Roadha Mihaaru

އައިއޭއީއޭގެ މެމްބަރުކަން ރާއްޖެއަށް ދޭން ފާސްކޮށްފި

ނިއުކްލިއާ ހަކަތައާބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާ ކަމަށްވާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ މެންބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް އެ ޖަމިއްޔާއިން މިއަދު ފާސްކޮށްފި އެވެ.

އައިއޭއީއޭގެ މެމްބަރުކަން ރާއްޖެއަށް ދޭން ފާސްކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

15 ސެޕްޓެމްބަރ 2025

ނިއުކްލިއާ ހަކަތައާބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާ ކަމަށްވާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ މެންބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް އެ ޖަމިއްޔާއިން މިއަދު ފާސްކޮށްފި އެވެ.

ރާއްޖެއިން އައިއޭއީއޭގެ މެމްބަރުކަން ހޯދުމަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އައިއޭއީއޭގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސުން އެ ނިންމުން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ އާންމު ބައްދަލުވުމުގަ އެވެ.

ރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމަށް ނިންމާފައި ވަނީ އައިއޭއީއޭގެ މެންބަރު ގައުމުތަކުގެ އަގުލަބިއްޔަތުންނެވެ.

އެ ބައްދަލުވުމުގައި، ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

އެ ކޮންފަރެންސްގެ ވާހަކަ ދައްކަވަމުން ޑރ. ސަލްމާ ވަނީ ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހިއްސާކުރައްވައި، އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ދާއިރާއިން ހައްލު ހޯދުމަށް، ބައިނަލްއަގުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން އޭނާ ވަނީ އައިއޭއީއޭގެ މެމްބަރުކަން ރާއްޖެއަށް ލިބުމަކީ ގައުމީ ފެންވަރުގައި ހާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށާއި އެއީ ދުނިޔޭގެ ސަލާމަތާއި ތަރައްގީ ކަށަވަރު ކުރުމަށް ކުދި ގައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

އައިއޭއީއޭގެ މެމްބަރުކަން ރާއްޖެއަށް ލިބުމުން، ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވެސް ސަލްމާ ރަޝީދު ވިދާޅުވި އެވެ.

ރާއްޖެއިން އައިއޭއީއޭގެ މެމްބަރު ގައުމަކަށް ހުށަހެޅީ ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއާ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެ އޭޖެންސީގެ އެހީ ހޯދުމަށެވެ. އައިއޭއީއޭއަކީ އަސްކަރީ ބޭނުންތަކަށް ނިއުކްލިއާ ބޭނުންކުރުން ހުއްޓުވައި، ސައިންސާއި ސިއްހީ އަދި ދަނޑުވެރިކަން ފަދަ އިޖްތިމާއީ ބޭނުންތަކަށް ހަކަތަ ބޭނުންކުރުން އިތުރުކުރަން 1957 ވަނަ އަހަރު އދ. ގެ ދަށުން އުފެއްދި ޖަމާއަތެކެވެ. ނިއުކްލިއާ ހަކަތައާ ބެހޭ ދުނިޔޭގެ މައި އިދާރާއަކީ އައިއޭއީއޭ އެވެ.