Roadha Mihaaru

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ނައިބު ރައީސްކަމަށް ރާއްޖެ ހޮވައިފި

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ނައިބު ރައީސްކަމުގެ މި އަހަރުގެ ބާކީ އޮތް ދައުރަށް ރާއްޖެ ހޮވައިފި އެވެ.

އދ.ގެ އެޗްއާރުސީގެ ނައިބު ރައީސްކަމަށް ރާއްޖެ

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ނައިބު ރައީސްކަމުގެ މި އަހަރުގެ ބާކީ އޮތް ދައުރަށް ރާއްޖެ ހޮވައިފި އެވެ.

އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ އިދާރީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޮވާފައިވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.

މި މަޤާމަށް ސަލްމާގެ ނަން ހުށަހަޅާފައިވަނީ އޭޝިއާ ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން ކައުންސިލްގެ ބިއުރޯގައި އެ ގުރޫޕަށް ނިސްބަތްވާ ގައުމުތައް ތަމްސީލު ކުރުމަށެވެ.

ޑރ. ސަލްމާގެ އިތުރުން މަޖިލީހުގެ ބިއުރޯގެ އެހެން ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ ޗިލޭ، ކޮންގޯ އަދި ރޮމޭނިއާ ގެ ދާއިމީ މަންދޫބުންނެވެ.

މި މަގާމަށް ރާއްޖޭގެ މަންދޫބަކު ހޮވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއީ ރާއްޖެއަށް ލިބުނު ފަހުރެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ރާއްޖެއަކީ އަބަދުވެސް ހަރުއަޑުން ވަކާލާތުކުރާ ގައުމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރާއްޖޭން މީގެ ކުރިން ވެސް ވަނީ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި 2011 އިން 2013 ވަނަ އަހަރުގެ ނިޔަލަށް އަދި 2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފަ އެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްދާ ދައުރުގައިވެސް ރާއްޖެއަކީ މަޖިލީހުގެ މެންބަރެކެވެ. އަދި، ރާއްޖޭން ވަނީ 2013 ވަނަ އަހަރާއި 2023 ވަނަ އަހަރު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމު އަދާކޮށްފަ އެވެ.