީ އެ ގޮތުގަ އެވެ.
"މެނޫއެއް ކްރިއޭޓު ކުރިޔަސް ނުވާނެ. ޓްރެއިނިން ދީފައި އަދި ޕްލަސް އެތި މަދުވެގެން އަހަރެއްހާ ދުވަހު ކޮށްފައި ޖެހޭނެ ބަދަލުކުރަން. އެހެންނޫނީ އެ އިން ގޮތަށް ބާވެގެން ގޮސް މީހުން ވައި ވާނެ. ދެން ނުއެއް އަންނާނެ. އެހެން ކޮންސަލްޓެންސީ މުހިންމު ވަނީ. އެހެންނޫނީ އަބަދުވެސް ހުރެގެން މުހިންމު ޗޭންޖުތަކެއް ގެނެސްދީ." ނަޖޫ ކިޔައިދިނެވެ.
ނަޖޫގެ ސިންޑާ ކެފޭ: މިއީ ނަޖޫގެ ހުވަފެނެއް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"އަހަރެން ބޭނުންވަނީ ފުޑް ކުރިއަރުވަން. އެހެންވީމާ މި ތަނަށް ދޭ ރެސިޕީއެއް އެހެން ތަނަކަށް ނުދޭނަން."
ނަޖޫ ދޭ ޔަގީންކަމަކީ މިހާތަނަށް އައިރު ދެ ތަނަކަށް އެއް ރެސިޕީއެއް ދީ ތަކުރާރު ކޮށްފައިނުވާނެ ކަމެވެ. އަބަދުވެސް އޭނާ ބަލަނީ އާ ރަހަތަކާއި އާ ޓްރެންޑުތަކަށް ފުރުސަތު ދިނުމަށެވެ.
އެކި ތަންތަނަށް އެކި ރަހަ ތައްޔާރުކުރަމުން އައި ނަޖޫ އަބަދުވެސް ދެކެމުން އައި ހުވަފެނަކީ އަމިއްލަ ތަނެއް ހުޅުވުމެވެ. އެއް ތަނެއްގައި މާ ގިނަ ދުވަހު އޭގެ ކުރިން މަސައްކަތް ނުކުރެވުނީ ވެސް އަމިއްލަ ކަމެއް ކުރަން ހިތު އޮތް ޝައުގެއްގެ ސަބަބުން ކަމަށް އޭނާ ދެކެ އެވެ.
އެ ހުވަފެނުގެ ތެރެއިން އޭނާ އުފަން ކުރީ "ސިންޑާ ބައި ނަޖޫ" އެވެ.
"މި މެނޫއަކީ އަހަރެން މެލޭޝިއާގައި ހުރެފައި ހެދި މެނޫއެއް. އޭރު ކައިފައި ނޯޓުކޮށްފައި ހުންނަ އެއްޗެހި މި ލަނީ ގިނަ އެއްޗެހި. ވަރަށް ދުވަހުން ހަދާފައި އިން މެނޫއެއް އެއްވެސް މީހަކަށް ނުދީ އިން. ޕާސަނަލް ޕްރޮޖެކްޓެއް ގޮތަށް ބިލްޑް ކުރަމުން އައީ. އަދިވެސް ދަސްކުރަމުން ރީސާޗްކުރަމުން މި އަންނަނީ،" ސިންޑާއާ ގުޅޭ ގޮތުން ނަޖޫ ބުންޏެވެ.
ސިންޑާގެ މެނޫގައި ވެސް ހިމަނާފައިވަނީ ނަޖޫއަށް އެންމެ ކަމުދާ ރަހަތެކެވެ. ސްރީލަންކާގައި ކިޔަވަން ހުރި ދުވަސްވަރުގެ ބަތްގަނޑުތަކާއި ރިހަގަނޑެވެ. އެ ރަހަ ގެނައުމަށް ސިންޑާއަށް ޗެފުން ގެނައީ ވެސް ސީދާ އެ ހިސާބުންނެވެ.
ސިންޑާއާއެކު ނަޖޫގެ އޮތީ މީރު ކާއެއްޗެހި ފޯރުކޮށްދިނުމުގެ އަޒުމެކެވެ. އިންސްޓަގްރާމް ކޮށްލާހާ ރީތި ތަނަކަށް ނުވިޔަސް، ކާން އަންނަ މީހާ ދެ ވަނަ ފަހަރަށް ވެސް އަންނާނެހާ މީރު ކެއުމެއް ފޯރުކޮށްދިނުމަކީ ނަޖޫ ބޭނުންވާ ގޮތެވެ.
"ތަން އެހާ ފޭންސީ ނުވިޔަސް، ރަނގަޅުވާނެ. އަހަރެން ބޭނުންނުވި އެހާ ފޭންސީ ތަނެއް ހަދާކަށް ވެސް. ބޭނުންވީ ކާ އެއްޗެހި މީރުކޮށްހަދަން. އެއީ ތާ ޑްރައިވިން ފޯސްއަކީ. މިސާލަކަށް މަށަށް ޔަގީން މިއަދު ކައިފައި މީރު ވެއްޖެއްޔާ މަށަށް ޔަގީން މާދަމާ ވެސް އަންނާނެކަން،" ފަހުރުވެރިކަމާއެކު ނަޖޫ ބުންޏެވެ.
