Roadha Mihaaru
"ޕަދްމާވަތީ" ރިލީޒް ކުރުން އަންނަ އަހަރަށް

ބަންސާލީގެ "ޕަދްމާވަތީ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފި

13 އެޕްރީލް 2017

ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ފިލްމް "ޕަދްމާވާތީ" އަށް އިންތިޒާރު ކުރަމުން އަންނަ މީހުންނަށް މިއީ ހިތްދަތި ޚަބަރަކަށް ވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ފިލްމް "ޕަދްމާވާތީ" އަށް އިންތިޒާރު ކުރަމުން އަންނަ މީހުންނަށް މިއީ ހިތްދަތި ޚަބަރަކަށް ވާނެ އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ގައި ރިލީޒްކުރަން ތާވަލްކޮށްފައި އޮތް ފިލްމް މިހާރު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ބަންސާލީ އަދި އެއްޗެއް ނުބުނި ނަމަވެސް، "ޕަދްމާވަތީ" އަށް ދާދި ފަހުން ކުރިމަތިވި މައްސަލަތަކާ ހެދި، ކުރިން ރޭވި ގޮތަށް، ރޭވި ތާވަލަށް ފިލްމް ނިންމިދާނެ ކަމާ ދޭތެރޭ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރަށް ފިލްމް ފަސްކޮށް، ފިލްމް އަލުން ރިލީޒް ކުރާނެ ތާރީހެއް މި ފިލްމް އުފައްދާ ފަރާތުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. މި ފިލްމަކީ ބަންސާލީ ޕްރޮޑްކަޝަނާއި ވަޔަކޮމް 18 މޯޝަން ޕިކްޗާސް ގުޅިގެން އުފައްދާ ފިލްމެކެވެ.

"ޕަދްމާވަތީ" ގެ ސެޓަށް ދެ ފަހަރެއްގެ މަތިން ގެއްލުން ދީފައިވާ އިރު، ފިލްމުގެ ޝޫޓިން އަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެެ.

ޖެއިޕޫރުގެ ޝްރީ ރާޖްޕުޓް ކަރްނީ ސޭނާ ގްރޫޕުން އެންމެ ފުރަތަމަ ބަންސާލީއަށާއި "ޕަދްމާވަތީ"ގެ ޖައިގާރް ފޯޓް ސެޓަށް ގެއްލުން ދިނީ، އެ ފިލްމުގައި ރާނީ ޕަދްމިނީ (ދީޕިކާ ޕަދްކޯން) އާއި އަލާއުއްދީން ހިލްޖީ (ރަންވީރު ސިންގް) އާ ދެމެދު ހިނގާ ލޯބީގެ މަންޒަރުތަކެއް ހިމަނާފައިވާ ކަމަށާއި އެއީ ތާރީހު އޮޅުވާލުން ކަމަށް ބުނެ އެވެ.

އޭގެ ފަހުން ކޮން ބައެއްކަން ނޭނގޭ ބަޔަކު ވަނީ ފިލްމުގެ ކޯލަޕޫރުގެ ސެޓްގައި ރޯކޮށްލައި، ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެ ހާދިސާގައި ފިލްމުގައި ބޭނުން ކުރާ އަގު ބޮޑު އަދި ކަވި މަސައްކަތުން އުފައްދާފައިވާ ގިނަ އަދަދެއްގެ ކޮސްޓިއުމް ވަނީ އަނދައިގެން ގޮސްފަ އެވެ.

ދީޕިކާ ޕަދްކޯން: "ޕަދްމާވަތީ" ގެ ޓައިޓްލް ރޯލުން ފެނިގެން ދާނެ.

ދީޕިކާ ޕަދްކޯން: "ޕަދްމާވަތީ" ގެ ޓައިޓްލް ރޯލުން ފެނިގެން ދާނެ.

"ޕަދްމަވަތީ" އަށް ދިމާވި މިފަދަ މައްސަލަތަކާ ހެދި، ފިލްމަށް ކަނޑައެޅި ބަޖެޓަށް ވުރެ، ބޮޑު ހަރަދެއް ވެސް ފިލްމަށް ހިނގާނެ އެވެ. އެހެންވެ މިއީ މީގެ ޕްރޮޑަކްޝަން ޓީމަށް މިހާރު ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

އެކަމަކު "ބަޖިރާއޯ މަސްތާނީ" އިން ނެޝަނަލް އެވޯޑް ހޯދި ބަންސާލީއަކީ ކޮލިޓީ ކޮމްޕްރަމައިޒް ކުރާނެ ޑައިރެކްޓަރަކަށް ނުވާތީ، ވަގުތާއި ހަރަދުތަކެއްކޮށްގެން ބޭނުންވާ ވަރަށް ފެންވަރަށް ފިލްމް ނިންމައިގެން ނޫނީ ރިލީޒް ކުރާނެ ކަމަކަށް ނުބެލެވެ އެވެ.

އެހެންވެ މިހާރު އެންމެ ބޮޑު ސުވާލަކީ ދީޕިކާ އާއި ޝާހިދު ކަޕޫރު އަދި ރަންވީރު ލީޑް ރޯލުން ފެނިގެންދާ "ޕަދްމާވަތީ" ސްކްރީނަށް އަންނާނީ ކޮން އިރަކުތޯ އެވެ؟