Roadha Mihaaru

ނޫސްވެރިން އުލުބައިންދަން ގޮވުމުން ފަލާހު ހޫނު ފެނަށް

ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ އަށް ފާޑުކިޔައި "ހޫނުފެނަށް" ވައްޓާލައިފި އެވެ.

ނޫސްވެރިން އުލުބައިންދަން ގޮވުމުން ފަލާހު ހޫނު ފެނަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

27 އޯގަސްޓް 2025

ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ އަށް ފާޑުކިޔައި "ހޫނުފެނަށް" ވައްޓާލައިފި އެވެ.

މި އަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ގެ ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އެއީ މުހިއްމު ބިލެއް ކަމަށާއި މިއީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެެވެ.

"މި ބިލަކުން މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން އަދި. އެއްވެސް ފަރާތަކަށް ނުހައްގުން އަދަބެއް ދެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ފަލާހު ވިދާޅުވި ގޮތުގައި ބިލަށް އިސްލާހެއް ގެންނަން ބޭނުން ނަމަ ކޮމިޓީ މަރުހަލާގައި މަޝްވަރާ ކުރެވިދާނެ އެވެ.

މީޑިއާގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށް ވިދާޅުވެ ފަލާހު ވަނީ އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" ބޭފުޅެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށާއި އޭގެ ސަބަބުން އާއިލާ އަށް ވެސް އޭގެ އަސަރުކުރި ކަމަށެވެ.

އެފަދަ ކަންކަން ކުރާ ނަމަ ނޫސްވެރިން ޖަލަށް ލުމުގެ ބަދަލުގައި "އުލުބައިންދަންވީ" ކަމަށް އޭނާ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް މިއަދު ވިދާޅުވި އެވެ.

"މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން ލާންވީ. އުލުބައިންދަންވީ. އުލުބައިންދަންވީ އިނގޭތޯ ރައީސް. ސީދާ އުލުބައިންދަންވީ އެ ގޮތަށް މަސައްކަތްކުރާ ބޭފުޅުން،" ފަލާހު ވިދާޅުވި އެވެ. ނަމަވެސް ފަލާހު އެ ވިދާޅުވާ ވީޑިއޯގެ ވާހަކަ ފެތުރީ ސޯޝަލް މީޑިއާގަ އެވެ.

ރަދީފުގައިވާ ގޮތުން އުލުބޭންދުމަކީ އިހުޒަމާނުގައި މީހުން މަރަން ހަދާ ގޮތެކެވެ.

ނޫސްވެރިންނަށް ނިސްބަތްކޮށް އެފަދަ ގޮތަކަށް ފަލާހު ވާހަކަ ދެއްކެވި މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބުނީ މީޑިއާއަށް އަނިޔާކޮށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް ގޮވާލުމަކީ ނޫސްވެރިންނާއި މީޑިއާތަކަށް ބިރު ދައްކައި އެ މީހުންގެ މައްޗަށް އަނިޔާވެރިވުމަށް ހިތްވަރުދޭ ގޮތަށް ދެއްކެވި ވާހަކަތަކެއް ކަމަށް ދެކޭ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލެއްވި މައްސަލާގައި ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް އެމްޖޭއޭ އިން ގޮވާލި އެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކަށް މާފަށް އެދުމަށް ވެސް އިލްތިމާސް ކުރި އެވެ.

އެ މައްސަލާގައި އާންމުންނާއި ނޫސްވެރިންގެ ފާޑުކިޔުން ވެސް ފަލާހަށް ވަނީ އަމާޒުވެފަ އެވެ. އަދި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ފަލާހުގެ ވާހަކަތައް ކުށްވެރިކޮށް ބަޔާން ނެރެފަ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މެމްބަރުން ވަނީ ފަލާހުގެ ވާހަކަތައް ކުށްވެރިކޮށް ނޫސްވެރިންގެ ކިބައިން އޭނާ މާފަށް އެދުމަށް ގޮވާލައިފަ އެވެ.