Roadha Mihaaru
ޗެލްސީ ބަލިވުމުގެ ފައިދާ ޓޮޓެންހަމަށް

ޗެލްސީ ބަލިވުމުގެ ފައިދާ ޓޮޓެންހަމަށް

02 އެޕްރީލް 2017

ލަންޑަން (އޭޕްރީލް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 އިން ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ ބަލިވުމުގެ ފައިދާ، ރަށުން ބޭރުގައި 2-0 އިން ބާންލީ ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން ނަގައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޭޕްރީލް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 އިން ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ ބަލިވުމުގެ ފައިދާ، ރަށުން ބޭރުގައި 2-0 އިން ބާންލީ ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން ނަގައިފި އެވެ.

ރޭގެ ބައްޔާ އެކު ލީގު އެއް ވަނައިގައި ޗެލްސީގެ ލީޑު ވަނީ ހަތް ޕޮއިންޓަށް ކުޑަވެފަ އެވެ. ޗެލްސީ އެއް ވަނައިގައި އޮތީ 29 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ދެ ވަނައިގައި އޮތީ 29 މެޗުން 62 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ ރޭ އެވަޓަން އަތުން 3-1 އިން މޮޅުވި ލިވަޕޫލް އެވެ. ލިވަޕޫލަށް ވަނީ 30 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ.

މިއީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ލިވަޕޫލް އަތުން ބަލިވި ފަހުން ޗެލްސީ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ޗެލްސީން އަމިއްލަ ދަނޑުގައި ކުޅުނު 10 މެޗުން ވަނީ މޮޅުވެފަ އެވެ.

ރޭގެ މެޗުގެ ފަސް ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑު ނަގައިދިނީ އެޑެން ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ސެސް ފަބްރެގަސް އެވެ. ޗެލްސީ އަށް ލީޑު ހިފަހައްޓާލެވުނީ ހަތަރު މިނިޓަށެވެ.

ޕެލަސް އިން ވަނީ 91 ސިކުންތު ތެރޭގައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. ޕެލަސް އަށް އެއްވަރުކޮށްދިނީ މެޗުގެ ނުވަ ވަނަ މިނިޓްގައި އައިވަރީ ކޯސްޓުގެ ފޯވާޑް ވިލްފްރިއެޑް ޒަހާ އެވެ. އޭގެ މިނިޓެއް ފަހުން ޕެލަސް އަށް ލީޑު ނަގައިދިން ލަނޑު ޖެހީ ކައުންޓަ އެޓޭކެއްގައި ޒަހާ ދިން ބޯޅަ އަކުން ކްރިސްޓިއަން ބެންޓެކޭ އެވެ.

ރޭގެ މެޗުގައި ޗެލްސީން ވަނީ ޕެލަސްގެ ގޯލަށް 24 ހަމަލާ ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް ޕެލަސް ކީޕަރު ވޭން ހެނެއްސޭ ވަނީ އެ ބޯޅަތައް ދިފާއުކޮށްފަ އެވެ.

ބާންލީ ކޮޅަށް ޓޮޓެންހަމުން ދެ ލަނޑު ވެސް ކާމިޔާބުކުރީ ދެ ވަނަ ހާފްގަ އެވެ. ފުރަތަމަ ލަނޑު ޖެހީ މެޗުގެ 66 ވަނަ މިނިޓްގައި އެރިކް ޑަޔާ އެވެ. އަނެއް ލަނޑު ކާމިޔާބުކުރީ ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން އެވެ.

އަނިޔާއާ ސަސްޕެންޝަންގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅުނު މެންޗެސްޓާ ޔުނައިޓެޑް ރޭ ވަނީ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި ވެސްޓް ބްރޮމްއާ އެއްވަރުވެފަ އެވެ.

އެވަޓަން ކޮޅަށް ލިވަޕޫލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ސަޑިއޯ މާނޭ އާއި ފިިލިޕޭ ކޯޓީނިއޯ އަދި ޑިވޮކް އޮރީގީ އެވެ. އެވަޓަންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ މެތިއު ޕެނިންޓަން އެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ހަލް ސިޓީ ވަނީ ފަހަތުން އަރައި 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ލެސްޓާ ސިޓީ 2-0 އިން ސްޓޯކް ސިޓީގެ މައްޗަށް ކުރިހޯދި އިރު، ވަޓްފޯޑް ވަނީ 1-0 އިން ސަންޑަލެންޑް ބަލިކޮށްފަ އެވެ. އަދި ސައުތެމްޓަނާއި ބޯންމައުތު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.