Roadha Mihaaru

ތަނެއް ކުއްޔަށްދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން އެތައް ލައްކަ ރުފިޔާ ނެގި މީހަކު ޖަލަށް

އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން އެތައް ލައްކަ ރުފިޔާއެއް މަކަރާއި ހީލަތުން ނެގި މީހެއްގެ ޖަލު ހުކުމް ލުއިކޮށްދީ 115،200ރ. ގެ ޖޫރިމަނާއެއް ދައްކަން ކުރި ހުކުމަށް އަމަލު ނުކުރުމުން އެ މީހާ ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މަކަރާއި ހީލަތުން ފައިސާ ނަގަމުން ދިޔަ މީހަކު ޖަލަށް

އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން އެތައް ލައްކަ ރުފިޔާއެއް މަކަރާއި ހީލަތުން ނެގި މީހެއްގެ ޖަލު ހުކުމް ލުއިކޮށްދީ 115،200ރ. ގެ ޖޫރިމަނާއެއް ދައްކަން ކުރި ހުކުމަށް އަމަލު ނުކުރުމުން އެ މީހާ ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެއް އަހަރާއި ފަސް މަހާއި 24 ދުވަހަށް ޖަލަށް ލާން މިދިޔަ އަންގާރަ ދުވަހު ހުކުމްކުރީ މއ. ބުލާޝަންގޭ އަބްދުﷲ ހުޝާމް އެވެ.

ޓެކުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ކުރިން ހުކުމްކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. އެ ފަހަރު ހުކުމްކުރީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް 115،200ރ. ގެ ޖޫރިމަނާއަކަށް ބަދަލުކޮށް، އެ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މީރާ އަށް އެ ފައިސާ ދައްކައި ނިންމުމަށެވެ.

ހުޝާމަށް ދިން މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ އަދަބު މުރާޖައާކޮށްދިނުމަށް އެދި ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާ މިހާތަނަށް ދައްކާފައިވަނީ އެންމެ 6،700ރ. އެވެ.

އަދަބު މުރާޖައާކުރުމުގެ އަޑުއެހުމަށް މާޗް މަހުގެ 17 ވަނަ ދުވަހު ހާޒިރުވާން އަންގައި ޗިޓް ފޮނުވުމުން ހުޝާމް ވަނީ މަގުބޫލު ސަބަބެއް ނެތި ހާޒިރު ނުވެފައި ކަމަށާއި އަދި ދެ ވަނަ ފަހަރަށް ޗިޓް ފޮނުވުމުން، ބަލިވެ އުޅޭ ކަމަށް ބުނެ ސިޓީއެއް ފޮނުވި ކަމަށާއި އެކަމަކު މެޑިކަލް ސެޓްފިކެޓެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ނިންމުމުގައިވެ އެވެ. އޭގެ ފަހުން އެތައް ފަހަރަކު އޭނާ ކޯޓަށް ހާޒިރުކުރަން އުޅެ އެކަން ކާމިޔާބު ނުވުމުން ހާޒިރުކުރީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ.

ހުޝާމްގެ މައްޗަށް ކުށް ސާބިތުވި ދައުވާގައިވާ ގޮތުން އޭނާ ވަނީ ފަސް މީހެއްގެ އަތުން 900،000ރ. ނަގައިފަ އެވެ. އެއީ މއ. ބުލާޝަމްގޭގެ އެޕާޓްމަންޓެއް ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ ނަމުގައި 2015 ވަނަ އަހަރުން ފެށިގެން އެކި ދުވަސްވަރު އެކި މީހުންގެ އަތުން އެޑްވާންސްގެ ގޮތުގައި ނަގާފައިވާ ފައިސާ އެވެ. އޭނާ ގެންދިޔައީ އެކަކަށް އެޕާޓްމަންޓު ދިނުމަށް އެއްބަސްވުން ހަދައި ފައިސާ ނެގުމަށް ފަހު ތަން ހަވާލުނުކޮށް އަނެއްކާ އެހެން މީހަކާ އެކު އެއްބަސްވުން ހަދައި ފައިސާ ނަގަމުންނެވެ.

ހުޝާމް ވަނީ އޭނާގެ މައްޗަށް މި މައްސަލައިގައި ކުރި ދައުވާއަށް އިންކާރުކޮށްފަ އެވެ. އެކަމަކު ހުށަހަޅާފައިވާ ހެއްކަށް ބިނާކޮށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ.

ޓެކުމުގެ ކުށް ސާބިތުވެ އިއްވި ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކޮށްދިން ނަމަވެސް އެ ފައިސާ ވެސް ދައްކާފައި ނުވާތީ އެ އަދަބު ޖަލު ހުކުމަށް ބަދަލުކުރީ އެވެ.