Roadha Mihaaru
ނާގޯށީގެ މައްސަލަ ހައްލުނުވެ ރިޕޯޓް ނުނެރެވިފައި

ނާގޯށީގެ މައްސަލަ ހައްލުނުވާތީ އެމްޓީޑީސީގެ މާލީ ރިޕޯޓް ނުނެރެވިފައި

02 އެޕްރީލް 2017

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަނިކޮށް ސަރުކާރުން އަތުލި، ހދ. ނާގޯށީގެ މައްސަލަ ހައްލުނުވާތީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓް ނެރުން ލަސްކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަނިކޮށް ސަރުކާރުން އަތުލި، ހދ. ނާގޯށީގެ މައްސަލަ ހައްލުނުވާތީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓް ނެރުން ލަސްކޮށްފި އެވެ.

ރިސޯޓްތައް ހިންގައިގެން ޓޫރިޒަމްގެ ފައިދާ ގިނަ ބަޔަށް ހޯދައިދިނުމުގެ ނަމުގައި އުފެއްދި ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ރިޕޯޓް ނެރުން ލަސްވަނީ ނާގޯށީގެ އެއްބަސްވުން އުވާލުމާ ގުޅިގެން އެ ކުންފުންޏަށް ގެއްލުން ނުވާނެ ގޮތަށް ނުވަތަ އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް ހައްލުކުރަން ސަރުކާރާ އެކު މަޝްވަރާކުރަމުންދާތީ ކަމަށެވެ. އަދި ސަރުކާރާ އެކު ކުރަމުން އަންނަ މަޝްވަރާގައި އެ ކުންފުނީގެ މަސްލަހަތަށް ރިއާޔަތްކުރެވި ފައިދާވާނެ ހައްލެއް ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީޑީސީން ވަނީ ހިސާބުތައް އާއްމުނުކުރެވޭތީ ކުންފުނީގެ ހިއްސާދާރުންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި ވަރަށް އަވަހަށް ހިސާބުތައް އާއްމުކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެމްޓީޑީސީން ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓް ނެރެން ޖެހެނީ ޖެނުއަރީ މަސް ނިމުމުގެ ކުރިންނެވެ.

މާލީ މައްސަލަތަކެއް ކުރިމަތިވެ، އަޑިއަޅާލާފައިވާ އެމްޓީޑީސީއަށް ސަރުކާރުން ދިން ވަރަށް ގިނަ ރަށްތައް ނުހެދި އެތައް އަހަރެއް ވި ފަހުން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ. އެގޮތުން ނާގޯށީގެ އެއްބަސްވުން މިދިޔަ އަހަރު ބާތިލުކުރުމަށް ފަހު އެ ރަށް ތަރައްގީކުރަން ސަރުކާރުން ވަނީ ބަޔަކާ ހަވާލުކުރަން ނިންމައިފަ އެވެ.

ހދ. ނެއްލައިދޫގެ ބަނދަރު ހުޅުވަން މިދިޔަ އޮކްޓޯބަރު 25ގައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ނާގޯށި ތަރައްގީކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. އެހެންކަމުން، އެމްޓީޑީސީ އަށް ދިގު މުއްދަތަކަށް ދޫކޮށްފައިވާ އެ ރަށް ތަރައްގީ ކުރެވޭނެ ގޮތަކަށް، އަމިއްލަ އިންވެސްޓަރުން ހޯދަން ސަރުކާރުން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޓީޑީސީން ސަބްލީސްކޮށްގެން ތަރައްގީކުރާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ގިނަ އެނދު ހިމެނޭ ރިސޯޓުގެ ގޮތުގައި ނާގޯށި ހަދަން އެމްޓީޑީސީން ހަވާލުކުރީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ތްރީ ކޭ އިންޓަނޭޝަނަލްއާ އެވެ. އެ ރަށް ހިންގުމުގެ އެއްބަސްވުމެއްގައި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ކާލްސަންއާ އެކު ތްރީ ކޭއިން 2011 ގައި ސޮއިކުރުމަށް ފަހު ބުނެފައިވަނީ 2012 ގައި އެ ރިސޯޓް ހުޅުވޭނެ ކަމަށެވެ.

ނާގޯށި މި އަހަރުގެ މެދު ތެރޭގައި ހުޅުވޭނެ ކަމަށް އެމްޓީޑީސީން މި އަހަރުގެ ކުރީކޮޅު ބުނެފައިވެ އެވެ.