ނަޖޫގެ އުންމީދަކީ ސިންޑާއިން ރާއްޖޭގެ މުޅި "ފުޑް ސީން" ބަދަލުކޮށްލުމެވެ. އެކަމަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ކައްކަން ހުންނަ މީހާ ފެންނާނޭ ގޮތަށް ސިންޑާގައި ގާއިމްކޮށްފައިވާ "އޯޕެން ކިޗަން" ކޮންސެޕްޓެވެ. އެއާއެކު ކަސްޓަމަރު އޯޑަރު ކުރާ ކާއެއްޗެހި ތައްޔާރުވަމުން އަންނަތަން އޭނާއަށް ފެންނާނެ އެވެ.
"އެއްވެސް ސީކްރެޓެއް ހަގީގަތުގައި ނެތް. މި ބުނީ ދޮރު ފުރަގަހުގައެއް ނޫހޭ އޯޑަރު ކުރި ކާއެއްޗެހި މި ހަދަނީ. އެ ހިތްހަމަޖެހުން ލިބޭނެ، ތިމަންނަގެ ކާއެތި އެ އަންނަނީ ހަމަ ތިމަންނަ ބަލަން އިންދައޭ،" ނަޖޫ ބުންޏެވެ.
"އަސްލު އާޓެއް މިއީ، ކެއްކުމަކީ އާޓެއް. ވަރަށް ބުރަ މަސައްކަތެއް. ކަސްޓަމަރުން ވެސް އެޕްރީޝިއޭޓް ކުރާނެ ކަންނޭނގެ ފެނުނީމާ ވަރަށް ހާޑްވޯކިން ބައެކޭ މިއީ،"
ސިންޑާގައި އޯޕެން ކިޗަން ކޮންސެޕްޓަށް ހަދާފައި ބަދިގޭގައި ޗެފުން ކައްކަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ރިސޯޓުގައި ކައްކަން މަސައްކަތް ކުރި ދުވަސްވަރު ބަންދު ބަދިގޭގައި ކުރެވުނު އެކަނިވެރި އިހުސާސްތަކާއެކު، ނަޖޫ ބޭނުންވަނީ ބޮޑުމަންޒަރުގެ ތެރެއަށް ކައްކާ މީހާ ގެންނާށެވެ. ޗެފުންގެ ހުނަރު ކަސްޓަމަރުންނަށް ދައްކާލައި، އެ ހިތްހަމަޖެހުން ގެނެސްދިނުމެވެ.
ނަޖޫގެ ސިންޑާގައި އެންމެ މަޝްހޫރު އެއް ކެއުމަކީ ކްލޭޕޮޓް ތައްޔާރުކޮށްގެން ގެންނަ ޗިކަން ރައިސް އެވެ. މިއީ އޭނާ ކިޔަވަން އުޅުނު ދުވަސްވަރު ކެއި ޑިޝްއެއް އަސްލަކަށް ބަލައިގެން އެ ރަހަ ގެނައުމަށް މެނޫއަށް އިތުރުކުރި ބައެކެވެ. ދެން އެންމެ ހާއްސަކަމަކަށް ވާނީ ސްރީލަންކާ ކެއުންތަކުގެ އަސްލު ރަހަ ސިންޑައިން ލިބުމެވެ.
މި ދާއިރާގައި ނަޖޫ ފެށުނީއްސުރެ ބޭނުންވީ އަމިއްލަ ނަމުގައި ތަނެއް ހުޅުވުމަށެވެ. މިއަދު ހުވަފެން ހަގީގަތަކަށް ވެއްޖެ އެވެ. އެކަމަކު އަދިވެސް ކުރިއަށް އިތުރު ކޮންސެޕްޓުތަކާއެކު އިތުރު ތަންތަން ގެންނަން ނަޖޫ ބޭނުންވެ އެވެ. ނަޖޫ ބޭނުންވަނީ އޭނާގެ މީރު ރަހަތަކުން މުޅި "ފުޑް ސީން" އެއްކޮށް ބަދަލުކޮށްލާށެވެ.
ޝެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖުގައި
ޒަރީރުގެ ތާރީޚީ ހަޒާނާއިން ބައެއް ވާހަކަތައް
ހާފިޒެއް، އިމާމެއް، ދަނޑުވެރިއެއް
ބިޝާ:މޭކަޕް ކުރުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ އުހަށް
އުފާވެރިކަން މާޒީ އަށް، މިއީ ހިތްދަތި ހަޔާތެއް
ޝަބާނާ ކުރި ތަޖުރިބާއިން ވަރުގަދަ ވިޔަފާރިއެއް
ނަސީރު: ފެހުމުގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ނަން!
ވަހީދުބެ: އުމްރާވެރިންގެ ދިވެހި "މާސްޓަޝެފް"
ހުސެންގެ ދުނިޔެ އަނދިރިވީ ހަމަ ކުއްލިއަކަށް
އަބްދުއްރަހްމާންގެ ގުލްޒާރުގައި ނުފޮޅޭ މަލެއް ނެތް!