Roadha Mihaaru

ފަލާހް ވިދާޅުވަނީ މީޑިއާ ބިލުން ސޯޝަލް މީޑިއާ ބަންދު ނުވާނެ ކަމަށް

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލުގައި، އާއްމުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދުވާ ގޮތެއް ނެތް ކަމަށް، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ފަލާހް ވިދާޅުވަނީ  ސޯޝަލް މީޑިއާ ބަންދުނުވާނެ ކަމަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

13 ސެޕްޓެމްބަރ 2025

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލުގައި، އާއްމުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދުވާ ގޮތެއް ނެތް ކަމަށް، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު، އަބްދުލް ހަންނާނު ހުށަހަޅުއްވާފައިވާ އެ ބިލު ފާސްވިއަސް، ފޭސްބުކާއި ޓިކްޓޮކް އަދި ޓްވިޓާ އެކައުންޓުތައް ބަންދުވާ ގޮތަކަށް ނެތް ކަމަށެވެ.

އެހެންވެ، "ގަދައަށް ސޯޝަލް މީޑީއާ ބޭނުންކުރަންވީ" ކަމަށް ފަލާހު ވިދާޅުވި އެވެ.

އެހެން ވިދާޅުވިއަސް، އެ ބިލުގައި މީޑިއާ ކަމަށް ބަލާފައިވަނީ ޓީވީ، ރޭޑިއޯ، އިންޓަރެކްޓިވް ސީޑީއަށާއި ވެބްސައިޓް، ދުވަހު ނޫސްތަކަށާއި ހަފުތާ ނޫސްތައް، މަޖައްލާތަކާއި ޓްރޭޑު ޕަބްލިކޭޝަންތަކާއި އެނޫން ވެސް ނަން ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލާއި އިޝްތިހާރު އާއްމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ އަގަކާ ނުލާ ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކަށެވެ.

އޭގެ އިތުރުން، އެ ބިލުގައި ނޫހާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް، އެ މީޑިއާއާ ގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށް ބުނެފައިވެ އެވެ. އަދި ނޫސްވެރިންނާ ގުޅޭގޮތުން ބިލުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް، އެ މީހުންނާ ގުޅޭގޮތުން ހިނގާނެ ކަމަށެވެ.

އެ މާއްދާ އިތުރަށް ތަފްސީލު ކޮށްދެއްވަމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެފައިވާ ގޮތުގައި، ޑިޖިޓަލް ސްޓޯރޭޖް މީޑިއާއަކީ ޑިޖިޓަލް ފައިލްތަކާއި ޑޮކިއުމެންޓްތަކާއި ފޮޓޯތަކާއި ވީޑިއޯތަކާއި ސޮފްޓްވެއާތަކާއި ސިސްޓަމް ޑޭޓާތައް ރައްކާ ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ކަމަށެވެ.