Roadha Mihaaru
އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް ހުއްޓާލައިފި

އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް ހުއްޓާލައިފި

02 އެޕްރީލް 2017

ރާއްޖެގައި ފެތުރުނު ހުމާއި އަރިދަފުސް ރޯގާ އާއި ސްވައިން ފްލޫއާ ގުޅިގެން ބަލިމީހުންނަށް ފަރުވާ ދިނުމަށް މިދިޔަ މަހު އައިޖީއެމްއެޗްގައި ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް މިއަދު ހުއްޓާލައިފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

ރާއްޖެގައި ފެތުރުނު ހުމާއި އަރިދަފުސް ރޯގާ އާއި ސްވައިން ފްލޫއާ ގުޅިގެން ބަލިމީހުންނަށް ފަރުވާ ދިނުމަށް މިދިޔަ މަހު އައިޖީއެމްއެޗްގައި ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް މިއަދު ހުއްޓާލައިފި އެވެ.

އައިޖީއެމްއެޗުގެ ޑިރެކްޓަރު ޕަބްލިކް ރިލޭޝަންސް އަހްމަދު މައުސޫމް ވިދާޅުވިގޮތުގައި މިކްލިނިކް ހުއްޓައިލީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ހެލްތު އެލާޓް މިދިޔަ ބުރާސްފަތި ދުވަހު ކެންސަލް ކުރުމާ ގުޅިގެންނެވެ. އަދި ހުމާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުންގެ ނިސްބަތް ވެސް މަދުވުމާއި ގުޅިގެން އެ ހޮސްޕިޓަލުން ބުންޏެވެ.

މާލޭގައި ހަލުވިކަމާ އެކު ހުމާއި އަރިދަފުސް ރޯގާ ހަލުވިކަމާ އެކު ފެތުރި، އައިޖީއެމްއެޗްގެ ފްލޫ ކްލިނިކަށް ބާރު ބޮޑުވުމާ ގުޅިގެން، ކުޑަ ދުވަސްކޮޅަކަށް ތާޖުއްދީން ސްކޫލްގައި ވެސް ފްލޫ ކްލިނިކް ހިންގި އެވެ. ތާޖުއްދީން ސްކޫލްގައި ހިންގި ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރީ މިދިޔަ މަހު 24 ވަނަ ދުވަހު އެވެ.

މި ރޯގާތަކުގެ ސަބަބުން، މިޑްޓާމް ބްރޭކާ އެކު 15 ވަރަކަށް ދުވަހު ސްކޫލްތައް ބަންދު ކުރުމަށް ފަހު މިއަދު ވަނީ އަލުން ކިޔަވައިދޭން ފަށައިފަ އެވެ.

މި ރޯގާތަކުގެ ތެރެއިން 222 މީހަކަށް ސްވައިން ފްލޫ ޖެހުނެވެ. އޭގެ ތެރެއިން ހަ މީހަކު މަރުވި އެވެ.

ރޯގާގެ ބަލިމަޑުކަމާ ގުޅިގެން ހުޅުވި ފްލީ ކްލިނިކް ބަންދު ކުރިޔަސް، ކުރިއެކޭ އެއްގޮތަށް އައިޖީއެމްއެޗްގެ އިމަޖެންސީ ބައިން ހުމާއި ރޯގާ އަށް ފަރުވާ ލިބޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.