22 އެޕްރީލް 2017
މީގެ ކުރިން ދެތިން ފަހަރަކު އެ ވާހަކަ ނޫސްތަކަށް އެރި އެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހުގެތެރޭ އެ އަޑު ގަދަވީ އެ ފަހަރު މަރުވި މަސްތަކުގެ އަދަދު ގިނަވުމުންނެވެ. ހދ. ވައިކަރަދޫ ބަނދަރުތެރެއިން 20،000 އަށް ވުރެ ގިނަ މަސް އެ ފަހަރު މަރުވި އިރު މުޅި ފަޅުތެރެ އޮތީ ކުނިވެފަ އެވެ.
މީގެ ކުރިން ދެތިން ފަހަރަކު އެ ވާހަކަ ނޫސްތަކަށް އެރި އެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހުގެތެރޭ އެ އަޑު ގަދަވީ އެ ފަހަރު މަރުވި މަސްތަކުގެ އަދަދު ގިނަވުމުންނެވެ. ހދ. ވައިކަރަދޫ ބަނދަރުތެރެއިން 20،000 އަށް ވުރެ ގިނަ މަސް އެ ފަހަރު މަރުވި އިރު މުޅި ފަޅުތެރެ އޮތީ ކުނިވެފަ އެވެ.
އަނެއްކާ ވެސް ހަމަ އެ ވާހަކަ އެވެ. މީގެ މަހެއްހާ ދުވަސް ކުރިން ވެސް 20،000 އަށް ވުރެ ގިނަ މަސް މަރުވިއިރު ދޭތެރެ ދޭތެރެއިން ފަޅުތެރޭގައި ކުނިވެގެން މައްޗަށް އަރާފައިވާ މަސްތައް ފެނެ އެވެ.
މީގެ 14 އަހަރު ކުރިން، 2003 ވަނަ އަހަރު ހެދި 250 ފޫޓު ފުޅާ، 1250 ފޫޓުގެ ދިގު ބަނދަރު، އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު ސިފަ ކުރެއްވީ ބިޔަ މަސްޓޭންކެއްގެ ގޮތުގަ އެވެ.
"ފެން ދައުރުވާން ކުޑަތަންކޮޅެއް ކަނޑާފައި އޮންނަ ހަމަ މަސްޓޭންކެއް ކަހަލަ ތަނެއް މިއީ. އެކަމަކު މިތަނުގައި މަހަކަށް ދިރިއެއް ނޫޅެވޭ،" އޭނާ ވިދާޅުވި އެވެ.
ވައިކަރަދޫ އުތުރު ފަރާތު ބަނދަރު 2003 ވަނަ އަހަރު ފުން ކުރި ނަމަވެސް 2013 ވަނަ އަހަރާ ހަމައަށް އެތަނުގެ މަސައްކަތެއް މުޅިން ނުނިމެ އެވެ. ބޭރު ތޮށިލާފައި އޮތަސް ދެ ފަރާތުގައި ހުރަހަށް ތޮށި ނުލައި އޮތުމުން ފަޅުތެރެ އޮތީ ނުބެދި އެވެ. އެކަމަކު 2013 ވަނަ އަހަރު ބަނދަރު ހަލާކުވުމުން މަރާމާތުކޮށް އަލުން އެތަން ހުޅުވީ 2015 ވަނަ އަހަރު އެވެ.
ވައިކަރަދޫ ބަނދަރު: ބަނދަރުގެ ތެރޭގައި އޮޔާއި ފެން ދައުރު ނުވުމުން އޮކްސިޖަން ލެވެލް ދައްވެ، މަސް މަރުވާ ގޮތްވޭ- ފޮޓޯ/ ފޭސްބުކް
މައްސަލަ ދިމާވާން ފެށީ އެހާ ހިސާބުންނެވެ.
އިބްރާހިމް ވިދާޅުވީ ކުރިން ބަނދަރުގެ ދެކޮޅު ނުބައްދާތީ ފަޅުތެރޭގައި ފެންގަނޑު ދައުރުވި ނަމަވެސް، ފަހުން ބަނދަރު ހެދިއިރު ފެނާއި އޮޔެ ދައުރުވާން ހަދާފައިވަނީ ވަރަށް ކުޑަތަންކޮޅެއް ކަމަށެވެ. އޭގެ ސަބަބުން ފަޅުތެރޭގެ ފެންގަނޑު އޮންނަނީ ކުލަ ބަދަލުވެ، އަބަދު ހޫނުވެފައި ކަމަށް ވިދާޅުވި އެވެ.
