Roadha Mihaaru
އައިއެސްއާ ދެކޮޅަށް އެޅި ބޮމުން އެތައް ބަޔަކު މަރުވި

އައިއެސްއާ ދެކޮޅަށް އެމެރިކާ އިން އެޅި ބާރުގަދަ ބޮމުން އެތައް ބަޔަކު މަރުވި

14 އެޕްރީލް 2017

ވޮޝިންޓަން (އެޕްރީލް 14) - ޖީބީޔޫ-43/ބީ މެސިވް އޯޑެންސް އެއާ ބްލާސްޓް ބޮން ނުވަތަ "ބޮންތަކުގެ މަންމަ ބޮން" އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ބޭނުން ކުރުމުން އައިއެސްގެ 36 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 14) - ޖީބީޔޫ-43/ބީ މެސިވް އޯޑެންސް އެއާ ބްލާސްޓް ބޮން ނުވަތަ "ބޮންތަކުގެ މަންމަ ބޮން" އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ބޭނުން ކުރުމުން އައިއެސްގެ 36 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

މިއީ ނިއުކްލިއާ ބޮން ފިޔަވައި އެމެރިކާ އިން އުފެއްދި އެންމެ ބާރުގަދަ ބޮމެވެ. އަދި ބޮން އަޅާފައި ވަނީ އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގައި އައިއެސްގެ މީހުން އުޅޭ ޓަނަލްތަކަށެވެ. ބޮމުގެ ހަމަލާގައި އާއްމުންގެ އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ ވަނީ މި ހަމަލާ ކުށްވެރި ކުރައްވައިފަ އެވެ. އަދި މިއީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމަށާއި "މިއީ އަޅުގަނޑުމެންގެ ގައުމު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ވެސް" ކަރުޒާއީ ވިދާޅުވި އެވެ.

އައިއެސްއާ ދެކޮޅަށް އެމެރިކާ އިން އެޅި ބާރުގަދަ ބޮން.

އައިއެސްއާ ދެކޮޅަށް އެމެރިކާ އިން އެޅި ބާރުގަދަ ބޮން.

އަފްޣާނިސްތާނުގެ ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ ވިދާޅުވީ އެމެރިކާ އިން ހަމަލާދީފައި ވަނީ އަފްޣާން ސަރުކާރާ ގުޅިގެން ކަމަށާއި އާއްމުންނަށް ގެއްލުމެއް ނުލިބޭނެ ގޮތަށް ވަރަށް ބޮޑަށް އިސްކަން ދީފައިވާ ކަމަށެވެ. އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ ކޮމާންޑަރު ޖެނެރަލް ޖޯން ނިކޯލްސަން ވެސް ވިދާޅުވީ ބޮމުގެ ހަމަލާގައި އާއްމުންގެ އެއްވެސް މީހަކު މަރުވި ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

އަފްޣާން ޑިފެންސް މިނިސްޓްރީން ބުނީ ބޮމުގެ ހަމަލާ ދީފައި ވަނީ މޮމާންޑް ވެލީގައި އައިއެސްގެ ހަނގުރާމަވެރިން ބޭނުން ކުރާ 300 މީޓަރު ދިގު ހޮހަޅައަކަށް ކަމަށެވެ. ނަންގާރްހަރު ޕްރޮވިންސްގެ ގަވަރުނަރު ގުލާބު މަންގާލް ވިދާޅުވީ ހަމަލާ ދިން ހޮހަޅަ އައިއެސް އިން ބޭނުން ކުރަނީ މީހުން މެރުމަށާއި އެ މީހުންގެ މުހިންމު ބައްދަލުުވުންތައް ބާއްވަން ކަމަށެވެ. އެމެރިކާގެ އިން އެޅި ބޮމުގެ ބަރުދަނަކީ 9،800 ކިލޯ އެވެ.

އަފްޣާނިސްތާނުގެ ރިޔާސީ ތަރުޖަމާން ޝާހު ހުސައިން ވިދާޅުވީ ބޮމުގެ ހަމަލާގައި އައިއެސްގެ ކޮމާންޑަރު ސިއްދީގު ޔާރު ވެސް މަރުވެފައިވާ ކަމަށެވެ.

އައިއެސްއާ ދެކޮޅަށް އެޅި ބޮން ފުރަތަމަ ޓެސްޓް ކުރީ 2003 ވަނަ އަހަރު އެވެ. ނަމަވެސް މީގެ ކުރިން ހަނގުރާމައެއްގައި މި ބޮން ބޭނުންކޮށްފައެއް ނުވެ އެވެ.

އައިއެސް އިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާކަން އިއުލާންކުރީ ޖެނުއަރީ، 2015 ގަ އެވެ. އަދި އެ ގައުމުގައި އައިއެސްގެ 1،000-5،000 އާ ދެމެދުގެ ހަނގުރާމަވެރިން އުޅޭ ކަމަށްވެ އެވެ.