Roadha Mihaaru
އެމެރިކާގެ ވައިގެ ހަމަލާއަކީ ކުރި މޮޔަ ކަމެއް: އަސަދު

އެމެރިކާގެ ވައިގެ ހަމަލާއަކީ ކުރި މޮޔަ ކަމެއް: އަސަދު

07 އެޕްރީލް 2017

ދިމިޝްގު (އެޕްރީލް 7) - ސީރިއާގެ މެދުތެރޭގެ ހިސާބަކަށް އެމެރިކާ އިން މިސައިލް ހަމަލާ ދިނުމަކީ އެ ގައުމުން ކުރި ވަރަށް މޮޔަ އަދި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ރައީސް ބައްޝާރުލް އަސަދުގެ އޮފީހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އެޕްރީލް 7) - ސީރިއާގެ މެދުތެރޭގެ ހިސާބަކަށް އެމެރިކާ އިން މިސައިލް ހަމަލާ ދިނުމަކީ އެ ގައުމުން ކުރި ވަރަށް މޮޔަ އަދި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ރައީސް ބައްޝާރުލް އަސަދުގެ އޮފީހުން ބުނެފި އެވެ.

"އެމެރިކާ އިން ކުރީ ވަރަށް ޒިންމާދާރުކަން ކުޑަ، ސިޔާސީ އަދި އަސްކަރީ ގޮތުން ބެލި ނަމަވެސް ކަނު އަމަލެއް،" އަސަދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މެޑިޓެރޭނިއަންގައިވާ އެމެރިކާގެ މަނަރުތަކުން ފޮނުވާލި މިސައިލްތައް ވަނީ ސީރިއާގެ ޝޭރާތު ވައިގެ މަރުކަޒަށް އަރައިފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ ސީރިއާގައި އަންގާރަ ދުވަހު ކެމިކަލް ހަމަލާ ދިނުމަށް ބޭނުންކޮށްފައި ވަނީ މި ވައިގެ މަރުކަޒު ކަމަށެވެ. ނަމަވެސް ސީރިއާ ސަރުކާރުން އެކަން ދޮގުކުރެ އެވެ. ސީރިއާ އިން ބުނެފައި ވަނީ ކެމިކަލް ލީކުވެފައި ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ގުދަނަކަށް ހަމަލާ އެރުމުން ކަމަށެވެ.

އަސަދުގެ އޮފީހުން ބުނެފައި ވަނީ އެމެރިކާ އިން ވައިގެ ހަމަލާ ދިނުމުން، އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ދޭ ހަމަލާތައް އިތުރު ކުރާނެ ކަމަށެވެ.

"އެމެރިކާ އިން ހަމަލާ ދިނުމުން އިދިކޮޅު ހަނގުރާމަވެރިން ބަލިކުރުމަށް ސީރިއާގެ ހިތްވަރު ގަދަވެއްޖެ،" ބަޔާނުގައި ބުނެފައިވެ އެވެ.

މިއީ އެމެރިކާ އިން ސީރިއާ އަށް ސީދާ ހަމަލާ ދިން ފުރަތަމަ ފަހަރެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެންމެ ބޮޑު އަސްކަރީ އެއް ނިންމެވުމެވެ.