"އިރުވައިމޫސުމުގައި ދިޔަވަރު ހިކިފައި އޮންނަ ކޮންމެ ދުވަހަކު ފަޅުތެރޭން މަސް މަރުވާނެ. އެންމެ ގިނައިން މަސް މަރުވީ މިދިޔަ މަހުގެ ތެރޭގައި،" އޭނާ ވިދާޅުުވި އެވެ.
އޮއި ދަތުރު ނުކުރާތީ، ކޮނެފައިވާ އެ ސަރަހައްދުގެ މޫދު އަޑީގައި ފެހީގެ ފަށަލައެއް ލެވޭއިރު، ހޫނު ދުވަސްވަރު އެ ނެއްޓި މައްޗަށް އަރަ އެވެ. ފެހީގެ ފަށަލައިގެ ސަބަބުން މޫދުގެ ލޮނުގަނޑު އޮންނަނީ ވެސް ކަޅުކޮށް ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. މީގެ ސަބަބުން ފެނުގެ އޮކްސިޖަން ލެވެލް ދަށްވެ، މަސް މަރުވަނީ އެވެ.
މި ފަދަ ދުވަސްވަރު ފެންގަނޑުން ދުވާނީ ވެސް ކުނި ވަސް ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮޔާއި ފެން ދައުރުވާން އޮންނާނީ 50 ފޫޓުގެ ކުޑަ ތަންކޮޅެއް. އެހެންވެ، އެއްގޮތަކަށް ވެސް ފަޅުތެރޭގައި ފެން ސާކިއުލޭޓެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ވައިކަރަދޫގެ މީހުން ދެކޭގޮތުގައި މިއީ ހައްލު ނުކުރެވޭނެ މައްސަލައެއް ނޫނެވެ.
ވައިކަރަދޫ ފަޅުތެރޭގައި މަރުވެފައިވާ މަސްތައް އެ ރަށުގެ ބަޔަކު ނަގަނީ: މިއީ ފަޅުތެރޭގެ އޮކްސިޖަން ލެވެލް ދަށްވެގެން ވާ ކަމެއް ކަމަށް މެރިން ރިސާޗު ސެންޓަރު ބުނޭ-- ފޮޓޯ/ އަހުމަދު ފާރިޝް
އެއްގޮތަކީ ބަނދަރުގެ ދެ ފަރާތުގައި ހުރަހަށް ލާފައި އޮންނަ ތޮޮށިން ބައެއް ކަނޑާލައި ފެން ދައުރުވާ ގޮތަށް ހެދުމެވެ. އެކަމަކު އެ ބަނދަރު ހަދާފައި އޮންނަނީ އިބްރާހިމް ވިދާޅުވި ގޮތުގައި "ރާޅު ޕޮއިންޓް" އެއްގަ އެވެ. އެހެންވެ، އެގޮތަށް ކަނޑާލައިފި ނަމަ ބިޔަ ރާޅުތައް އައިސް ވަންނަނީ ފަޅުތެރެއަށެވެ. އޭރު ބޭނުން ނުކުރެވޭ ވަރަށް ފަޅުތެރެ ގަދަ ވާނެ އެވެ.
އެހެންވެ، އޭނާ ދެއްވި ހިޔާލަކީ ހުޅިލާ ނަގާ އެ ރާޅުތަކުގެ އަސަރު ކުޑަވާ މިންވަރަށް ކަނޑުތޮށި ދިގު ކުރުމެވެ. އެއީ ގާތްގަނޑަކަށް 70 ފޫޓެެވެ. އެއަށް ފަހު ދެ ފަރާތުން ތޮށި ކަނޑާާލުމުން އެކަށީގެންވާ ގޮތަށް ފެން ދައުރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެން އަނެއް ގޮތަކީ ބަނދަރުގެ ތެރޭގައި ދައުރުވާ އޮޔާއި ފެން ބޭރުވާ ގޮތަށް ކަނޑަށް ހޮޅިއެއް ގުޅުމެވެ.
މި ހިޔާލުތައް އެތައް ފަހަރަކު ކައުންސިލުން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފަ އެވެ. އެކަމަކު އެކަމަށް އެއްވެސް އެދެވޭ ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"މަސްތައް މަރުވާ ކޮންމެ ފަހަރަކު ކަމާ ބެހޭ ފަރާތަށް މިކަން އަންގަން. އެކަމަކު ބަލަމޭ ކިޔާފައި ދެން ގިނަ ފަހަރަށް ހަބަރެއް ނުވާނެ،" އިބްރާހިމް ވިދާޅުވި އެވެ.
