Roadha Mihaaru
ހައިޖެކް ކުރި ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

ހައިޖެކް ކުރި ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

10 އެޕްރީލް 2017

މޮގަދިޝޫ (އެޕްރީލް 10) - ސޯމާލިއާގެ ކަނޑުފޭރޭ މީހުން ގަލްފް އޮފް އަދަނުން ހައިޖެކްކުރި ބޯޓުގައި ތިބި 19 ފަޅުވެރިން ސަލާމަތްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮގަދިޝޫ (އެޕްރީލް 10) - ސޯމާލިއާގެ ކަނޑުފޭރޭ މީހުން ގަލްފް އޮފް އަދަނުން ހައިޖެކްކުރި ބޯޓުގައި ތިބި 19 ފަޅުވެރިން ސަލާމަތްކޮށްފި އެވެ.

ޔަމަނުގެ އައްސޭރިން 75 މޭލު ދުރުން ލަކުޑި ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ބޯޓު ހައިޖެކްކުރި ކަމުގެ މެސެޖް މެރިޓައިމް އޮފިޝަލުންނަށް ލިބިފައި ވަނީ ހޮނިހިރު ދުވަހު އެވެ. ތުވާލޫގެ ދިދަ ނަގާފައިވާ ބޯޓު ހައިޖެކްކުރުމާ އެކު އެ ސަރަހައްދުގައި އުޅުނު އިންޑިއާ، ޕާކިސްތާން އަަދި ޗައިނާގެ ބޯޓްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ޗައިނާގެ ޓީމަކުން ވަނީ ހައިޖެކްކުރި ބޯޓަށް އަރައިފަ އެވެ.

ގަލްފް އޮފް އަދަން ކަނޑުން ދަތުރުކުރާ ކާގޯ ބޯޓުތަކަށް ރައްކާތެރިކަން ދޭ ދުބާއީގައި ހިންގާ ޔޫކޭ މެރިން ޓްރޭޑް އޮޕަރޭޝަން އިން ބުނީ ހައިޖެކްކުރި ބޯޓުގައި ތިބި ހުރިހާ ފަޅުވެރިން ވެސް ސަލާމަތްކޮށްފައިވާ ކަމަށާއި އެ މީހުން ރައްކާތެރިކަމުގެ ހިސާބަކަށް މިހާރު ގެންދާ ކަމަށެވެ.

ޔޫކޭ މެރިން ޓްރޭޑް އޮޕަރޭޝަނުން ބުނީ ހައިޖެކްކުރި ބޯޓުގައި ތިބީ ސީރިއާގެ ބައެއް ކަމަށެވެ. ނަމަވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އެ ބޯޓުގައި ތިބީ ފިލިޕީންސް މީހުން ކަމަށެވެ.

އިންޑިއާ އިން ލިބޭ ރިޕޯޓްތައް ބުނާ ގޮތުގައި ހައިޖެކްކުރީ މެލޭޝިއާގެ ކެލަންގާއި ޔަމަނުގެ އަދަނާ ދެމެދު ދަތުރު ކުރާ ބޯޓެއް ކަމަށެވެ.

މީގެ މަހެއްހާ ދުވަސްކުރިން ވެސް ވަނީ މި ސަރަހައްދުން، ލަންކާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރެއް ކަނޑު ފޭރިފަ އެވެ. އެ ބޯޓު ފަހުން ވަނީ ދޫކޮށްލައިފަ އެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ސޯމާލިއާގެ ސަރަހައްދުގައި ހިންގި ކަނޑުފޭރުމުގެ ފުރަތަމަ ހާދިސާ އެވެ.

ސޯމާލިއާގެ ސަރަހައްދުގައި ހިންގާ ކަނޑުފޭރުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ކަނޑު ފޭރުމުގެ ހާދިސާތައް 2011 ވަނަ އަހަރު އިންތިހާ އަށް މައްޗަށް ދިއުމުން ބައިނަލްއަގުވާމީ ސިފައިން ވަނީ އެ ސަރަހައްދު ވަރަށް ރަނގަޅަށް ބަލަހައްޓަން ފަށައިފަ އެވެ.