ވައިކަރަދޫ ފަޅުތެރޭގައި މަރުވި މަސްތައް ކުނިވެގެން މައްޗަށް އަރަން ފަށާފައި: ބަނދަރުގައި ދައުރުވާ އޮޔާއި ފެން ބޭރުވާން އިންނަނީ 50 ފޫޓުގެ ޖާގައެއް .---ފޮޓޯ: އަހްމަދު ފާރިސް
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީ މަހު ހދ. އަތޮޅަށް ކުރެއްވި ދަތުރެއްގައި ވައިކަރަދުއަށް ވަޑައިގަތުމުން އެކަމާ ގުޅޭގޮތުން ކައުންސިލުން ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި އެއީ މިނިސްޓްރީ އަށް ހައްލު ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އޭގެ ހަތަރު ދުވަސް ފަހުން ބަނދަރު ސާވޭ ކުރަން ދިޔަ މިނިސްޓްރީގެ ޓީމަކުން އެންގީ ބަނދަރާ ގުޅޭގޮތުން ވަގުތުން ގޮތެއް ނިންމުމަށް ކަމަށާއި އެކަމަކު އެ ފަދަ ނިންމުމެއް ނިންމަން ޖެހޭނީ އޮޑިވެރިންނާ ވެސް މަޝްވަރާ ކޮށްފައި ކަމުން އެކަމަށް ވަގުތު ދިނުމަށް އެދުނު ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން އޮޑިވެރިންނާ ވާހަކަ ދައްކާފައި ނިންމި ގޮތް ލިޔުމުން ފޮނުވިން. އެކަމަކު އޭގެ ފަހުން އަދި ހަބަރެއް ނުވޭ."
މިނިސްޓްރީގެ ޓީމުން އެ ރަށަށް ދިޔަ ފަހުން ވެސް މިހާރު ދެ ފަހަރެއްގެ މަތިން ފަޅުތެރެއިން ގިނަ އަދަދެއްގެ މަސް މަރުވެއްޖެ އެވެ. އެހެންވެ، ބަނދަރަށް ހައްލެއް ނައިސް، މަސް މަރުވުން ހުއްޓުވޭނެ ކަމަކަށް ވައިކަރަދޫ ކައުންސިލަކުން ގަބޫލެއް ނުކުރެ އެވެ.
މިއީ އެހެން ބައެއް ރަށްރަށުގައި ވެސް ހިނގާ ކަމެކެވެ. މެރިން ރިސާޗު ސެންޓަރުން ވެސް މިކަން ފާހަގަކޮށްފައި ވެ އެވެ.
އެ ސެންޓަރުން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ބަނދަރު ހަދާފައި ހުންނަ ގޮތުން ފަޅުތެރޭގައި އޮކްސިޖަން މަދުވެ، އެ ފަޅުގެ ދިރުން ގެއްލޭގޮތްވެ އެވެ. އެހެންވެ، ބަނދަރު ހެދުމާއި އެކަން ކުރުމަށް ހުއްދަ ދޭ ފަރާތްތަކުން މިކަމަށް ސަމާލު ވުމަށް އެދިފައި ވެ އެވެ.
ނެއްލައިދޫ ބަނދަރުގައި "ފިނޮޅެއް"
ތ.ގުރައިދޫ ބަނދަރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެ
ފުޅަދޫ ބަނދަރު ހަދަން 24މިލިއަނަށް އެމްޓީސީސީއަށް
މާބައިދޫގެ އާ ނެރާ މެދު ރައްޔިތުން ހިތްހަމަނުޖެހިއްޖެ
47 ބަނދަރަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފި
34 ބަނދަރު ހަދަން 1 ބިލިއަން ރުފިޔާ ހަރަދުކޮށްފި
މަހިބަދޫ ބަނދަރު ހަދަން ސެނޮކްއާ ހަވާލުކޮށްފި
ވައިކަރަދޫން އަދިވެސް މަސް މަރުވަނީ
ބޭނުން ކުރެވޭނެ ނެރެއް ނެތް، ޝަކުވާތައް އިންތިހާ އަށް
ދެކުނު ފަރާތުގައި ނެރެއް ކަނޑައި ބޭނުން ކުރަން ފަށައިފި